ހުޅުމާލޭ އާއި ބްރިޖާ ދެެމެދުގައި އޮންނަ ހައިވޭގެ (ހަލިމަގުގެ) އަރިމަތީގައި ޖަހާފައި ހުރި ގާޑްރެއިލް މަރާމާތުނުކޮށް ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން، އެ ފެންސުގެ ބޮޑު ބަޔެއްގައި ދަބަރުޖަހައި، ބައެއް ތަންތަން ވީރާނާވާން ފަށައިފި އެވެ.
ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގައި އުޅަނދުތައް ދުއްވާ މި މަގުގެ އިރުމަތީ، މޫދާވީ ފަޅީގައި ޖަހާފައި ހުރި ގާޑްރެއިލްތަކާއި މަގުގެ ހުޅަނގު ފަރާތުން، މޫދާ ދުރު ފަޅީގައި ހުރި ގާޑްރެއިލްތަކަށް ވެސް ވަނީ ލޮނުގެ އަސަރުކޮށް، ވަރަށް ބޮޑަށް ދަބަރުޖަހާފަ އެވެ.
މި ގާޑްރެއިލްތަކުގައި މިހާ ބޮޑަށް ދަބަރު ޖަހާފައި ވަނީ އެ ސަރަހައްދަކީ ލޮނުގެ އަސަރު ގަދައަށް ކުރާ ސަރަހައްދަކަށް ވާތީ، ގަވާއިދުން މަރާމާތު ނުކުރާތީ އެވެ. އެ މަގުގެ އިރުމަތީގައި ހަރުކޮށްފަ ހުންނަ ސޯލާ ޕެނަލްތަކުގެ ފްރޭމުގައި ވެސް ދަބަރު ޖަހާތީ، ގަވާއިދުން މަރާމާތުކުރެ އެވެ.
ގާޑްރެއިލްތަކުގެ އެންމެ މުހިންމު ބޭނުމަކީ އެކްސިޑެންޓެއް ހިނގާ ވަގުތު ނޫނީ އުޅަނދެއް ކޮނޓްރޯލުން ނެއްޓިގެންދާ ވަގުތު ހިފެހްޓުމަށް ހުންނަ ބެރިއަރެކެވެ. މި ބެރިއަރުތައް ފަރުމާކުރަނީ އުޅަނދު ޖެހޭ ވަގުތު އޭގެ ބާރު ގާޑްރެއިލްތަކުގެ ތެރެއަށް ދަމައިގަނެ، އުޅަނދު އަނބުރާ މަގަށް މިސްރާބު ކުރުވާ ގޮތަށެވެ.
ނަމަވެސް، މިހާރު އެ ހުރި ގޮތަށް ގާޑްރެއިލްތަކުގައި ދަބަރުޖަހައި ބަލިކަށިވުމުން، އޭގެ ބޭނުން ކެނޑިގެންދެ އެވެ.
މީގެ އިތުރުން، މި މަގުގެ އިރުމަތީ ފަރާތުގައި ހުންނަ ގާޑްރެއިލްތަކަކީ، ހައިވޭގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނަލްތައް ރައްކާތެރިކޮށްދޭ ވަސީލަތް ވެސް މެ އެވެ. މި ނިޒާމަކީ "ގްރޭޓާ މާލޭ ގްރިޑު" ގެ މުހިންމު ބަޔެކެވެ. އަދި، މާލޭ ސަރަހައްދުގެ ކަރަންޓު ވިއުގައިގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ މަދު ކަރަންޓުގެ ބޮޑު ބަޔެއް އުފައްދަނީ މި ނިޒާމުންނެވެ.
ހައިވޭގައި ހިނގާ އެކްސިޑެންޓެއްގެ ސަބަބުން ސޯލާ ޕެނަލްތަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން މާލޭ ސަރަހައްދުގެ ކަރަންޓު ހިދުމަތަށް ބުރޫއެރުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ހުޅުމާލެ-ހުޅުލޭ ހައިވޭގެ ގާޑްރެއިލްތައް މަރާމާތު ނުކުރާ މައްސަލައިގައި، އަދަދު އިން ވަނީ މި ފަހުން އެ މަގުގެ ބައެއް މަރާމާތުކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބަހެއް ލިބޭތޯ މަސައްކަތް ކޮށްފަ އެވެ.

