މަޝްވަރާތައް ނާކާމިޔާބުވުމުން އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކުރާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި

Apr 13, 2026, 8:43 AM
ހޮރްމުޒް ކަނޑުއޮޅީގައި އޮތް ގޭސް ޓޭންކަރެއް. -- ފޮޓޯ: އޭއެފްޕީ

ހޮރްމުޒް ކަނޑުއޮޅީގައި އޮތް ގޭސް ޓޭންކަރެއް. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގައި ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް އެއްބަސްވުމަކާ ހަމައަށް ނާދެވި ނިމުމާ ގުޅިގެން، އީރާނަށް އިތުރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން އެ ގައުމުގެ ހުރިހާ ބަނދަރުތަކެއް ހޯމަ ދުވަހުން ފެށިގެން ބަންދުކުރަން ފަށާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން އިއުލާނުކޮށްފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު ނެރުނު ބަޔާނެއްގައި ބުނީ، އޭޕްރިލް 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި އެ ބަނދަރުތަކުން ނުކުންނަ ހުރިހާ އުޅަނދު ފަހަރަކަށް މި ބްލޮކޭޑް ހިނގާނެ ކަމަށެވެ. މީގެ ތެރޭގައި އީރާނުގެ ބަނދަރުތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް، އަދި ގަލްފާއި އޮމާން ކަނޑުގެ ސަރަހައްދުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ ގައުމެއްގެ އުޅަނދު ފަހަރު ހިމެނޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް، އީރާނުގެ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދަތުރުކުރާ އުޅަނދުފަހަރަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ މިނިވަންކަމަށް އެމެރިކާގެ ސިފައިން ހުރަސް ނާޅާނެ ކަމަށް ސެންޓްކޮމް އިން ބުންޏެވެ. މިއީ މުޅި ކަނޑުއޮޅި ބަންދުކޮށް، އީރާނަށް ޓޯލް ނުވަތަ ފީ ދައްކާ އުޅަނދުފަހަރު ހުއްޓުވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ދެއްވި އިންޒާރުތަކާ އަޅާބަލާއިރު، އެމެރިކާގެ ސިޔާސަތަށް ގެނައި ބަދަލެއް ކަމަށް ބެލެވެ އެވެ.

Advertisement

އަލްޖަޒީރާގެ ނޫސްވެރިން ބުނާ ގޮތުގައި އެމެރިކާގެ ފަރާތުން ލިބެމުންދާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރުމުން މިކަމުގައި ގިނަ ސުވާލުތަކެއް އުފެދިފައިވެ އެވެ.

"ޓްރަމްޕް ވިދާޅުވީ ހޮރްމުޒް ކަނޑުއޮޅިއަށް ވަންނަން ނުވަތަ އެތަނުން ނުކުންނަން މަސައްކަތް ކުރާ ކޮންމެ އުޅަނދަކަށް މި ބްލޮކޭޑް އަމާޒުވާނެ ކަމަށް. އެކަމަކު ސެންޓްކޮމް އިން މި ބުނަނީ މިއީ ހަމައެކަނި އީރާނުގެ ބަނދަރުތަކަށް ދާ ނުވަތަ އެ ބަނދަރުތަކުން އަންނަ އުޅަނދުފަހަރަށް އަމާޒުކޮށް ކުރާ ކަމެއް ކަމަށް،" ނޫސްވެރިއަކާ ހަވާލަދީ އަލްޒަޒީރާއިން ރިޕޯޓުކުރި އެވެ.

އެމެރިކާގެ މި އިންޒާރާ ގުޅިގެން، އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު އަށް އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 104.24 ޑޮލަރަށް ވަނީ އަރާފަ އެވެ. އަދި ބްރެންޓް ކްރޫޑް ތެލުގެ އަގު ހަތް އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 102.29 ޑޮލަރަށް އުފުލިފަ އެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ވަނީ ހޯދާފަ އެވެ. އޭގެ ފަހުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ޝިޕްމަންޓްތަކުގެ ފަސްބައިކުޅަ އެއްބައި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އީރާނުން އެ ގައުމުގެ އަމިއްލަ އުޅަނދުފަހަރު އެ ކަނޑުއޮޅިން ދަތުރުކުރުން ކުރިއަށް ގެންދާއިރު، އެހެން ގައުމުތަކުގެ އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ފުރުސަތު ދެނީ ވަރަށް މަދުންނެވެ. އަދި ހަނގުރާމަ ނިމުމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނަގާނެ ނިޒާމެއް ގާއިމުކުރުމާ މެދު އީރާނުގެ އޮފިޝަލުން ވަނީ މަޝްވަރާކޮށްފަ އެވެ.

ޓްރަމްޕްގެ އިންޒާރަށް ރައްދުދެމުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނީ، އެ ސަރަހައްދަށް ކައިރިވާ ކޮންމެ އަސްކަރީ އުޅަނދަކީ އޭޕްރިލް 22 އާ ހަމައަށް އެކުލަވާލި އެމެރިކާ-އީރާނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވާ އުޅަނދެއް ކަމަށް ބަލާނެ ކަމަށެވެ. އަދި އެފަދަ އުޅަނދުތަކާ މެދު "ހަރުކަށި ފިޔަވަޅު އަޅާނެ" ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

އެމެރިކާއިން މި ބްލޮކޭޑް އިއުލާނުކުރީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން ކަމަށް ބެލެވޭއިރު، މީގެ ސަބަބުން އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އެއްބަސްވުމަކާ ހަމައަށް ނާދެވުނީ އެމެރިކާގެ ސަބަބުން ކަމަށް ބުނެ އީރާނުގެ އޮފިޝަލުން ބުނެ އެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރަން ވަރަށް ގާތްވެފައި ވަނިކޮށް، އެމެރިކާގެ މަންދޫބުން ޝަރުތުތައް ބަދަލުކޮށް އެ މަސައްކަތަށް ހުރަސް އެޅީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox