މިއުޒިކް ސްޓްރީމްކުރާ މަޝްހޫރު ހިދުމަތެއް ކަމަށްވާ ފަރަންސޭސިވިލާތުގެ ޑީޒާ އަށް އަލަށް އަޕްލޯޑްކުރާ ލަވަތަކުގެ 44 ޕަސެންޓަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ލަވަ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ ދުވަހަކު އެ ޕްލެޓްފޯމަށް ގާތްގަނޑަކަށް 75،000 އޭއައި ލަވަ އަޕްލޯޑްކުރާ ކަމަށެވެ. މިއީ އެ ޕްލެޓްފޯމަށް ދުވާލަކު އަޕްލޯޑްކުރާ މުޅި މިއުޒިކްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އެ ޕްލެޓްފޯމަށް ދުވާލަކު އަޕްލޯޑްކުރަމުން ދިޔައީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ 10،000 ވަރަކަށް ލަވައެވެ.
އޭއައި ލަވަތައް އާދަޔާ ހިލާފަށް އިތުރުވަމުން ދިޔަ ނަމަވެސް، އަޑުއަހާ މީހުންގެ މެދުގައި މިފަދަ ލަވަތަކަށް އޮތް މަގުބޫލުކަން އަދިވެސް އޮތީ ވަރަށް ދަށުގައެވެ. ޑީޒާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މުޅި ޕްލެޓްފޯމުން މީހުން އަޑުއަހާ ލަވަތަކުގެ ތެރެއިން އޭއައި ލަވަތަކުގެ ހިއްސާއަކީ އެންމެ އެއް ޕަސެންޓާއި ތިން ޕަސެންޓުގެ މިންވަރެކެވެ.
އޭއައި ލަވަތައް އަޑުއަހާ މިންވަރު މަދުވުމުގެ މައިގަނޑު ސަބަބަކީ އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ކަމަށް ޑީޒާ އިން ބުނެއެވެ. އެގޮތުން، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓް ވަކިން އެނގޭނޭހެން ފާހަގަޖެހުމާއި، އެލްގޮރިދަމް މެދުވެރިކޮށް މީހުންނަށް ލަވަތައް ހުށަހަޅައިދޭ ލިސްޓުތަކުން މިފަދަ ލަވަތައް އުނިކުރުން ހިމެނެއެވެ.

މީގެ އިތުރުން، އޭއައި ލަވަތަކުގެ ހައި-ރިޒޮލިއުޝަން ކޮޕީތައް ރައްކާކުރުން ވެސް އެ ކުންފުނިން ވަނީ ހުއްޓާލާފައެވެ.
ޑީޒާގެ ޗީފް އެގްޒެކެޓިވް އެލެކްސިސް ލަންޓެނިއޭ ވިދާޅުވި ގޮތުގައި، އޭއައި މިއުޒިކަކީ މިހާރު މަދު ބަޔަކު ކުރާ ކަމެއްގެ ގޮތުގައި އޮތް ކަމެއް ނޫނެވެ. އެއީ މުޅި ސިނާއަތަށް ފެތުރިފައިވާ ކަމެއް ކަމަށާއި، އަސްލު ފަންނާނުންގެ ހައްގުތައް ހިމާޔަތްކުރުމަށް މިއުޒިކް އިންޑަސްޓްރީން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަންދާޒާކުރެވޭ ގޮތުގައި 2028 ވަނަ އަހަރާ ހަމައަށްދާއިރު، އޭއައިގެ ސަބަބުން މިއުޒިކް ކުޅޭ ފަންނާނުންގެ އާމްދަނީގެ 25 ޕަސެންޓު ގެއްލިގެން ދިއުމުގެ ބިރު އެބައޮތެވެ.
ބައިނަލްއަގުވާމީ ދިރާސާތަކާ ހަވާލާދީ ޑީޒާ އިން ބުނެފައިވަނީ، އޭއައި މިއުޒިކް ލޭބަލް ކުރުމަކީ އާންމުން ބޭނުންވާ ކަމެއް ކަމަށެވެ. ދާދިފަހުން ކުރި ސާވޭއަކުން ދެއްކި ގޮތުގައި، ސާވޭގައި ބައިވެރިވި މީހުންގެ 80 ޕަސެންޓު ގަބޫލުކުރާ ގޮތުގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މިއުޒިކް ހުންނަންޖެހޭނީ ސާފުކޮށް އެނގޭނޭހެން ފާހަގަކޮށްފައެވެ.
މީހުންނަށް ނޭނގޭ ގޮތަށް ކުރިއަށް ގެންދިޔަ ޓެސްޓެއްގައި، 97 ޕަސެންޓު މީހުންނަށް އިންސާނުން އުފައްދާ މިއުޒިކާއި ސޮފްޓްވެއާ ބޭނުންކޮށްގެން އުފައްދާ މިއުޒިކާ ދެމެދު ހުރި ތަފާތު ވަކިކުރަން ނޭނގުނު ނަމަވެސް، ގިނަ ބަޔަކު ވަނީ ރަސްމީ މިއުޒިކް ޗާޓުތަކުގައި އޭއައި ލަވަތައް ހިމެނުމާ ދެކޮޅު ހަދާފައެވެ.









