ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި ކޮމްޕިއުޓިންގްގެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނައުމަށް މަގުފަހިވާނެ މުހިންމު ހޯދުމެއް ސައިންސްވެރިން ހޯދައިފިއެވެ.
އެމެރިކާގެ ނޯތުވެސްޓަން ޔުނިވާސިޓީގެ އިންޖިނޭރުން ވަނީ، އިންސާނާގެ ސިކުނޑީގެ ސެލްތަކާ އެއްގޮތަށް މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ ކުދިކުދި އާޓިފިޝަލް ނިއުރޯންތަކެއް އުފައްދައި، އެ ތަކެތި މީދަލުގެ ސިކުނޑީގެ ސެލްތަކާ "ވާހަކަދައްކުވައިފަ" އެވެ.
އޭޕްރިލް މަހުގެ 15 ވަނަ ދުވަހު "ނޭޗަރ ނެނޯޓެކްނޮލޮޖީ" ޖާނަލްގައި ޝާއިޢުކުރި މި ދިރާސާއަކީ، ސިކުނޑީގެ މަސައްކަތްތައް ނަކަލުކުރާ "ނިއުރޯމޯފިކް ކޮމްޕިއުޓާސް" އުފެއްދުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ މައިގަނޑު ބޭނުމަކީ އާދައިގެ ކޮމްޕިއުޓަރުތަކަށްވުރެ ހަކަތަ މަދުން ހޭދަވާ އަދި އާޓިފިޝަލް އިންޓެލިޖެންސް ވަރުގަދަކޮށްދޭނެ ސިސްޓަމެއް ބިނާކުރުމެވެ.
މި އާޓިފިޝަލް ނިއުރޯންތައް އުފައްދާފައިވަނީ ގްރެފީން އާއި މޮލިބްޑިނަމް ޑައިސަލްފައިޑް ފަދަ މާއްދާތައް ބޭނުންކޮށްގެން، ލެނބޭ ފަދަ މަޑު ޕޮލިމަރެއްގެ މަތީގައި ޗާޕުކޮށްގެންނެވެ. އާދައިގެ ސިލިކަން ޗިޕްތަކަކީ ހަރު އަދި ބަދަލު ނުކުރެވޭ އެއްޗަކަށް ވިޔަސް، ސައިންސްވެރިން އުފެއްދި މި އާ ނިއުރޯންތަކަކީ ސިކުނޑީގެ ސެލްތަކާ އެއްގޮތަށް ފްލެކްސިބަލް އަދި ސިގްނަލްތައް ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާ ތަކެއްޗެވެ.
ދިރާސާގެ ކޯ-އޯތަރ ޕްރޮފެސަރ މާކް ހަރސަމް ވިދާޅުވި ގޮތުގައި، މި އާޓިފިޝަލް ނިއުރޯންތަކުގެ ސަބަބުން ސިކުނޑީގެ ސިގްނަލްތަކުން ކޮންޓްރޯލްކުރާ އާޓިފިޝަލް ތަކެތި އިތުރަށް ފުރިހަމަވެގެންދާނެއެވެ. މީގެ އިތުރުން، އަލްޒައިމަރސް ފަދަ ބަލިތަކުގެ ސަބަބުން ހަލާކުވާ ސިކުނޑީގެ ނާރުތަކުގެ ބަދަލުގައި މިފަދަ ނިއުރޯންތައް ބޭނުންކޮށްގެން ސިކުނޑީގެ މަސައްކަތްތައް އަލުން އިއާދަކުރުމުގެ އުންމީދު ބޮޑެވެ.
ލެބޯޓްރީގައި ކުރި ޓެސްޓުތަކުން ފެނުނު ގޮތުގައި، އާޓިފިޝަލް ނިއުރޯންތަކުން ފޮނުވާ ސިގްނަލްތައް ދެނެގަތުމުގެ ގާބިލުކަން ސިކުނޑީގެ އަސްލު ސެލްތަކަށް ލިބިގެންވެއެވެ. ނަމަވެސް، މި ޓެކްނޮލޮޖީ އިންސާނުންގެ ހަށިގަނޑުގައި ދާއިމީކޮށް ބޭނުންކުރަން ފެށުމުގެ ކުރިން، މިފަދަ ގިނަ ނިއުރޯންތައް އެކުވެގެން މަސައްކަތްކުރާނެ ފުރިހަމަ ސާކިޓެއް އުފެއްދުމުގެ މަސައްކަތް އަދި ކުރަންޖެހޭ ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.








