ރިޕޯޓު"ފިކްސްޑް" ޑީލަކަށް 13 މިލިއަން ދީގެން ހެދި "ފަޅޯ" ޓެކްސީ އެޕް

"ފިކްސްޑް" ޑީލަކަށް 13 މިލިއަން ދީގެން ހެދި "ފަޅޯ" ޓެކްސީ އެޕް

އެމްޓީސީސީގެ ޓެކްސީ ހިދުމަތަށް ބޭނުންވާ އެޕްލިކޭޝަން ތައްޔާރުކުރުން، އެއްވެސް ތަޖުރިބާއެއް ނެތް އަމިއްލަ ކުންފުންޏަކަށް 13 މިލިއަން ރުފިޔާއަށް ސިއްރު ބިޑެއްގެ ދަށުން ހަވާލުކުރި. މި މުއާމަލާތުގައި ކޮރަޕްޝަނާއި އާއިލީ ގުޅުންތައް އެކުލެވޭ. ސިފަަވަނީ ކޮރަޕްޝަންގެ ނެޓްވޯކެއް.

އެމްޓީސީސީގެ އެމްޑީ ސައުދީ އާއި ޓެކްސީ ހިދުމަތުގައި ބޭނުންކުރާ ކާރުތައް: އެމްޓީސީސީގެ ޓެކްސީ ހިދުމަތުގެ ޕްރޮކިޔުމަންޓުގައި ސީރިއަސް މައްސަލަތަކެއް އެބަހުރި --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
އެމްޓީސީސީގެ އެމްޑީ ސައުދީ އާއި ޓެކްސީ ހިދުމަތުގައި ބޭނުންކުރާ ކާރުތައް: އެމްޓީސީސީގެ ޓެކްސީ ހިދުމަތުގެ ޕްރޮކިޔުމަންޓުގައި ސީރިއަސް މައްސަލަތަކެއް އެބަހުރި --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

މާލޭ މަގެއްގެ މަތިން ޓެކްސީއެއް ހޯދުމަކީ އަބަދުވެސް ކެތްތެރިކަމުގެ ބޮޑު އިމްތިހާނެކެވެ. ސަރުކާރުން ބޮޑު ހަރަދުކޮށްގެން އިލެކްޓްރިކް ކާރުތަކުގެ ފްލީޓެއް މަގުމައްޗަށް ނެރުނީ، ތިމާވެއްޓާ ރައްޓެހި ހަކަތަ އާއި ޑިޖިޓަލް ހައްލުތައް ބޭނުކޮށްގެން، މި ހަގީގަތް ބަދަލުކުރާށެވެ. 

ޓެކްސީ ޑްރައިވަރުންނަށް ގޮން ޖަހައި، ސަރުކާރުން މި ހިދުމަތް ފެށުމުން، ރައްޔިތުން ހީކޮށްގެން ތިބީ، މަގުމަތީގައި އަތް ހޫރުވައިގެން ޓެކްސީ ހޯދަން ޖެހުނު ޒަމާން ނިމުމަކަށް އައީ ކަމަށެވެ. ނަމަވެސް، މި ހިދުމަތް ދޭން ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ވަނީ ރޭވި ގޮތަށް މި ހިދުމަތް ދޭން ނުކުޅެދިފަ އެވެ. 

މައްސަލައިގެ މުގުލުގައި  އުޅެނީ މި ހިދުމަތް ދޭން އެމްޓީސީސީން އަމިއްލަ ބަޔަކާ ހަވާލުކޮށްގެން އުފައްދަން އުޅުނު އެޕްލިކޭޝަނެވެ. 

މި ޓެކްސީ އެޕްލިކޭޝަންގެ މައްސަލަ ތިލަކުރީ ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދެވެ.  މިދުއަމް އާންމުކުރި ޕޯސްޓުގައި ވަނީ އެމްޓީސީސީން "ފިކްސްޑް މޯލްޑިވްސް" ކިޔާ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކަށް 13 މިލިއަން ރުފިޔާއަށް މި އެޕްލިކޭޝަން އުފައްދަން ހަވާލުކޮށްފައިވާ ކަމަށެވެ. 

މިދުއަމް މިކަން ތިލަކުރި ހުރި ހިސާބުން ޓްރާންސްޕޭރެންސީ އެކްޓިވިސްޓުންނާއި ދިވެހި ސޮފްޓްވެއާ ޑިވެލޮޕަރުން ވަނީ އާންމުކޮށް ލިބެން ހުރި (އޯޕަން ސޯސް) މައުލޫމާތު ބޭނުންކޮށްގެން ވަރުގަދަ ތަހުގީގެއް ހިންގާ، މި މުއާމަލާތުގެ މަތިން ތިރިއަށް ނިއުޅުވާލާފަ އެވެ. އެ ތަހުގީގުން ވަނީ ކަން ހިނގި ގޮތުގެ ތަފުސީލީ މަންޒަރެއް ކުރަހާލަ ދީފަ އެވެ. 

ސިއްރު ބިޑާއި، އާއިލީ ގުޅުންތައް

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން އުފައްދާނެ ބަޔަކު ހޯދަން އެ ކުންފުނިން ދިޔައީ ސިއްރު ބިޑަކަށެވެ. މި އެޕްލިކޭޝަން އުފެއްދުމުގެ ދައުވަތު ފޮނުވާފައި ވަނީ ވަކި ބަޔަކަށެވެ. އެކަމަކު ރާއްޖޭގައި މި ފަދަ އެޕްލިކޭޝަންތައް އުފެއްދުމުގެ ތަޖުރިބާ ހުރި ގިނަ ޑިވެލޮޕަރުންނަށް ދައުވަތެއް ނުދެ އެވެ.

މި ސިއްރު ބިޑަށް ފަހު، އެމްޓީސީސީން މަސައްކަތް ހަވާލުކުރީ ފިކްސްޑް މޯލްޑިވްސް އަކީ، ހދ. ނޮޅިވަރަންފަރު ޑޭޒީމާގޭ އިބްރާހީމް އަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް ނުވަތަ ސޯލް ޕްރޮޕްރައިޓާޝިޕެކެވެ.

މިކަން ތަހުގީގު ކުރިން މީހުން ވަނީ ފިކްސްޑް މޯލްޑިވްސްގެ އިބްރާހިމް އާއި އެމްޓީސީސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އަބްދުﷲ ފާާރިޝްގެ އަކީ ޑޭޒީމާގެއަށް ރަޖިސްޓްރީވެފައިވާ ގާތްތިމާގެ ދެ މީހުން ކަން ހޯދާފަ އެވެ. އަދި، ޓެކްސީ އެޕްލިކޭޝަން ޕްރޮޖެކްޓުގައި އެމްޓީސީސީގެ ތެރެއިން އިސްކޮށް އުޅުނު އެކަކަކީ ފާރިޝް ކަން ވެސް ދެނެގަތެވެ.

އޭގެ އިތުރުން، ފިކްސްޑް މޯލްޑިވްސް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ އޮންނަ ކަމަށް ބުނާ ގުޅުންތައް ވެސް އެ މީހުން ހޯދި އެވެ. އެކަމަކު، މިކަމާ ގުޅޭ ގޮތުން އަދަދު އިން ސުވާލުކުރުމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވަނީ ޓެކްސީ އެޕްލިކޭޝަންގެ މަސައްކަތުގައި ގޯހެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

"މީގައި ނީންނާނޭ ގޯހެއް. ބިލީވް މީ. ވައި ޝުޑް އައި ޑޫ ދިސް،" ސައުދީ ވިދާޅުވި އެވެ. 

ސައުދީ މި ޔަގީންކަން ދެއްވި ނަމަވެސް، ސައުދީ ހިއްސާކުރެއްވި މައުލޫމާތުން ތަހުގީގުގެ ގިނަ ހޯދުންތަކުގެ ސައްހަކަން ކަށަވަަރުވި އެވެ. އެއީ ޓެކްސީ އެޕްލިކޭޝަންގެ ޓެންޑަރުގައި ފާރިޝް ބައިވެރިވީ ކަމާއި ފާރިޝް އާއި އިބްރާހިމްގެ އާއިލީ ގުޅުން އޮންނަ ކަން އެމްޓީސީސީގެ މެނޭޖުމަންޓަށް އިނގޭ ކަމެވެ.

