ޗައިނާއިން ވިހަ ބޭނުންކޮށްގެން ކަނޑުގެ ދިރުންތަކަށް ހަމަލާދޭ ކަމަށް ފިލިޕީންސުން ތުހުމަތުކޮށްފި

Apr 14, 2026, 9:34 AM
ފިލިޕީންސްގެ ނޭވީގެ ތަރުޖަމާނު ރިއަރ އެޑްމިރަލް ރޯއީ ވިންސެންޓް ޓްރިނިޑާޑް، ދެބަސްވުން އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުން އަތުލައިގަތް، ސައިނައިޑް ހުރި ކަމަށް ޝައްކުކުރެވޭ ރީނދޫ ކުލައިގެ ފުޅިތަކެއްގެ މައުލޫމާތު ސްލައިޑް ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ފިލިޕީންސްގެ ނޭވީގެ ތަރުޖަމާނު ރިއަރ އެޑްމިރަލް ރޯއީ ވިންސެންޓް ޓްރިނިޑާޑް، ދެބަސްވުން އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުން އަތުލައިގަތް، ސައިނައިޑް ހުރި ކަމަށް ޝައްކުކުރެވޭ ރީނދޫ ކުލައިގެ ފުޅިތަކެއްގެ މައުލޫމާތު ސްލައިޑް ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ދެކުނު ޗައިނާ ކަނޑުގައި މިލްކުވެރިކަމާ މެދު ދެބަސްވުން އުފެދިފައިވާ ސަރަހައްދެއްގައި ހަރަކާތްތެރިވި ޗައިނާގެ ބޯޓުތަކަކުން ސައިނައިޑް ފެނިފައިވާ ކަމަށް ފިލިޕީންސުން ބުނެފި އެވެ.

ފިލިޕީންސުން އިންޒާރު ދީފައިވާ ގޮތުގައި މިއީ އެ ސަރަހައްދުގެ މަސްމަހާމެހި ނައްތާލުމަށް ދީފާނެ ހަމަލާއެއްގެ ފެށުމަކަށް ވެދާނެ އެވެ.

ފިލިޕީންސްގެ ސަލާމަތީ އިދާރާތަކުން ހޯމަ ދުވަހު ބުނި ގޮތުގައި، ދެކުނު ޗައިނާ ކަނޑުގެ ސްޕްރެޓްލީ އައިލެންޑްސްގައި ހިމެނޭ "ސެކަންޑް ތޯމަސް ޝޯލް" ފަރުން މިދިޔަ އަހަރު ފިލިޕީންސްގެ ކަނޑުގެ ސިފައިން އަތުލައިގަތް ފުޅިތަކެއް ލެބޯޓްރީގައި ތަހުލީލު ކުރިއިރު، ނުރައްކާތެރި ވިހަ މާއްދާއެއް ކަމަށްވާ ސައިނައިޑް ވަނީ ފެނިފަ އެވެ.

Advertisement

ކަމާބެހޭ އޮފިޝަލުން އިންޒާރު ދެއްވި ގޮތުގައި، ސައިނައިޑްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން، އެ ފަރުގެ ބާރު ދެރަވެދާނެ އެވެ. އެ ފަރަކީ ފިލިޕީންސްގެ ސަރަހައްދީ ދައުވާ ވަރުގަދަ ކުރުމަށްޓަކައި އެ ގައުމުގެ މަނަވަރެއް ބާއްވާފައިވާ މުހިންމު ސަރަހައްދެކެވެ.

ފިލިޕީންސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ކޯނޭލިއޯ ވެލެންސިއާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، "އަޔުންގިން ޝޯލް" (ސެކަންޑް ތޯމަސް ޝޯލްއަށް ފިލިޕީންސުން ކިޔާ ނަން) ގައި ސައިނައިޑް ބޭނުންކުރުމަކީ އެ ސަރަހައްދުގެ މަސްތައް މަރާލުމަށް ހިންގާ އަމަލެއް ކަމަށެވެ. އަދި މީގެ ސަބަބުން އެ ސަރަހައްދުގައި ތިބޭ ކަނޑުގެ ސިފައިންނަށް ބޭނުންވާ މުހިންމު ކާނާގެ ބާވަތްތައް ނެތިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ވެލެންސިއާ އިތުރަށް ވިދާޅުވީ، ސައިނައިޑްގެ ސަބަބުން ފަރަށް ގެއްލުންވެ، އެ ސަރަހައްދުގައި ބާއްވާފައިވާ މަނަވަރަށް ނުރައްކާވެ، އެ އުޅަނދު އަޑިއަށް ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ފިލިޕީންސްގެ މި ތުހުމަތުތައް ދޮގުކޮށް، އެއީ ސަމާލުކަން ހޯދުމަށް ހިންގާ "ސްޓަންޓެއް" ކަމަށް ބުނެފަ އެވެ.

ޗައިނާގެ ތަރުޖަމާނު ގުއޯ ޖިއާކުން ވިދާޅުވީ، އާންމު އުސޫލުން މަސްވެރިކަން ކުރަމުންދިޔަ ޗައިނާގެ ބޯޓުތަކަށް ފިލިޕީންސުން ގާނޫނާ ހިލާފަށް ހުރަސްއަޅައި، މަސްވެރިންގެ ސާމާނުތައް އަތުލައި، ސައިނައިޑްގެ ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އަދި ފިލިޕީންސްގެ މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފިލިޕީންސުން މީގެ ކުރިން ވެސް ވަނީ އެ ސަރަހައްދުގައި އޮތް މަނަވަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ކުރާ ދަތުރުތަކަށް ޗައިނާއިން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން 2024 ޖޫން 17 ގައި ހިނގި ކުރިމަތިލުމެއްގައި ފިލިޕީންސްގެ ފަޅުވެރިއެއްގެ އިނގިއްޔެއް ވަނީ ބުރިވެފަ އެވެ.

މީގެ އިތުރުން، 2025 ޑިސެމްބަރު މަހުގެ ތެރޭގައި، ދެބަސްވުން އުފެދިފައިވާ "ސަބީނާ ޝޯލް" ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ފިލިޕީންސްގެ މަސްވެރިންނަށް ޗައިނާގެ ކޯސްޓްގާޑުން ފެންބަޑިން ހަމަލާދީފައިވާ ކަމަށް ފިލިޕީންސުން ބުނެފައިވެ އެވެ. މި ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ދެ މަސްބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ޗައިނާއިން ވަނީ މިފަދަ ހާދިސާތަކުގައި އަނިޔާވެރިކޮށް އަމަލުކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ފިލިޕީންސުން ޗައިނާގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަންނަ ކަމަށް ޗައިނާއިން ތުހުމަތު ކުރެ އެވެ.

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ޗައިނާ އާއި ފިލިޕީންސުން މިދިޔަ މަހު ވަނީ މަތީ ފަންތީގެ މަޝްވަރާތަކެއް ބާއްވާފަ އެވެ. މި ބައްދަލުވުންތަކުގައި ތެލާއި ގޭހުގެ ދާއިރާއިން އެއްބާރުލުން ދިނުމަށާއި، ދެ ގައުމުގެ ކޯސްޓްގާޑުންގެ މެދުގައި މުއާމަލާތް ކުރުން ފަދަ އިތުބާރު އުފެއްދުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

ނަމަވެސް، ފިލިޕީންސްގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޯސްޓްގާޑުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އޮންނާނީ ވަކި ދާއިރާތަކަކަށް ހަނިކުރެވިފައި ކަމަށާއި، ނާޒުކު ސަރަހައްދުތަކުގައި އެއްބާރުލުން ދިނުމަށް ނުވަތަ ގުޅިގެން ޕެޓްރޯލް ކުރުމާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށެވެ.

ބްރޫނާއީ، މެލޭޝިއާ، ފިލިޕީންސް އަދި ވިއެޓްނާމުން މިލްކުވެރިކަމަށް ދައުވާކުރާ ސަރަހައްދުތައް ހިމެނޭހެން، ދެކުނު ޗައިނާ ކަނޑުގެ ގާތްގަނޑަކަށް މުޅި ސަރަހައްދަކީ ޗައިނާގެ ތަނެއް ކަމަށް އެ ގައުމުން ދައުވާ ކުރެ އެވެ.

ބައިނަލްއަގުވާމީ އާބިޓްރަލް ޓްރައިބިއުނަލުން 2016 ވަނަ އަހަރު ނިންމާފައިވަނީ ޗައިނާގެ މި ދައުވާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކަމަށެވެ. ނަމަވެސް ޗައިނާއިން އެ ނިންމުން ގަބޫލެއް ނުކުރެ އެވެ.

ދެކުނު ޗައިނާ ކަނޑަކީ އަހަރަކު ތިން ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ މުދާ އުފުލާ، ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް ކަނޑުގެ މަގެވެ.

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox