ރިޕޯޓުއިންތިހާބީ ނުފޫޒާއި ބިރު ދެއްކުމުގެ ތެރެއިން ސަރުކާރަށް ބޮޑު ބައްޔެއް

އިންތިހާބީ ނުފޫޒާއި ބިރު ދެއްކުމުގެ ތެރެއިން ސަރުކާރަށް ބޮޑު ބައްޔެއް

ސަރުކާރުން ވަޒީފާ ދިނުމާއި ފައިސާގެ ނުފޫޒު ފޯރުވަން މަސައްކަތް ކުރި ނަމަވެސް، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވަނީ ފަސް ސިޓީގެ މޭޔަރުކަމާއެކު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ނެގި ވޯޓުގައި ވެސް ރައްޔިތުން ވަނީ ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ނިންމުން ނިންމާފައެވެ.

ރައީސް މުއިއްޒު
ރައީސް މުއިއްޒު

މިއަދުގެ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު ފެށެން ގަޑިއިރުތަކަކަށް ވެފައި ހުއްޓާ ވެސް ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީ އިން ވަޒީފާތަކެއް އިއުލާނުކޮށްލި އެވެ. 

ޑިސެމްބަރު 4، 2025، ގައި އިންތިހާބު އިއުލާނު ކުރި ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ސަރުކާރުގެ އެކި ކުންފުނިތަކުން އެތައް ހާސް ވަޒީފާއެއް އުފެއްދި އެވެ. 

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ ތެލަށް ޖެހި، މުދާ ލިބުން ދަތިވެފައިވާ މި ހައްސާސް ދަނޑިވަޅުގައި ވެސް ހަރަދު ކުޑަ ކުރުމުގެ ބަދަލުގައި ސަރުކާރުން ބެލީ ގިނައިން ފައިސާ ހަރަދުކޮށްގެން ވޯޓުން ކާމިޔާބު ހޯދާށެވެ. 

ނަމަވެސް، އިންތިހާބީ ދުވަހު ސަރުކާރަށް ކުރިމަތިލާން މި ޖެހުނީ ބޮޑު ނާކާމިޔާބީއަކާ އެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރީ އެމްޑީޕީ އެވެ. ދިވެހިރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމަށް ވެސް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި ވެސް ރައްޔިތުން ބުނީ ނޫނެކޭ އެވެ. މިއީ، ދެ އިންތިހާބު އެއްކޮށްލަން ވަކާލާތު ކުރި ސަރުކާރަށް މުޅި ރާއްޖެއިން ލިބުނު ބޮޑު ބައްޔެކެވެ. 

"މިއަދު ނެގި ވޯޓުގައި އެމްޑީޕީ މި ވަނީ ވަރަށް ބޮޑު ތަނުން ސަރުކާރު ބަލިކޮށް ކާމިޔާބު ހޯދާފައި. ހުރިހާ ސިޓީއެއް، ގިނަ ރަށްރަށެއް އަދި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނަން ފަށައިފި،" އެމްޑީޕީގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވި އެވެ. 

ވަޒީފާ އުފަން ކުރުވުމުގެ އިތުރުން ސަރުކާރުން ދިޔައީ އިންތިހާބަށް ނުފޫޒު ފޯރުވިދާނެ ގޮތަށް ބައެއް އެހެން ކަންކަން ވެސް ކުރަމުންނެވެ. އެގޮތުން، ހިޔާ ފްލެޓުގެ ދެ އަހަރުގެ ކުލި ކަނޑާލުމާއި މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތަކަށް ފައިސާގެ ހަދިޔާއެއް ދޭން ނިންމުން ހިމެނެ އެވެ. 

އޭގެ އިތުރުން، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓުން ރައްޔިތުންނަށް ފައިސާ ބަހަން މަސައްކަތް ކުރިކަމުގެ ވަރަށް ގިނަ ތުހުމަތުތައް އަމާޒު، އެފަދަ އަޑުތައް ފެތުރުނެވެ. 

"ވޯޓު ލާން ދަންޏާ އެބަ ދޭ 25،000ރ އާއި ލައްކައެއްހާ ރުފިޔާ ވެސް. ގަނޑުކޮށް ވެސް އެބަ ފައިސާ ދޭ 10 ވަރަކަށް މީހުންވިއްޔާ. ބޮލަކަށް އެބަދޭ 25،000ރ. ވެސް،" ސަރުކާރުގެ ކެންޑިޑޭޓަކު ފައިސާ ބެހި މަންޒަރު ފެނުނު މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ. 

އެ ހުރިހާ ނުފޫޒު ކުރިމަތިވަމުންދިޔައިރު ވެސް އިންތިހާބުން ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނުމަކީ ކުޑަ މެސެޖެއް ނޫން ކަމަށް އިދިކޮޅު މެންބަރުން ދަނީ ބުނަމުންނެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވީ ދެ އިންތިހާބާއި ރެފެރެންޑަމް ވޯޓުން ރައްޔިތުން ދިނީ ސަރުކާރަށް ސާފު މެސެޖެއް ކަމަށެވެ. 

"މިއީ ބާރުތައް މަސްހުނިކުރުމާއި، އިގުތިސާދު ފަނާކުރުމާއި، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދިން ސާފު މެސެޖެއް. މިއީ އިދިކޮޅު ފަރާތްތަކުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް ގައުމީ މަސްލަހަތަށް މަސައްކަތް ކުރުމުގެ ނަތީޖާ. ރައްޔިތުންގެ އަޑު އުފުލައި، މި ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް،" ފައްޔާޒް ވިދާޅުވި އެވެ. 

މިއަދުގެ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ބޮޑު ބައްޔަކާ ކުރިމަތިލާންޖެހުނުއިރު، ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މިރޭ ވިދާޅުވެފަ އެވެ. 

"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެމަނިކުފާނު ވިދާޅުވި އެވެ. 

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox