މިއަދަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. ވަރުބަލިކަން އިހުސާސް އެބަ ކުރެވޭ ހެއްޔެވެ؟ ކަރު ހިއްކައި ހެއްޔެވެ؟
ރޯދަ މަހުގެ ދުވާލުގައި ކަރު ހިއްކުމާއި ވަރުބަލިކަމުގެ އިހުސާސް ކުޑަކުރުމަށްޓަކައި އެންމެ މުހިއްމު ސަމާލުކަމެއް ދޭންވީ ހާރުކާ ގަޑީގައި އިހުތިޔާރު ކުރާ ކާބޯތަކެއްޗަށެވެ. ނޭނގި ނަމަވެސް ގިނަ ފަހަރު ހާރު ކެއުމަށް ބޭނުން ކުރެވޭ ބައެއް ތަކެތީގެ ސަބަބުން އިންތިހާއަށް ކަރު ހިއްކުމަށް މަގު ފަހިވެ އެވެ.
ކަރު ހިއްކުން އިތުރުވަނީ ކީއްވެ؟
ހާރު ގަޑީގައި ލޮނުގަދަ ނުވަތަ ސޯޑިއަމް ގިނަ ބާވަތްތައް ކެއުމުން ލޭގައި ހުންނަ ސޯޑިއަމްގެ މިންވަރު އެއްވަރުކުރުމަށްޓަކައި ސެލްތަކުގައި ހުންނަ ފެން ލޭގެ ތެރެއަށް ދަމައިގަނެ އެވެ. މިހެން ވުމުގެ ސަބަބުން ސެލްތަކުން ފެން މަދުވެ އެވެ. ނަތީޖާއަކީ ރޯދައަށް ހުންނަ ވަގުތުގައި އިންތިހާއަށް ކަރު ހިއްކުމެވެ.
ހާރު ގަޑީގައި ސަމާލުކަން ދޭންވީ ކަންކަން
ދުވާލު ވަގުތު ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ތިރީގައިވާ ތަކެތި ހާރު ގަޑީގައި މަދުކުރަންޖެހެ އެވެ. އޭގެ ތެރޭގައި؛
- ސޮސެޖް، ނަގެޓްސް، އަދި ދަޅުމަސް: މިއީ އަވަހަށް ހާރު ކައިލުމަށް ގިނަ ބަޔަކު ބޭނުންކުރާ ތަކެތި ނަމަވެސް މީގައި ގިނަ އަދަދަކަށް ލޮނު ހުރޭ
- ލޮނުގަދަ ސޯސްތައް: ސޯޔާ ސޯސް، ހޮޓް ސޯސް، ކެޗަޕް އަދި މަޔޮނައިޒް.
- އިންސްޓަންޓް ނޫޑްލްސް: އެންމެ ނޫޑްލްސް ޕެކެޓެއްގައިވެސް ދުވާލަކަށް ބޭނުންވާ ސޯޑިއަމްގެ ބޮޑު ބައެއް ހުރޭ
- ލޮނުގަދަ ޗީޒް: ފެޓާ ޗީޒް ނުވަތަ ޕްރޮސެސްޑް ޗީޒް
ކަރު ހިއްކުން ކުޑަކުރުމަށްޓަކައި ހަށިގަނޑުގައި ސޯޑިއަމްގެ މިންވަރު ހަމައަކަށް އަޅުވައިދޭ މާއްދާއެއް ކަމަށްވާ ޕޮޓޭސިއަމް އެކުލެވޭ ތަކެތި ހާރު ގަޑީގައި އިތުރުކުރާށެވެ.

- ދޮންކެޔޮ، ކަދުރު، އޭޕްރިކޮޓް - ހަށިގަނޑުގައި ފެން ހިފަހައްޓައިދޭ
- ބޯވެލި ފަތް، އެވަކާޑޯ، ކިއުކަމްބާ - ގިނަ އަދަދަކަށް ފެނާއި މުހިންމު މިނަރަލްތައް އެކުލެވޭ.
- ޔޯގަޓް - ފަސޭހައިން ހަޖަމުވެ، އިލެކްޓްރޯލައިޓްސް މުއްސަނދި ބާވަތެއް









