އެމްޑީޕީން ސަރުކާރަށް 12 ޑިމާންޑެއްކޮށް، އިހުތިޖާޖުކުރަން ނިންމައިފި

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން -- ފޮޓޯ: އަދަދު

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން -- ފޮޓޯ: އަދަދު

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް 12 ޑިމާންޑެއްކޮށް، އެ ޑިމާންޑުތައް ތަންފީޒުކުރުމަށް ގޮވާލާ އިހުތިޖާޖުކުރުމަށް މިރޭ ނިންމައިފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށެވެ. މިގޮތުން އެމްޑީޕީން އެ 12 ޑިމާންޑު ސަރުކާރަށް ކުރީ ރައްޔިތުންގެ ހައްގުގައި، ގައުމުގެ މުސްތަގުބަލު ރައްކާތެރިކުރުމަށްޓަކައި ކަމަށް މީކާއިލް ވިދާޅުވިއެވެ.

އެމްޑީޕީން ސަރުކާރަށް ކުރި 12 ޑިމާންޑު:

  1. މުސްތަގިއްލު މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގޮތަށް ގާނޫނަށް ގެނައި ބަދަލު ބާތިލުކޮށް، ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް އެ ބާރު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ރުޖޫއަކުރުން.
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް މުރާޖައާކޮށް، ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ހުރި ކަންކަން އިސްލާހުކޮށް ނިޒާމު ހަރުދަނާކުރުން.
  3. ރައްޔިތުންގެ ތާއީދާއެކު އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކޮމިޓީއަކުން ނިންމާ ނިންމުމަކުން ނުވަތަ މަޖިލީހުގައި ވޯޓުދޭ ގޮތަކުން މެންބަރުކަމުން ވަކިކުރެވޭ ގޮތަށް އޮތް އޮތުން ބާތިލުކޮށް، މެންބަރުންގެ ގާނޫނީ މިނިވަންކަން ކަށަވަރުކުރުން.
  4. ލާމަރުކަޒީ ނިޒާމުގެ ބާރުތައް ހަނިވާ ގޮތަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތައް ބާތިލުކޮށް، ކައުންސިލްތަކަށް އިދާރީ އަދި މާލީ ފުރިހަމަ މިނިވަންކަން ލިބިދެވޭނެ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެނައުން.
  5. ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ތަހުގީގުތައް އަވަސްކުރުން. މީގެ ތެރޭގައި އިންތިހާބާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންތިހާއަށް މީހުން އައްޔަންކުރުމާއި، ބިޑަކާ ނުލައި ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން، އެޗްޑީސީ މެދުވެރިކޮށް ގާނޫނާ ހިލާފަށް ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގުކޮށް، ވީ އެންމެ އަވަސް ފުރުސަތެއްގައި ޝަރީއަތަށް ފޮނުވުން.
  6. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ފަރާތްތަކުގެ އަދަދު ހާމަކޮށް، ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ އަދަދާއި، ޕްރޮމޯޝަން ދިން މީހުންގެ އަދަދާއި އެ ފަރާތްތަކުގެ ތަފްސީލް ހާމަކުރުން.
  7. ތެލުގެ އަގުބޮޑުވުމުގެ ސަބަބުން އިގްތިސޯދީ ސިނާއަތްތަކަށް، ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތަށް ބުރަވަމުންދާތީ، ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ގޮތަށް ތެލުގެ އަގު ސަބްސިޑައިޒްކޮށް މަސްވެރިންނަށް ލިބޭނޭ ގޮތް ހަމަޖެއްސުން.
  8. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އަމަލުކޮށް، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން.
  9. އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސުންގެ މަގާމުގައި ތިބި ފަރާތްތައް ވަކިކޮށް، އެ މުއައްސަސާތަކުގެ މިނިވަންކަމާއި އިތުބާރު ދެމެހެއްޓޭނެ ފަދަ ގާބިލު ފަރާތްތައް އެ މަގާމުތަކަށް އިސްކުރުން.
  10. ތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓައި، އަސާސީ ހިދުމަތްތަކުގެ އަގު އުފުލުނު ނުދީ ހިފެހެއްޓުމާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިސްރާފު މަދުކުރުމަށް އިސްކަންދިނުން. އަދި މިހާރުގެ އިގްތިސޯދީ ހާލަތާ ގުޅޭ ސައްހަ މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން އަވަސްކުރުން.
  11. ގައުމުގެ އިސްލާހީ ދަތުރު ހަރުދަނާކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ހާއްސަ ކޮމިޓީއެއް އެކުލަވާލުން. އަދި އެ ކޮމިޓީގެ މަޝްވަރާގެ މަތިން މެނުވީ ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ގޮތަށް ނިޒާމު ތަރުތީބުކުރުން.
  12. ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކޮށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދޭންޖެހޭ ގައުމީ ތަރިކައަކަށްވީހިނދު، ތިމާވެއްޓަށް ކުރާނެ އަސަރު އެކަށީގެންވާ ގޮތެއްގައި ވަޒަންކުރުމެއް ނެތި ހިންގާ މަޝްރޫއުތައް ވަގުތުން ހުއްޓުމަކަށް ގެނައުން. އަދި ތިމާވެށީގެ އީއައިއޭ ރިޕޯޓްތަކަށް ރިއާއަތްކުރުމެއް ނެތި ދޫކޮށްފައިވާ ހުއްދަތައް މުރާޖައާކޮށް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ މިނިވަންކަމާއި ބާރު ކެނޑޭ ގޮތަށް އިދާރީ ނިޒާމަށް ގެނެސްފައިވާ ބަދަލުތައް އުވާލައި، ތިމާވެށި ހިމާޔަތްކުރުމުގެ ފުރިހަމަ ގާނޫނީ ބާރުވެރިކަން އެ މުއައްސަސާއަށް އިޔާދަކޮށްދިނުން.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ ރައީސް މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވައި، އަވަސް އިންތިހާބެއް ބާއްވަން ގޮވާލައްވާފައެވެ.

އެމްޑީޕީން ސަރުކާރަށް މި 12 ޑިމާންޑުކޮށްފައިވާއިރު، ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލެއްވިއެވެ. އޭގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތައް އެއްކޮށް މަޝްވަރާތަކެއް ފެށުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ގޮވާލައްވާފައެވެ.

ނިމިދިޔަ އިންތިހާބުގައި ސަރުކާރު ބޮޑުތަނުން ބަލިވިފަހުން، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ބައެއް ވަޒީރުން ވަނީ މަގާމުން އިސްތިއުފާ ދެއްވައި، ގިނަ ބަދަލުތަކެއް ގެނެސްފައެވެ. ސަރުކާރުން މަގާމުތަކަށް ބަދަލު ގެނަޔަސް، ސިޔާސަތުތަކަށް ބަދަލު ނުގެންނާތީ އެކަމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox