އައްޑޫ ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ހަ މީހުން ވެސް ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ފުލުހުންނަށް ލަފާ ދީފި އެވެ.
ޕީޖީން ބުނީ މި މައްސަލައިގައި ތަހުގީގު ކުރުމަށް ގަނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވިއިރު ލިބިފައިވާ ހެކި ގަރީނާ ވަޒަންކޮށް ބެލިއިރު، ތުހުމަތުކުރެވޭ މީހުން ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާކުރިކަން ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގު މުއްދަތު ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން ވާނީ އިތުރުކޮށްދީފައި. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ތަހުގީގު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި، ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވޭ،" ޕީޖީން ބުންޏެވެ.
މި މައްސަލާގައި ދައުވާކުރެވޭ މިންވަރަށް މިވަގުތަށް ހެކި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ޑިކްލައިން ކުރި ނަމަވެސް، އައު ހެކި ލިބިއްޖެ ހާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަލުން ދައުވާކުރުމަށް އެދި ހުށަހެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލަފާދިން ކަމަށް ޕީޖީން ބުންޏެވެ.
އައްޑޫ ޑްރަގް ނެޓްވޯކްގެ ބޮޑުން ކަމަށް ބުނެ ފުލުހުން ހައްޔަރުކުރި މީހުން:
- ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް 30،
- ސ. ހިތަދޫ ފަލާހް، ހާފިޒު ފައުޒީ، 31،
- ސ. ހިތަދޫ ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު، 43
- ސ. ހިތަދޫ، ދޮރުފޮތިމާގެ، ހަސަން ޢަލްފާފް، 28،
- ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު، 23،
- ދ. ހުޅުދެލި، އަންބަރީގެ، ޒަހްނާ އަހްމަދު
ފުލުހުން ބުނާ ގޮތުގައި މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފަށާފައި ވަނީ މިދިޔަ އަހަރު މާޗު މަހުން ފެށިގެން ކަމަށާއި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ހޯދިފައިވާ ކަމަށެވެ.

"ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.












