ބްރޫކްގެ ސައްތައާ އެކު އިންގްލެންޑް ޓީ20 ވޯލްޑް ކަޕް ސެމީ އަށް

Feb 25, 2026, 1:15 AM
ބްރޫކްގެ ސައްތައާ އެކު އިންގްލެންޑް ޓީ20 ވޯލްޑް ކަޕް ސެމީ އަށް

ކޭންޑީ، ސްރީ ލަންކާ (ފެބްރުއަރީ 25) - ހެރީ ބްރޫކްގެ ސައްތައާ އެކު، ދެ ވިކެޓުން ޕާކިސްތާން ބަލިކޮށް، އިންގްލެންޑުން މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސުޕަ 8 ގެ ގްރޫޕް ދޭއްގައި ކުޅެމުން އަންނަ އިންގްލެންޑުން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗުން މުބާރާތުގެ އެއް ހޯސްޓް، ސްރީ ލަންކާ އަތުން މޮޅުވީ 51 ލަނޑުންނެވެ. އަދި، ދެ ވަނަ މެޗުގައި ދެ ވިކެޓުން ޕާކިސްތާން ބަލިކޮށް، ފަހު މެޗުގައި ނިއު ޒީލެންޑާ ކުޅުމުގެ ކުރިން ސެމީ އަށް ދަތުރުކުރީ އެެވެ.

ޕަލެކޭލޭ ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕާކިސްތާނަށް ޓޮސް ދިމާވުމުން ކުޅެން އެރި އެވެ. ފުރަތަމަ މެޗުގައި ވިއްސާރައިގައި ޖެހި، ޕާކިސްތާނަށް ނިއު ޒީލެންޑާ ކުޅެން އޮތް މެޗުގައި ނަތީޖާ ނެތް މެޗެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުން، ރޭ ފުރަތަމަ ކުޅެން އަރައި، ރަނގަޅަށް ފެށޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 164 ލަނޑެވެ. އެންމެ ގިނަ ލަނޑު ހެދި ޝާހިބްޒާދާ ފަރުހާނަށް ވެސް އެއްކުރެވުނީ 63 ލަނޑެވެ. މި އިނިންގްސްގައި، އިންގްލެންޑްގެ ލިއަމް ޑޯސަން ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެވެ. ޖޯފްރާ އާޗާ އާއި ޖޭމީ އޮވާޓަން، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި، އިންގްލެންޑުން ވަނީ 19.1 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވިއިރު، 166 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. މެޗުގެ ތަރި، ބްރޫކް ވަނީ 51 ބޯޅައިން 100 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި ޕާކިސްތާންގެ ޝާހީން އަފްރީދީ ވަނީ ހަތަރު އޯވަރަށް ހަތަރު ވިކެޓް ނަގައިފަ އެވެ.

މި ގްރޫޕްގައި ސެމީގެ އަނެއް ޖާގަ އަށް ބާކީ އޮތް ތިން ޓީމުން ވެސް ވާދަކުރެ އެވެ. ޕާކިސްތާން ނޫން ދެން އޮތް ނިއު ޒީލެންޑާއި ސްރީ ލަންކާ އަށް ބާކީ ދެ މެޗު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox