ތަރިކަ މުދާ ބެހުމުގެ ކުރިން މަރުވެފައިވާ ދަރިފުޅުގެ ދަރިންނަށް ވާރުތަ މުދާ ނުލިބޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށްޓަކައި ބިމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅަައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބަންޑާރަ ގޯއްޗެއްގެ ވެރިފަރާތް މަރުވުމުން އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާ މާއްދާއަށް ބައެއް އިތުރުކޮށްފަ އެވެ.
އެގޮތުން، ބަންޑާރަ ގޯއްޗެއްގެ ވެރި ފަރާތް މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ބަހަންޖެހޭނީ ތަރިކައިގެ ގޮތުން ލިބޭ މީހުންގެ އިތުރުން މައިމުޅަވާ ދަރިންގެ މެދުގައި ކަމަށް އެ އިސްލާހުގައި ބަޔާން ކޮށްފައިވެ އެވެ.
މައިމުޅަވާ ކުދިން ކަމުގައި ބަލާނީ، އެ ކުދިންގެ ބައްޕަ ނުވަތަ މަންމައަށް ތަރިކައިގެ ގޮތުން ލިބެން އޮންނަ ބިމެއް ބެހުމުގެ ކުރިން، މަންމަ ނުވަތަ ބައްޕަ މަރުވާއިރު، ދުނިޔޭގައި ތިބޭ ކުދިންނެވެ.
ނަމަވެސް، އެ އިސްލާހުގައިވާ ގޮތުން މައިމުޅަވާ ކުދިންގެ ތެރެއިން، ތަރިކަ ބިން ލިބޭނީ ބިމުގެ ތަނަވަސްކަން ލިބިފައި ނުވާ ކުދިންނަށެވެ. ބިމުގެ ތަނަވަސްކަން ލިބިފައިވާ ކުދިންކަމުގައި ބަލާނީ ގަނެގެން، ވިއްކައިގެން، ހިބައިން، ވަސިއްޔަތަކުން ނުވަތަ ތަރިކައިން ބިމެއް ނުވަތަ ފްލެޓެއް ލިބިފައިވާ ނަމަ އެވެ.

އޭގެ އިތުރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓެއް ނުވަތަ ގޯއްޗެއް ލިބިފައި އޮތް ނަމަ، އެއީ ވެސް ބިމުގެ ތަނަވަސްކަން ލިބިފައިވުން ކަމަށް، އެ އިސްލާހުގައި ބަޔާން ކޮށްފައިވެ އެވެ.
އެ އިސްލާހު ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ އެ މައްސަލައަކީ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާއެއް ކަމަށެވެ. އަދި، އެގޮތަށް ގާނޫނަށް އިސްލާހެއް ގެނައުމަކީ އިސްލާމްދީނުގައި ތަރިކަ މުދާ ބެހުމަށް އޮންނަ ހަމައަށް ބަދަލެއް ގެނައުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ދައްކަނީ އަމިއްލަ ބިމެއްގެ ވާހަކައެއް ނޫން، އިއްޒަތްތެރި ރައީސް، މި ދައްކަނީ ބަންޑާރަ ބިމެއްގެ ވާހަކަ. ބަނޑާރަ ބިމަކީ ދައުލަތުގެ ބިމެއް، ބަންޑާރަ ބިމުގެ މައްޗަށް ދައުލަތުގެ މިލްކުވެރިކަމެއް އޮންނާނެ. އެހެންކަމުން ބަންޑާރަ ބިމުގެ މައްޗަށް އުސޫލުތަކެއް ކަނޑައެޅުމާއި ބިމާ ގުޅޭގޮތުން ގޮތެއް ނިންމުމަކީ ބިމުގެ ވެރިފަރާތުގެ ހައިސިއްޔަތުން ދައުލަތަށް އޮންނަންވާނެ ބާރެއް ކަމުގައި އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.
ބިމާބެހޭ ގާނޫނުގައި މީގެ ކުރިން މައިމުޅަވާ ކުދީންގެ ވާހަކަ ބަޔާން ކޮށްފައެއް ނޯވެ އެވެ. އެހެންކަމުން، ތަރިކަ މުދާ ބަހާއިރު، މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން މަންމަ ނުވަތަ ބައްޕަ މަރުވެފައިވާ ކުދިންނަށް، އެ ކުދިންގެ މާމަ ނުވަތަ ކާފަގެ ގޯތި ބަހާއިރު، ބިމުން ބައެއް ނުލިބެ އެވެ.












