ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް 70 ޕަސެންޓު ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި އޭގެ މާނައަކީ ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދިނުމަށް ފަހު ގެއަށް ދާން ޖެހިފައިވާކަން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވަނީ ސަރުކާރުގެ މައްޗަށް ކުރި ހޯދާފަ އެވެ. އެ ޕާޓީގެ ގިނަ ގޮނޑިތައް ނެގިއިރު ފެންނަ ނުފެންނަ ވޯޓުގައި އެ ޕާޓީން ވަކާލާތު ކުރި ގޮތަށް ސަރުކާރުގެ ހުށަހެޅުން ވަނީ ނޫނެކޭ ބުނެފަ އެވެ.
"ހަމަ ރަނގަޅަށް ކާމިޔާބު ލިބެމުން މި ދަނީ. އަޅުގަނޑު މަސައްކަތް ކުރާނީ އަބަދުވެސް ހައްގަށް، އިންސާފަށް،" މިރޭ ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވި އެވެ.
ސަރުކާރުން ދިވެހި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ކޮރަޕްޝަން ހިންގަމުންދާ ކަމަށާއި، ކޯޓުތަކަށް އަތް ބާނަމުންދާ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
އަދި މިވަގުތު ރާއްޖޭގައި ގާނޫނީ ވެރިކަމެއް ހިނގަމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ގޮވާލަނީ އިސްތިއުފާށް، ރައްޔިތުންގެ އިތުބާރު ގެއްލުނީމާ ދުނިޔޭގެ އެހެން ތަންތަނުގައި ކަންކުރާ ގޮތަށް އިސްތިއުފާ ދީފަ ގެއަށް ދާށޭ،" ޣަފޫރު ވިދާޅުވި އެވެ.

މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސިޓީތަކުގެ މޭޔަރުން ހިމެނޭހެން އިންތިހާބުކުރާ 52 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 46 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ބޮޑެތި އާބާދީތަކުން އެމްޑީޕީ ކުރި ހޯދިއިރު ހުރިހާ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަން ވެސް ލިބުނީ އެ ޕާޓީއަށެވެ.