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން ޕްރޮޖެކްޓުގެ ޓީމު: މި ފޮޓޯގެ ކަނާތްފަޅިން ދެ ވަނައަށް އެ ހުރީ ފާރިޝް --- ސްކްރީންގްރޭބް: ޔޫޓިއުބް/ޕްރެޒިޑެންސީ މޯލްޑިވްސް
އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން ޕްރޮޖެކްޓުގެ ޓީމު: މި ފޮޓޯގެ ކަނާތްފަޅިން ދެ ވަނައަށް އެ ހުރީ ފާރިޝް --- ސްކްރީންގްރޭބް: ޔޫޓިއުބް/ޕްރެޒިޑެންސީ މޯލްޑިވްސް

އެކަމަކު، މިއީ ގޯހެއް ކަމަށް ސައުދީ ގަބޫލެއްނުކުރައްވަ އެވެ. ސައުދީ ވިދާޅުވީ ގޮތުގައި ފާރިޝްއަކީ ވަކި ބަޔަކާ މަސައްކަތް ހަވާލުކުރުމުގެ އޮތޯރިޓީއެއް އޮތް މީހެއް ނޫނެވެ. އަދި ފިކްސްޑް މޯލްޑިވްސްގެ ވެރިޔާ އާއި އާއިލީ ގުޅުން އޮތަސް، އެ ވިޔަފާރިން ނޫނީ މި މުއާމަލާތުން އޭނާއަށް މާލީ މަންފާއެއް ނުލިބޭތީ، އެ ގުޅުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް ސައުދީ ވިދާޅުވި އެވެ. 

"އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏެކޭ ނެތޭ ބުނޭވަކަށް އަދިއެއް. ބޭބެއެއް އެއީ. ރަޖިސްޓާގެ އެއް އެޑްރެހެއްގައި އޮވެދާނެ އެތައް މީހުންނެއް ވެސް. އަޅުގަނޑުމެން ޑިއު ޑިލިޖެންސް ހަދާފައި ވަނީ،" އޭނާ ވިދާޅުވި އެވެ. 

މި ރާއްޖޭގެ އެންމެ ދުވަސްވީ ޕަބްލިކް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް މިކަން މައްސަލައަކަށް ނުވިޔަސް، ހަގީގަތުގައި މިއީ ވަރަށް ބޮޑު މައްސަލައެކެވެ.

ފިކްސްޑް މޯލްޑިވްސްގައި ފާރިޝްގެ މާލީ މަސްލަހަތެއް ނެތަސް، އާއިލީ ގުޅުމަކީ މަސްލަހަތު ފުށުއަރާ ކަމެކެވެ. މިކަން ސާފުކޮށް ފެންނަން އޮތް އިރު، ބިޑުގައި ފާރިޝް ބައިވެރިކުރުމަކީ އެމްޓީސީސީ ފަދަ ޕަބްލިކް ކުންފުންޏަކުން ގެންގުޅެންޖެހޭ އަދި އަމަލުކުރަމުން އަންނަ މިންގަނޑުތަކުން ބޭރުން ކުރި ކަމެކެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތައް ބުނާ ގޮތުން، ގުޅުން އޮންނަ ފަރާތަކުން ބިޑުގައި ބައިވެރިވަންޏާމުން ޓެންޑަރުން އެ މީހަކު ދުރު ވާން ޖެހެ އެވެ. މިއީ ބިޑުތައް އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް، ކުންފުނީގެ މާލީ ހިސާބުތަކާއި ހިއްސާދާރުންގެ އިތުބާރު ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ.

މިފަދަ ނިޒާމުތައް ހަރުދަނާކޮށް ހިފެހެއްޓުމަކީ އިންވެސްޓަރުންގެ ޔަގީންކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި، ބިޑުގެ މިނިވަންކަން ކަށަވަރުކުރަން ފިޔަވަޅުތައް އަޅަން ޖެހެ އެވެ. މިއީ ކޮރަޕްޝަން ނުހިނގާކަން ކަށަވަރުކުރުމަށާއި، އެމްޓީސީސީގެ އަބުރު ހިފަހައްޓަން ވެސް ކުރަން ޖެހޭ ކަމެކެވެ. 

ނާގާބިލު ބަޔަކު ހެދި "ފަޅޯ" އެޕުގައި ޑޭޓާ ދިމާ ހާމައަށް

މާލެ ޓެކްސީ އެޕްލިކޭޝަން ތައްޔާރުކުރި "ފިކްސްޑް މޯލްޑިވްސް" އަކީ އެޕްލިކޭޝަން ހެދުމުގެ އެއްވެސް ތަޖުރިބާއެއް ހުރި ކުންފުންޏެއް ނޫނެވެ. މިކަން އެ ކުންފުނީގެ ވެބްސައިޓުގައި ހުރި މައުލޫމާތުން ވެސް ހާމަވެ އެވެ.  

ފިކްސްޑް މޯލްޑިވްސްގެ ވެބްސައިޓު ބުނާ ގޮތުން އެ މީހުންނަކީ ނެޓްވޯކިން އަދި ސީސީޓީވީ ކެމެރާގެ ހިދުމަތް ދޭ ވިޔަފާރިއެކެވެ. ސޮފްޓްވެއާ ޑިވެލޮޕްމަންޓްގެ އެއްވެސް ވާހަކައެއް ނެތެވެ. ދިވެހި ޑިވެލޮޕަރުންގެ ކޮމިއުނިޓީން ވެސް ބުނަނީ އެ މީހުން ތިބީ ފިކްސްޑް މޯލްޑިވްސްގެ ނަން އަޑުއެހި ތަނުގައި ކަމަށެވެ. 

އެޕްލިކޭޝަނެއް އުފެއްދުމުގެ ތަޖުރިބާ ފިކްސްޑް މޯލްޑިވްސްގެ ނެތް ކަން ފެންނަން ހުރި ހެކިތަކުން ސާފުވީ ނަމަވެސް، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މިކަން ގަބޫލެއް ނުކުރައްވަ އެވެ. ސައުދީ ވަރަށް ކޮންފިޑެންސާއެކު ވިދާޅުވީ، އެއީ ގާބިލު ބަޔެއް ކަމަށާއި މަސައްކަތް ހަވާލުކުރީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ. 

"އެއީ ހަމަ ގާބިލު ބަޔެއް. މި ކަހަލަ ކަމެއް ކުރަން ވެގެން އާރްއެފްކިޔު ހުޅުވާލީމާ، އިންޓްރެސްޓެޑް ޕާޓީސްތަކުން މި ތަނަށް މި ސަބްމިޓް ކުރަނީ. ސަބްމިޓް ކުރީމަ، މި ތަނުން އިންނާނީ އެސެސްކޮށްފަ. ކޮށްފަ ނޫނީ ބަޔަކު ސިލެކްޓެއް ނުކުރާނެ. ބެކްގްރައުންޑް އެސެސްމަންޓެއް ވެސް ހަދާނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ދިވެހި ޑިވެލޮޕަރުންނާއި ސައިބާ ސެކިއުރިޓީ ހަބީރުން (އެކްސްޕާޓުން) ވަނީ މި އެޕަކީ އެއްވެސް ރައްކާތެރިކަމެއް ނެތް، ވަރަށް އާދައިގެ ގޮތަކަށް ކޯޑުކޮށްފައިވާ އެޕެއް ކަން ހޯދާފަ އެވެ. މިކަން ކުރީ، ޓެކްސީ ހިދުމަތް އިފްތިތާހުކުރިރޭ އެމްޓީސީސީން އާންމުކުރި ޓެކްސީ އެޕްލިކޭޝަން ލިންކުގެ (maletaxi.web.app) ކޯޑާއި ސިސްޓަމްތައް ޓެސްޓުކޮށްގެންނެވެ.

ޑިވެލޮޕަރުންގެ ހޯދުންތަކުން ހާމަވެގެން ދިޔައީ ސިއްސައިގެން ދާވަރުގެ ސެކިއުރިޓީ މައްސަލަތަކެވެ. އާދައިގެ ކުޑަ ސްކްރިޕްޓު ކޮޅެއް ބޭނުންކޮށްގެން ކޮންމެ މީހަކަށް ވެސް މުޅި ޔޫޒާ ޑޭޓާބޭސް ނެގެ އެވެ. ޑޭޓާބޭހުން އެޕުގައި ރަޖިސްޓްރީވީ މީހުންގެ އައިޑީ ކާޑާއި ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ފަދަ މައުލޫމާތު ފެންނަން ހުއްޓެވެ.

އޭގެ ތެރޭގައި މި އެޕް ހެދި ކަމަށް ބެލެވޭ އިސްމާއިލް ހަސަން (ގޯސްޓް) އާއި ލަންކާގެ ޑިވެލޮޕަރު ތީލަން ތީކްޝަނާގެ މައުލޫމާތު ހިމެނެ އެވެ. މި އިސްމާއިލް ހަސަންގެ ލިންކްޑްއިން ޕްރޮފައިލް ބުނާ ގޮތުން މީނާއަކީ ފުލުހުންގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓެކެވެ. ތީކްޝަނާއަކީ ސޮފްޓްވެއާ އިންޖިނިއަރެއް ނަމަވެސް، އޭނާ ވެސް ކޯޑިން މަސައްކަތް ކުރާ މީހެއް ކަމަށް އޭނާގެ ޕްރޮފައިލްގައި ބުނެފައިވެ އެވެ. 

މި އެޕްލިކޭޝަންގެ އޭޕީއައި ޓެސްޓުކުރި އެއް ޑިވެލޮޕަރު، ރާފްޓޯކްސް އެކްސްގައި ލިޔެފައިވާ ޕޯސްޓުތަކުގައިވާ ގޮތުގައި، އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަންގެ އޯޓީޕީ ވެރިފިކޭޝަން ހުރި އާދައިގެއޭ ބުނާ ވަރަކަށް ވުރެ ވެސް ދަށް ފެންވަރެއްގަ އެވެ.

ރާފްޓޯކްސް އިން ބުނީ، އެޕްލިކޭޝަން ބޭނުންކުރާ މީހާގެ ފޯނު ނަމްބަރާއި އީމެއިލް އެޑްރަސް ބަދަލުކުރަން، ހަމައެކަނި "123456" ޖަހާލުމުން ވެސް ފުދޭ ކަމަށެވެ. މިހެން އޮތުމުން، އެހެން މީހެއްގެ ނަންބަރު ވެސް އަމިއްލަ ޕްރޮފައިލްއަށް ލިންކު ކުރެވެ އެވެ. 

މި އެޕްލިކޭޝަނަކީ ބޭނުންކުރާ މީހުންގެ ލޮކޭޝަނާއި އައިޑީ ކާޑު ފަދަ ޒާތީ މައުލޫމާތު އެއްކުރާ އެޕަކަށް ވެފައި، މިހާ ދަށް ފެންވަރެއްގައި މި އެޕް ހަދާފައި ހުރުން ބަލައެއް ނުގަނެވެ އެވެ. އަދި، މިކަހަލަ އެޕެއްގެ ރަނގަޅު ސެކިއުރިޓީ އޮޑިޓެއް ނުހަދާ، އެޕް އާންމުކުރަމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ޑިވެލޮޕަރުން އަންނަނީ ބުނަމުންނެވެ.

އަދަދު އިން ވާނީ މި ރިޕޯޓުގައި ފިކްސްޑް މޯލްޑިވްސްގެ ބަހެއް ހިމަނަން މަސައްކަތްކޮށްފަ އެވެ. އެ ވިޔަފާރީގެ ވެބްސައިޓުގައި ހުރި ނަމްބަރަށް ގުޅުމުން ފަހުން ގުޅާނެ ކަމަށް ބުނުމަށް ފަހު ފޯނަށް ޖަވާބެއް ނުދެ އެވެ.  

ލޯންޗުގެ ކުރިން އެޕްގައި މައްސަލަ ހުރިކަން އެނގޭ

އެމްޓީސީސިގެ ޓެކްސީ އެޕްލިކޭޝަންގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށްގެން ބޮޑު މައްސަލައަކަށް ވެގެން އުޅޭއިރު، އެ ކުންފުނީގެ އައިޓީ ޑިޕާޓްމަންޓުން އޮތީ މި އެޕް "އިން-ހައުސް" ކޮށް އުފައްދަން މާ ކުރިން ހުށަހަޅާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އަދަދު އާ ވާހަކަ ދެއްކި ސިއްރު މަސްދަރަކުން ބުނި ގޮތުގައި އައިޓީ ޑިޕާޓްމަންޓުން ހުށަހެޅީ މިހާރު ވެސް ބޭނުންކުރަމުން އަންނަ އެ ކުންފުނީގެ އާރުޓީއެލް އެޕްލިކޭޝަނުގެ ތެރެއަށް ޓެކްސީ ހިދުމަތް އިންޓަގްރޭޓް ކުރާށެވެ. 

"އައިޓީ ޑިޕާޓުމަންޓުން އޮތީ މާ ކުރިން ހުށަހަޅާފަ މިހާރު ވެސް ބޭނުންކުރާ އާރުޓީއެލް އެޕްލިކޭޝަންގެ ތެރެއަށް މި އެޕްލިކޭޝަން އިންޓަގްރޭޓް ކުރަން. ފަހުން [ފިކްސްޑް މޯލްޑިވްސް] އާ ހަވާލުކުރީ މި ހުރިހާ ކަމެއް ހިމެނޭ ވަކި އެޕެއް އުފައްދަން. މެނޭޖުމަންޓުން ނިންމީ،" އޭނާ ބުންޏެވެ. 

ސައުދީ ވަނީ މި ހުރިހާ ވާހަކަތަކެއް ވެސް ދޮގުކުރައްވާފަ އެވެ. އޭގެ ބަދަލުގައި އޭނާ މަސައްކަތް ކުރެއްވީ ޓެކްސީ އެޕްލިކޭޝަން ފެއިލްވީ، "އިންސައިޑް ޖޮބް" އަކުން ކަމަށް ނޫނީ ކުންފުނީގެ އެތެރެއިން ގޯސްތަކެއް ހަދައިގެން ކަމަށް ވިސްނައިދޭށެވެ. އެ ގޯސް ހެދި ކަމަށް ސައުދީ ވިދާޅުވަނީ އައިޓީ ޑިޕާޓްމަންޓުގެ ބަޔެކެވެ. 

އެމްޓީސީސީގެ ޓެކްސީ ހިދުމަތް ފެށިރޭ ދެއްކި އެޕްލިކޭޝަންގެ ވީޑިއޯ: އެޕްލިކޭޝަން ލޯންޗުކުރުމުގެ ކުރިން އޭގައި ސެކިއުރިޓީ މައްސަލަތައް ހުރިކަން އެނގޭ

އެ ގޮތުން މާލެ ޓެކްސީ އެޕްލިކޭޝަން ލޯންޗުކުރުމުގެ ކުރިން އޭގެ ސެކިއުރިޓީ ޓެސްޓު ކުރުމުގެ ގޮތުން އޭގެ ލިންކު ކުންފުނީގެ ތެރޭގައި ހިއްސާކުރި އެވެ. ސައުދީ ވިދާޅުވީ، އެޕްލިކޭޝަންގެ ލޯންޗިން ފެއިލްވީ އެމްޓީސީސީގެ ތެރެއިން ބަޔަކު މި ލިންކު ލީކުކޮށްލުމުން ހިނގި ކަންތައްތަކަކާ ގުޅިގެންނެެވެ. 

"ރޯންގްހޭންޑަކަށް މި އިންފޮމޭޝަން ދިޔައީ. ދިޔައިމަ އެހެން ޕާޓީއަކުން އެބައިން މި ތަނުން ވަކި ބަޔަކަށް މެއިލްކޮށްފަ، ތިބޭފުޅުން ތި ލޯންޗުކުރަން އުޅޭ އެޕްގައި އެބަހުއްޓޭ ސެކިއުރިޓީ ވަލްނިރަބިލިޓީއެއް. ދެން މީގަ ތިމަންނަމެން އެސިސްޓްކޮށްދީފާނަމޭ،" ސައުދީ ވިދާޅުވި އެވެ. 

މި މައުލޫމާތު އެމްޓީސީސީގެ ބައެއް މީހުންނާ މެއިލްގެ ޒަރިއްޔާއިން ހިއްސާކުރި ނަމަވެސް، ސައުދީ ވިދާޅުވި ގޮތުގައި މި މައުލޫމާތު މެނޭޖުމަންޓާ ހިއްސާނުކުރެ އެވެ. އޭނާ ވިދާޅުވީ، މި މައުލޫމާތު ފޮނުވިއިރު ވެސް މުޅި އެޕް އޮތީ "ކްރޭޝް" ކޮށްލާފަ އެވެ. އެޕުގައި މައްސަލަތައް ހުއްޓާ ލޯންޗުކުރީ މި މައުލޫމާތު ނުލިބޭތީ ކަމަށް ވެސް ސައުދީ ވިދާޅުވި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ފިޔަވަޅު އަޅާފައި އައިޓީ ޑިޕާޓުމަންޓުގައި އިސްކޮށް ހުންނެވި، އަހުމަދު ސަލާމް ސަސްޕެންޑްކޮށްފަ އެވެ. ސީދާ ވަކި މީހެއްގެ ނަން ވިދާޅުނުވި ނަމަވެސް ސައުދީ ވަނީ އައިޓީ ޑިޕާޓުމަންޓުގެ ތެރެއިން މިކަމުގައި ގޯސްތަކެއް ހެދި ކަމަށް ވިދާޅުވެފަ އެވެ. 

"އައިޓީ ޑިޕާޓްމަންޓުގައި ތިބޭނީ ޒިންމާދާރު ޓެކްނިކަލް މީހުން. އެ މީހުން މީގައި މި ދުވަހަށް ވެއިޓްކޮށްގެން ތިބޭ ކަމަށް ވަންޏާމުން އެއީ ޒިންމާދާރު ކަމެއް ނޫން،" ސައުދީ ވިދާޅުވި އެވެ. 

ސައުދީ ވަނީ މި ޓެކްސީ ޕްރޮޖެކްޓަށް 13 މިލިއަން ރުފިޔާ ހަރަދު ވަނީ ކީއްވެގެން ކަން ވެސް ސާފުކޮށްދޭން މަސައްކަތްކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އެޕްލިކޭޝަނަށް ދެ މިލިއަން ރުފިޔާ ވެސް ހަރަދު ނުވެ އެވެ. ބާކީއަކީ ހާޑުވެއާގެ ހަރަދެވެ.

"ސޮފްޓްވެއާއަށް އިންނާނީ ގާތްގަނޑަކަށް ވަން ޕޮއިންޓް ކޮންމެވެސް ވަރެއް އުޅޭނީ ސޮފްޓްވެއާއަށް. ކޮމްޕޯނަންޓް ވައިސްކޮށް، ދެން ސެގްމެންޓް ވައިސްކޮށް، ފޭސް އައުޓްކޮށްގެން އިންނާނީ [ހާޑްވެއާ]،" ސައުދީ ވިދާޅުވި އެވެ. 

ހާޑްވެއާއަށް މިހާ ބޮޑު ހަރަދެއް ހިނގަނީ، ސައުދީ ވިދާޅުވި ގޮތުގައި، އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމުގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ ގޮތެއް ނެތުމުންނެވެ. ސައުދީ ވިދާޅުވީ މި ނިޒާމުގެ މަސައްކަތް ނިމޭއިރު، އެމްޓީސީސީއަށް ރިއަލްޓައިމްކޮށް ފެރީތަކާއި ކާރުތަކުގެ ޓްރެކިން މައުލޫމާތު ލިބޭނެ ގޮތަށް މުޅި ސިސްޓަމް ގާއިމުކުރެވޭނެ ކަމަށެވެ.

ނަމަވެސް، ސައުދީ މި ނޫހަށް މި އިންޓަވިއު ދެއްވި ދުވަހު ނޫން އަނެއް ދުވަހު މި ކާރުތަކުގައި ހަރުކުރަން ޓެބްލެޓްތަކެއް ހޯދަން އުޅޭ ކަމުގެ އަޑުތައް އަރާފަ އެވެ. އެހާ ހިސާބުން ސައުދީ ވިދާޅުވީ ހާޑްވެއާއަށް ބޮޑު ހަރަދެއް ހިނގާ ކަމަށް ދެއްކެވި ވާހަކަތަކާ މެދު ޝައްކު އުފެދެ އެވެ. 

އެޕް "ފިކްސް" ނުވެގެން ހިލޭ ދަތުރުތަކުގައި އިތުރު ހަފުތާއެއް

އެމްޓީސީސީގެ އެޕްލިކޭޝަން ލޯންޗިން ފެއިލްވުމާ ގުޅިގެން، އެ ކުންފުންޏަށް ވަނީ ހިލޭ ދަތުރުކޮށްދޭން މަޖުބޫރުވެފަ އެވެ. އަޖުމަ ބަލާލުމުގެ ނަމުގައި ފުރަތަމަ ހަފުތާއެއްގެ ދުވަހަށް މި ފުރުސަތު ހުޅުވާލުމަށް ފަހު އެ ހަފުތާ ނިމުމުން ވަނީ އެ މުއްދަތު އިތުރު ހަފުތާއަކަށް ދައްމާލާފަ އެވެ. 

އެމްޓީސީސީން ނުބުންޏަސް އަދަދު އަށް ކަށަވަރުވެފައިވާ ގޮތުގައި ޓެކްސީ ހިދުމަތުން އަގު ނުނަގާ ކުންފުންޏަށް ބޮޑު ގެއްލުމެއް ވާ ގޮތަށް ދަތުރުތައް ދެމުން އަންނަނީ، ޓެކްސީ އެޕްލިކޭޝަން ނުނިމިގެންނެވެ. 

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަންގެ ޔޫޒާ އިންޓަފޭސް: މި ސްކްރީންޝޮޓްތައް ނަގާފައި ވަނީ ތީކްޝަނާގެ ލިންކްޑްއިން ޕޭޖުން ---
އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަންގެ ޔޫޒާ އިންޓަފޭސް: މި ސްކްރީންޝޮޓްތައް ނަގާފައި ވަނީ ތީކްޝަނާގެ ލިންކްޑްއިން ޕޭޖުން ---

ޓެކްސީ އެޕްލިކޭޝަނުގައި ރިސްކް އެސެސްމަންޓް އޮޑިޓެއް ހެދިއިރު، 21 މައްސަލައެއް ފާހަގަވި އެވެ. މީގެ ހަފުތާއެއް ކުރިން ސައުދީ ވިދާޅުވީ، އެހާތަނަށް ހައްލު ނުވެ އޮތީ އޭގެ ތެރެއިން ދެ މައްސަލައެއް ކަމަށެވެ. އަދި، އެކަން ވެސް ހައްލުކޮށް އެޕްލިކޭޝަން އޮތީ އެރޭ ވެސް ލައިވްކުރާ ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ ފަހުން ހަފުތާއެއް ވެގެން ދިޔައިރު ވެސް އެޕްލިކޭޝަން ލައިވްއެއް ނުކުރެވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެޕްލިކޭޝަންގައި އަދިވެސް ބޮޑެތި ސެކިއުރިޓީ މައްސަލަތައް އެބަހުއްޓެވެ. ގާބިލު ކަމަށް އެމްޓީސީސީން ބުނާ ފިކްސްޑް މޯލްޑިވްސް އަށް އުޅެނީ އެޕްގައި ހުރި މައްސަލަތައް "ފިކްސް" ނުކުރެވިގެންނެވެ.

ކޮންމެއަކަސް، އެމްޓީސީސީއަށް ޓެކްސީ ހިދުމަތަށް ތައްޔާރުވާން އަހަރަކަށް ވުރެ ގިނަ ދުވަސް ލިބުނެވެ. އެހާ ދުވަސް ލިބުމަށް ފަހު ވެސް، ރައްޔިތުންނަށް ހިދުމަތް ދޭން ނެރުނީ ފެންވަރެއް، ފަންވަރެއް ނެތް "ފަޅޯ" އެޕެކެވެ. 

އެމްޓީސީސީގެ މެނޭޖުމަންޓުން މިކަމުގައި ގޯހެއް ނެތް ކަމަށް ދައްކަން އުޅުނަސް ހަގީގަތަކީ، މި ހިދުމަތް ކުރިއަށް ނުކުނޑައިގެން އުޅެނީ އެމްޓީސީސީން ފެށުމުގައި ހެދި ގޯސްތަކުގެ ސަބަބުންނެވެ. ސިއްރު ބިޑާއި، ނާގާބިލު ބަޔަކާ ހަވާލުކުރުމާއި، ގާބިލު މީހުން އެއް ފަރާތް ކުރުމުންނެވެ. ސުމެއް ވެސް ނުލިބޭ އެޕްގެ ފަހަތުގައި އޮތީ އެމްޓީސީސީގެ ނާގާބިލު މެނޭޖުމަންޓެވެ. 

މެނޭޖުމަންޓު ނާގާބިލުވުމުގެ އިތުރުން، މި ޓެކްސީ އެޕްލިކޭޝަން ހަވާލުކުރުމުގައި ގިނަ ގޯސްތަކެއް ހަދާފައިވެ އެވެ. މިހާތަނަށް އެއްކުރި މައުލޫމާތާއި ވަށައިގެން ހުރި ކަންކަމަށް ނަޒަރު ހިންގާލުމުން، ކޮރަޕްޝަންގެ ނެޓްވޯކެއްގެ ސިފަ މި މުއާމަލާތުގައި އެބަހުއްޓެވެ.  ހެކިތަކުން ބުރަވެވެނީ ކޮރަޕްޝަނެއް ހިނގާފައިިވާ ކަމަށެވެ. 

މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ސީއެމްޑީއޭއިން ވެސް ތަހުގީގުކޮށް ބަލަން ޖެހޭ މައްސަލައެކެވެ. ސޯޝަލް މީޑިއާގައި އުޅޭ ގައުމަށް ހެޔޮ އެދޭ ރައްޔިތުން އެ ވަނީ، މި މުއާމަލާތުގެ ތެރޭގައި ކުށް ކުރި ކަމަށް ބެލެވޭ މީހުންނާއި، މުއާމަލާތުގެ ތެރޭގައި ހުރި އުނިކަންތައްތައް ހެއްކާއެކު ދައްކާފަ އެވެ.

މި ހުރިހާ މައުލޫމާތެއް ދިމާ ހާމައަށް ފެންނަން ހުއްޓާ އޭސީސީ އާއި ފުލުހުން މިކަމަށް ފުރަގަސްދީގެން ތިބުމަކީ ހަމައެކަނި ނާގާބިލުކަމެއް ނޫނެވެ. އެއީ ކުށްވެރިންނާ ބައިވެރިވުމެވެ. ރައްޔިތުންގެ ސަލާމަތާ ސީދާ ގުޅުން އޮތް ކަމެއްގައި، ކުޑަ މިނުން ތަހުގީގެއް ނަމަވެސް ހިންގަން ޖެހެ އެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox