ގެދޮރުވެރިކަމުގެ ކޮމިޓީގެ ބައްދަލުވުމެއް ނުބާއްވާތާ ހަ މަސް ވަނީ

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލް ކޮމިޓީ މަރުހަލާގައި ތާށިވެފައި ވާއިރު، އެ ބިލް ދިރާސާކުރާ ގެދޮރުވެރިކަމުގެ ކޮމިޓީގެ ބައްދަލުވުމެއް ވެސް ނުބާއްވާތާ ހަ މަސްވަރު ވެއްޖެ އެވެ. 

ޕީއެންސީއަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު މިދިޔަ އަހަރުގެ މެއި 7 ގައި ހުށަހެޅުއްވި ބޯހިޔާވަހިކަމުގެ ބިލް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ ނޮވެމްބަރު 5، 2025 ގައެވެ. 

އެ ކޮމިޓީގެ މުގައްރިރަކީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. 

ކޮމިޓީގައި އޮތް ހަމައެކަނި މަސައްކަތަކީ  ބޯހިޔަވާހިކަމުގެ ބިލް ދިރާސާކުރުމެވެ. 

ބިލް ދިރާސާކުރުން ދިގުލައިގެން ގޮސްފައި ވަނީ ފަލާހުގެ ސަބަބުން ކަމަށް ކޮމިޓީގައި ތިއްބެވި ޕީއެންސީގެ ބައެއް މެންބަރުން މި ނޫހަށް ވިދާޅުވި އެވެ. 

"ޕީޖީ ލީޑަރަކަށް ފަލާހު ހުންނެވިޔަސް، ކޮމިޓީއެއް ނުބާއްވާ. ބާއްވާކަން ނުވެސް އުޅޭ،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ. 

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (ކުޑޫ) ވެސް ވިދާޅުވި ގޮތުގައި ކޮމިޓީ ހުއްޓިފައި އޮތީ ފަލާހުގެ ސަބަބުންނެވެ.

"ބައްދަލުވުމެއް ބާއްވާކަން ނޫޅޭ. ބައްދަލުވުމެއް ބޭއްވިޔަސް ފަސްވަރަކަށް މިނެޓުގެ ތެރޭގައި ނިންމާލާނެ،" އޭނާ ވިދާޅުވި އެވެ. 

މި ބިލަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ހަރުދަނާކޮށް، ނިކަމެތި އާއިލާތަކަށް އިސްކަންދޭނެ އުސޫލުތަކެއް ކަނޑައެޅުމަށް ފަރުމާކޮށްފައިވާ ބިލެކެވެ. ބިލުގެ މުހިއްމު ބައިތަކުގެ ތެރޭގައި ހިމެނެނީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދިރާސާކުރުމާއި،  މާލީ ތަނަވަސްކަން ކުޑަ، ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަ ޕްރޮގްރާމްތައް ހިންގުމާއި މަޝްރޫއުތައް ހިންގާ ފަރާތްތައް ރަޖިސްޓްރީކޮށް، ދެފުށް ފެންނަ އުސޫލަކުން އަމަލުކުރާކަން ކަށަވަރުކުރުން އަދި ތަރައްގީކުރާ ތަންތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާއި އަސާސީ ހިދުމަތްތަކުގެ ފެންވަރު ހިފޭނެ ގޮތް ހެދުމެވެ. 

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހައްލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox