ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް ކައިރިވާ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިރާނުން ދީފި

Apr 19, 2026, 8:32 AM
ޓްރެކިންގް ޑޭޓާތަކުން ދައްކާ ގޮތުގައި، ކަނޑުއޮޅި ކުޑަ ވަގުތުކޮޅަކަށް ހުޅުވާލި ދަނޑިވަޅުގައި ބައެއް އުޅަނދުފަހަރު ވަނީ އެ ސަރަހައްދު ހުރަސްކޮށްފަ. -- ފޮޓޯ: ރޮއިޓާސް

ޓްރެކިންގް ޑޭޓާތަކުން ދައްކާ ގޮތުގައި، ކަނޑުއޮޅި ކުޑަ ވަގުތުކޮޅަކަށް ހުޅުވާލި ދަނޑިވަޅުގައި ބައެއް އުޅަނދުފަހަރު ވަނީ އެ ސަރަހައްދު ހުރަސްކޮށްފަ. -- ފޮޓޯ: ރޮއިޓާސް

އިރާނުން ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް އަލުން ބަންދުކޮށްފި ކަމަށާއި، އެ ސަރަހައްދާ ކައިރިވާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނި ގޮތުގައި މި ނިންމުން ނިންމީ އެމެރިކާއިން އިރާނާ ދެކޮޅަށް ކުރިއަށްގެންދާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދުކުރުންތަކާ ގުޅިގެންނެވެ. މި ފިޔަވަޅު އަޅާފައި މިވަނީ ދުނިޔޭގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ މި ކަނޑުއޮޅި ވަގުތީ ގޮތުން ހުޅުވާލިކަން އިރާނުގެ ފޮރިން މިނިސްޓަރު އިއުލާން ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އިރާނުން މި ކަނޑުއޮޅި ބަންދުކޮށްގެން އެމެރިކާއަށް "ބިރުދައްކައިގެން" ކަންކަން ހާސިލު ނުކުރެވޭނެ ކަމަށެވެ. 

އައި.އާރް.ޖީ.ސީގެ ނޭވީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އިންޒާރު ދީފައިވަނީ، ޕާޝިއަން ގަލްފް ނުވަތަ އޮމާން ކަނޑުގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއް އެ ތަނުން ދަތުރުކޮށްގެން ނުވާނެ ކަމަށެވެ.

އެ އިދާރާއިން ބުނި ގޮތުގައި ހުކުރު ދުވަހުގެ ރެއިން ފެށިގެން އެމީހުންގެ ބެލުމުގެ ދަށުން ބައެއް އުޅަނދުތައް ކަނޑުއޮޅި ހުރަސްކޮށްފައިވީ ނަމަވެސް، އެމެރިކާއިން އިރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންދެން ކަނޑުއޮޅި އަލުން ބަންދުވާނެ އެވެ.

"ހޮރްމޫޒް ކަނޑުއޮޅިއާ ކައިރިވުމަކީ ދުޝްމަނުންނަށް އެއްބާރުލުން ދިނުން ކަމުގައި ބެލެވޭނެ. އަދި އެފަދަ އުޅަނދުތަކަށް ހަމަލާދެވޭނެ،" އައި.އާރް.ޖީ.ސީގެ ބަޔާނުގައިވެ އެވެ.

ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކަށް އާދެވެންދެން އިރާނުގެ ބަނދަރުތައް ބަންދުކޮށްފައި ބޭއްވުން ކުރިއަށްދާނެ ކަމަށް ޓްރަމްޕް ހުކުރު ދުވަހު ވަނީ ވިދާޅުވެފަ އެވެ. މިހާރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޭޕްރިލް މަހުގެ 22 ވަނަ ދުވަހަށް ހަމަވާނެ އެވެ.

އެމެރިކާއިން ބުނި ގޮތުގައި އޭޕްރިލް 13 ވަނަ ދުވަހު ބްލޮކޭޑް ތަންފީޒުކުރަން ފެށި ފަހުން، އިރާނުގެ ބަނދަރުތަކަށް ވަންނަން އުޅުނު 23 އުޅަނދެއް ވަނީ ފަސްއަނބުރާ ފޮނުވާލާފަ އެވެ.

އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސް.އެން.އެސް.ސީ) އިން ބުނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު އަމަލެއް ކަމަށާއި، އެމެރިކާގެ ބްލޮކޭޑް ދެމިއޮތްހާ ހިނދަކު ކަނޑުއޮޅި ހުޅުވުން ހުއްޓުވާނެ ކަމަށެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކާ ގުޅޭގޮތުން އެސް.އެން.އެސް.ސީ އިން ބުނީ، އެމެރިކާއިން އާ ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި، އެ ހުށަހެޅުންތައް މިހާރު ދިރާސާކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި އެއަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ. މި މަހުގެ ކުރީކޮޅު ބޭއްވި ސުލްހައިގެ ވާހަކަތައް ނިމުނީ އެއްވެސް އެއްބަސްވުމަކަށް ނާދެވި އެވެ.

އިރާނާއެކު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭ ގޮތުން ހޮނިހިރު ދުވަހު ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވަރަށް ރަނގަޅު ވާހަކަތަކެއް ދެކެވެމުންދާ ކަމަށާއި، ކަންކަން ދަނީ ވަރަށް އުންމީދީ ގޮތަކަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox