ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާ ދެކޮޅަށް މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު، އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވި ދަނޑިވަޅާ ދިމާކޮށް، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމުން ވަކިކުރެއްވި ޑރ. ސަލްމާ ރަޝީދުއަށް އަލުން އެ މަގާމު އިއާދަކޮށްދެއްވައިފި އެވެ.
ސަލްމާގެ އާއިލާ ބޭފުޅަކު މި ނޫހަށް ބުނީ، ސަލްމާ މަގާމުން ވަކިކުރި ކަމަށްބުނެ ފޮނުވި ޗިޓު މިހާރު ކެންސަލް ކޮށްފައިވާ ކަމަށެވެ.
ލީކުވި އޯޑިއޯގައި އަސްމާ ރަޝީދު ވަނީ ސަރުކާރާއި ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.
އެ އޯޑިއޯ ލީކުވުވި ދަނޑިވަޅުގައި ސަލްމާގެ އިތުރުން، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް މަގާމުން ވަކިކުރެއްވި އެވެ. މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ.
އެ ދެ ބޭފުޅުންގެ އިތުުރުން، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައިންތު ހުސައިން ޝަރީފް ވެސް މަގާމުން ވަކިކުރާނެ ކަމަށް އޭރު ބެލެވުނެވެ. ނަމަވެސް، އޭނާ އެ މަގާމުން ވަކިކޮށްފައެއް ނުވެ އެވެ.














