ރިޕޯޓުޖިނާއީ ކުށަކަށް މުއިއްޒު އިއުތިރާފުވެއްޖެ: ތަހުގީގެއް ނުހިނގަނީ ކީއްވެ؟

ޖިނާއީ ކުށަކަށް މުއިއްޒު އިއުތިރާފުވެއްޖެ: ތަހުގީގެއް ނުހިނގަނީ ކީއްވެ؟

އިންތިހާބަކާ ދިމާކޮށް، ތާއީދާއި ވޯޓު ހޯދުމުގެ ނިޔަތުގައި ސަރުކާރުން ވަޒީފާ ބެހުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަދި ސަރުކާރަށް ލިބިގެންވާ ބާރެއް ނޫނެވެ. އެއާ ހިލާފަށް، އިންތިހާބާ ދިމާކޮށް އެފަދަ ނުފޫޒު ފޯރުވައި ނާޖާއިޒު މަންފާއެއް ދިނުމަކީ ގާނޫނުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ޖިނާއީ ކުށެކެވެ.

އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު
އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު

އިންޓަނެޓާއި ޓީވީގެ ޒަރިއްޔާއިން ރާއްޖެއަށް އަދި މުޅި ދުނިޔެއަށް ވަގުތުން ބްރޯޑްކާސްޓް ކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭޕްރީލް 20، 2026، ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މ. ދިމްޔާތު، މުހައްމަދު މުއިއްޒު ވަނީ ޖިނާއީ ކުށަކަށް އިއުތިރާފުވެވަޑައިގެންފަ އެވެ. 

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު އިއުތިރާފުވެވަޑައިގެންނެވީ، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރިޝްވަތުގެ ގޮތުގައި ވަޒީފާ ދީފައިވާނެ ކަމަށެވެ. 

"ދެން، އެއްވެސް ފަރާތަކަށް، ކެމްޕެއިނަކާ ގުޅިގެން، ނޫނީވިއްޔާ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން، ދެން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް، ރައްޔިތުން މިއޮތީ [ވޯޓުން] ބުނެފައި. އެހެންވީމާ، އަޅުގަނޑު ވެސް ދާނީ އެގޮތަށް ދެން އިނގޭތޯ،" މުއިއްޒު ވިދާޅުވި އެވެ. 

އިންތިހާބަކާ ދިމާކޮށް، ތާއީދާއި ވޯޓު ހޯދުމުގެ ނިޔަތުގައި ސަރުކާރުން ވަޒީފާ ބެހުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަދި ސަރުކާރަށް ލިބިގެންވާ ބާރެއް ނޫނެވެ. އެއާ ހިލާފަށް، އިންތިހާބާ ދިމާކޮށް އެފަދަ ނުފޫޒު ފޯރުވައި ނާޖާއިޒު މަންފާއެއް ދިނުމަކީ ގާނޫނުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ޖިނާއީ ކުށެކެވެ.  

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިއުތިރާފު ތަހުގީގު ކުރާނެ އިދާރާއެއް ދިވެހިރާއްޖެއަކު ނެތެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލަން ގާއިމްކޮށްފައި އޮތް އެންޓި ކޮރަޕްޝަން އޮތީ ވައުވެފަ އެވެ. ފުލުހުންނާއި އެހެނިހެން ތަހުގީގީ އިދާރާތަކާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ހަދާފައި އޮތް ކޮމިޝަން ނަށަނީ ސަރުކާރުން ޖަހާ ބެރަށެވެ.

އިންސާފު ގާއިމް ކުރަން ގާނޫނުއަސާސީ އިން ގާއިމްކޮށްފައި އޮތް ބާރު ވަނީ މުއިއްޒުގެ މުށު ތެރޭގަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރު ކުރުވަންޖެހޭ ރައްޔިތުންގެ މަޖިލިސް ވެސް ކޮންޓްރޯލް ކުރައްވަނީ ސީދާ މުއިއްޒު އެވެ. 

އެނަލެސިސް: ރައީސުލްޖުމްހޫރިއްޔާގެ އިއުތިރާފު

ރައީސް މުއިއްޒުގެ އިއުތިރާފަކީ އާދައިގެ ކަމެއް ނޫނެވެ. ނުހިނގާ ކަމެއްގެ ގޮތުގައި ބެލުމަށްފަހު ދޫކޮށްލުމަށްވުރެ ކަން މާ ސީރިއަސް އެވެ. 

މި ހާދިސާއަށް އަލިއަޅުވާލާއިރުގައި، އިންތިހާބާ ދިމާކޮށް ވަޒީފާ ބެހުމުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ކުރިން މުއިއްޒު ދައްކަވާފައި ހުރި ވާހަކަތައް ބަލައިލަންޖެހެ އެވެ. 

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން، އިންތިހާބަށް އިއުލާނު ކުރުމަށްފަހު، އެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން މީހަކަށް މަންފާއެއް ދިނުމަކީ ކުށެކެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޭޕްރީލް 4، ގައި އޮންނާނެ ކަމަށް އިއުލާނު ކުރީ ޑިސެމްބަރު 4، 2025، ގަ އެވެ. އެ ދޭތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ވަނީ އެތައް ހާސް ވަޒީފާއެއް އުފައްދައިފަ އެވެ. 

އެކަމާ ގުޅިގެން އިންތިހާބު ބޭއްވުމުގެ ކުރިން މާޗް 30، ގައި ނޫސްވެރިޔަކު ސުވާލު ކުރުމުން، ވަޒީފާ ދެނީ އިންތިހާބަކާ ގުޅިގެން ނޫން ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ. 

"ދެން އަހަރެއްގެ ތެރޭގައި އިންތިހާބެއް އައުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫނެއްނު. ގާނޫނީ ނިޒާމުގައި މި އޮންނަނީ، ގާނޫނުތަކުގައި ކަނޑައަޅާފައި މި އޮންނަނީ، ކައުންސިލްގެ ދައުރު ހަމަވަނީ ކިހާތަނެއްގައި ކަމާއި، ހަމަވުމުގެ ކިތައް ދުވަސް ކުރިން ވޯޓުލާންޖެހޭނެ ކަމާއި، މިކަހަލަ ކަންކަމެއް ކަނޑައެޅިފައި މިހިރީ," މުއިއްޒު ވިދާޅުވި އެވެ.

"ދެން، އަޅުގަނޑުމެން ތިބެންވީތޯ، އަޅުގަނޑުމެން މި އަހަރަށް ކަނޑައެޅި ބަޖެޓު ތަންފީޒުނުކޮށް، އެ ވޯޓުލާ ނިމެންދެކަށް؟ އެއީކީވެސް ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެއްނޫންތޯ ދޮގެއްތޯ؟"

ދެން ބަލައިލަންޖެހެނީ އިންތިހާބުގެ ފަހުން މުއިއްޒު ވިދާޅުވި ވާހަކައަށެވެ. އޭޕްރީލް 20، ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ސިޔާސީ މަގުސަދެއްގައި ވަޒީފާ ދެއްވާފައިވާނެ ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

"ދެން، އެއްވެސް ފަރާތަކަށް، ކެމްޕެއިނަކާ ގުޅިގެން، ނޫނީވިއްޔާ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން، ދެން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް، ރައްޔިތުން މިއޮތީ [ވޯޓުން] ބުނެފައި. އެހެންވީމާ، އަޅުގަނޑު ވެސް ދާނީ އެގޮތަށް ދެން އިނގޭތޯ،" މުއިއްޒު ވިދާޅުވި އެވެ. 

އެ ވާހަކައިގައި "އަޅުގަނޑު ވެސް ދާނީ އެގޮތަށް ދެން" ކަމަށް މުއިއްޒު ވިދާޅުވުމުން، ކެމްޕެއިނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތުން މީގެ ކުރިން ވަޒީފާ ދެއްވާފައިވާނެ ކަމަށް އިއުތިރާފުވެވަޑައިގެންނެވީކަން އެނގެ އެވެ. 

އިއުތިރާފަށް ބާރު ދެއްވައި މީގެ ފަހުން ކަންތައް ކުރައްވާނެ ގޮތުގެ ވާހަކަ ވެސް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ މީގެ ފަހުން ގާނޫނަށް އަމަލު ކުރައްވާނެ ކަމަށެވެ. 

"ދެންމެ މި ދެންނެވިހެން، އިއުލާނު ކުރެވިގެން، ކުރިމަތިލައިގެން، އެ މީހާގެ ސީވީއަށް ބަލައި، މެރިޓް ބޭސްކޮށް ނޫނީވިއްޔާ، ދެން އެއްވެސް އެސްއޯއީއަކުން ވެސް، މިނިސްޓްރީ އަކުން ވެސް، މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު އަޅުގަނޑުމެން ދެން މި ސަރުކާރުން ކުރިއަށް ގެންދާނީ،" މުއިއްޒު ވިދާޅުވި އެވެ. 

ތަރުޖަމާނު މެދުވެރިކޮށް އިއުތިރާފުން ރެކިވަޑައިގަތުން 

މުއިއްޒު ވެވަޑައިގެންނެވި އިއުތިރާފާއި އޭގެ ކުރިން ދެއްކެވި ވާހަކަތަކުން ދެ ކަމެއް ފާހަގަވެ އެވެ. ފުރަތަމަ ކަމަކީ، އިންތިހާބާ ގުޅިގެން ވަޒީފާ ދެއްވާފައިނުވާނެ ކަމަށް ވިދާޅުވި އެކަން އިންކާރު ކުރެއްވި މޭރުމެވެ. 

ސިޔާސީ ބޭނުމަކަށްޓަކައި ވަޒީފާ ދެއްވާފައިވާކަން މުއިއްޒު ފުރަތަމަ އިންކާރު ކުރެއްވިއިރު އެ ވާހަކަ ވިދާޅުވީ އެހާ ހަމަޖެހިލައްވައިގެން ހުންނަވަ އެވެ. ސިޔާސީ މަގުސަދެއްގައި ވަޒީފާ ދެއްވާފައިވާނެ ކަމަށް އިއުތިރާފުވެވަޑައިގެންނެވީ ވެސް އެހާމެ "ކެޝުއަލް" ކޮށެވެ. މި ވިދާޅުވެވެނީ، އާދައިގެ، ކުޑަ ކަމެއްގެ ވާހަކަ ހެން ހީވާ ކަހަލަ އެވެ. 

އޭގެ ފަހުން، ޖިނާއީ ކުށަކަށް އިއުތިރާފުވެވަޑައިގެންނެވިކަން އެމަނިކުފާނުގެ ތަރުޖަމާނު މެދުވެރިކޮށް މުއިއްޒު އިންކާރު ކުރެއްވި އެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ، ކުށަކަށް އިއުތިރާފުވެވަޑައިގެންނެވި ކަމަށް އަދަދު ގައި ލިޔުނީ މުއިއްޒުގެ ވާހަކައިގެ "ދޭހަވީ މާނަ" އޮޅުވާލައިގެން ކަމަށެވެ. 

"[ރައީސް މުއިއްޒު ދެއްވި] ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލައި، ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަގްސަދާ މުޅިން ހިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ހަބަރެއް،" ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތެވެ. 

މުއިއްޒު ވިދާޅުނުވާ އެއްޗެއް ނޫސްވެރިޔާ ލިޔުން ކަމަކަށް މުންދު ވިދާޅެއްނުވެ އެވެ. އެހެންކަމުން މުންދު ވިދާޅުވީ، ރައީސް ވަކި ގޮތަކަށް އެއްޗެއް ވިދާޅުވި ނަމަވެސް އެ ވާހަކައެއްގެ ރޫހާއި މަގްސަދު އަދި މުޅިން ތަފާތުވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. 

އިގްތިސާދީ ކާރިސާގައި ހިންގި ބޮޑު ކޮރަޕްޝަން އަދި އަމިއްލަ ޕޮލިސީ 

ސިޔާސީ މަގުސަދެއްގައި، ވޯޓު ހޯދުމުގެ ބޭނުމުގައި މުއިއްޒު ވަޒީފާ ދެއްވީ، އެކަން ކުރެވޭނެ އެންމެ ގޯސް ދަނޑިވަޅުގަ އެވެ. 

ފެބްރުއަރީ 28، ގައި މެދުއިރުމަތީގެ ހަނގުރާމަ ފެށި، ހޮރުމޫޒު ކަނޑުއޮޅި ބަންދުވުމުން، ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި ތެލާއި ގޭހަށް ކުރާ ހަރަދު ވަނީ އެތައް ގުނައަކުން ބޮޑުވެފަ އެވެ. 

ސިޔާސީ މަގުސަދެއްގައި ސިއްސައިގެންދާ މިންވަރަކަށް ގިނައިން ސަރުކާރުން ވަޒީފާ އުފެއްދިއިރު، ރިކޯޑު އަދަދެއްގެ ބޭރު ދަރަނި އޮތީ ދައްކަންޖެހިފަ އެވެ. އެއީ 524 މިލިއަން ޑޮލަރެވެ. އަދި އިންޑިއާއިން ނެގި ކަރަންސީ ސްވޮޕަށް މިމަހުގެ ތެރޭގައި 400 މިލިއަން ދައްކަންޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

އޭގެ އިތުރުން، އިންތިހާބާ ދިމާކޮށް ވަޒީފާ ބެހުމުގެ ކުރިން ވެސް މި ސަރުކާރަކީ އެންމެ މަތިބަރު، އެންމެ ސިޔާސީ މުވައްޒަފުން ގިނަ އެއް ސަރުކާރެވެ. ބެލެވޭ ގޮތުގައި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 1500 އަށް ވުރެ އިތުރުވާނެ އެވެ. 

އެހެން އެކަން އޮއްވައި އިންތިހާބާ ދިމާކޮށް ވަޒީފާ ދިނުމުން، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މުސާރަތަކަށް އެކަނި ވެސް 478 މިލިއަން އިތުރަށް ސަރުކާރުން ހަރަދު ކުރަންޖެހުނެވެ. 

މެދުއިރުމަތީގައި ހަނގުރާމައެއް ހިނގާ ކަމާއި ރިކޯޑު އަދަދުތަކުން ލޯނު ދައްކަންޖެހޭ ކަމާއި ރާއްޖޭގެ އިގްތިސާދު އޮތީ ކާރިސާއެއްގައި ކަން ވަޒީފާ ބެހި އިރު މުއިއްޒަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އެހެން ނަމަވެސް ގައުމަށް ބެލުމަށްވުރެ ބޮޑަށް މުއިއްޒު އިސް ކުރެއްވީ އެމަނިކުފާނުގެ ސިޔާސީ މަގުސަދުތަކަށް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ. 

އެހެންކަމުން ސަރުކާރުން އަމަލުތަކުން ބޮޑަށް ބެލެވެނީ، ކަމެއްގެ ގެއްލުމާއި ހަލާކު އެނގެ ހުރެމެ ވެސް، ތިމާގެ އާރާއި ބާރު އޮތުމުން ބޭނުންވިހާ ގޮތަކަށް އަމަލު ކުރީ ކަމަށެވެ. އެފަދަ މީހުންގެ ވާހަކަ މުއިއްޒު އަމިއްލައަށް މީގެ ކުރިން ވަނީ ދައްކަވައިފަ އެވެ. 

" ... ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" ޑިސެމްބަރު 16، 2023، ގައި މުއިއްޒު ވިދާޅުވި އެވެ. 

ގައުމު އިގްތިސާދީ ގޮތުން ކާރިސާއެއްގައި އޮއްވައި، މުއިއްޒު މި ކުރެއްވި ކަންތަކުގެ ސީރިއަސްކަން ހާމަ ކުރެއްވި އެއް ބޭފުޅަކީ މާލޭގެ މޭޔަރަކަށް ވާދަ ކުރެއްވި އިސްމާއިލް ޒަރިޔަންދު އެވެ. 

ޒަރިޔަންދު ވިދާޅުވީ، ކެމްޕެއިނުތަކާ ދިމާކޮށް ވަޒީފާ ބެހުން ރާއްޖޭގެ ގާނޫނުތަކުން މަނާވުމުގެ އިތުުރުން، ކޮރަޕްޝަން ހުއްޓުވަން އދ. އިން އެކަށައަޅާފައިވާ މުއާހަދާއާ ވެސް އެކަން ހިލާފު ކަމަށެވެ. 

"ސިޔާސީ މަންފާއެއް ލިބިގަތުމުގެ ނިޔަތުގައި ކެމްޕޭންތަކާއި ދިމާކޮށް އެފަދަ އަމަލުތައް ހިންގާފައިވާ ފަރާތްތައް ދެނެގަނެ، އެ އަމަލަކީ "ދައުލަތުގެ މަގާމެއް ނުހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް" ކަމަށް ވާނަމަ، އެ ފަރާތްތަކުން ހިންގާފައިވަނީ "ޔޫއެން ކޮންވެންޝަން އެގައިންސްޓް ކޮރަޕްޝަން" ގައި ކޮރަޕްޝަންކަމަށް ބަޔާންކުރާ ކުށެއް،" ޒަރިޔަންދު ވިދާޅުވި އެވެ. 

ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް ވަޒީފާ ބެހި މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ތަހުގީގު ކުރަންޖެހޭނެ ކަމަށް ޒަރިޔަންދު ދެކެވަޑައިގަންނަވަ އެވެ. 

"އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ވަގުތުން ބަލަންޖެހޭ،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާ ވިދާޅުވެފައިވެ އެވެ. 

~~

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް އެންމެންނަށް ހަމަހަމައަށް ހިނގަންޖެހެ އެވެ. މިކަމުން ރައީސް މުއިއްޒު އިސްތިސްނާއެއްނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު ޖިނާއީ ކުށަކަށް އިއުތިރާފުވުމުން އެ މައްސަލަ ބަލަންޖެހެ އެވެ. މިނިވަން މުސްތަގިއްލު އިދާރާތަކާއި ގާނޫނީ ތަންފީޒު ކުރާ އިދާރާތަކުން ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަންޖެހޭނެ އެވެ. 

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox