މުސާރައިގެ މައްސަލައިގައި ރައީސް މުއިއްޒަށް ސިޓީ ފޮނުވުމުގައި އިސްކޮށް އުޅުނު ޕީޖީ އޮފީހުގެ ވަކީލަށް އަދަބު ދީފި

ވަކީލު ނައުފަލް: އޭނާއަކީ ފައިނޭންޝަލް ކްރައިމްސް އަދި ފްރޯޑަށް ހާއްސަވެފައިވާ މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ބޭފުޅެއް -- ފޮޓޯ: ލިންކްޑްއިން

ވަކީލު ނައުފަލް: އޭނާއަކީ ފައިނޭންޝަލް ކްރައިމްސް އަދި ފްރޯޑަށް ހާއްސަވެފައިވާ މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ބޭފުޅެއް -- ފޮޓޯ: ލިންކްޑްއިން

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުންގެ މުސާރަ ބޮޑުނުކުރާ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒަށް ސިޓީ ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވި ވަކީލަށް އެ އޮފީހުން ފިޔަވަޅު އަޅައިފި އެވެ.

ދައުލަތުގެ ވަކީލުންގެ ފަރާތުން ރައީސް އޮފީހަށް ސިޓީ ފޮނުވީ ޕީޖީ އޮފީހުގެ ވަކީލު އަހުމަދު ނައުފަލް އެވެ. ރައީސް އޮފީހަށް ސިޓީ ފޮނުވުމުގެ ކުރިން އޭނާ ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލްސް އެކެޑަމީގެ ޑިރެކްޓަރުގެ މަގާމުގަ އެވެ. ނަމަވެސް އެ މަގާމުން އޭނާ މިހާރު ވަނީ ވަކިކޮށްފަ އެވެ.

ނައުފަލްއަކީ މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީ އިން ބެޗެލާސް ޑިގްރީއެއް ނަންގަވައި، އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީ އިން ޓެކްނޮލޮޖީސް ލޯ ގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ނަންގަވާފައިވާ ވަކީލެކެވެ. އޭނާއަކީ ފައިނޭންޝަލް ކްރައިމް އަދި މަކަރާއި ހީލަތުގެ މައްސަލަތަކަށް ހާއްސަވެފައިވާ މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

މުސާރަ ބޮޑުނުވާތާ 10 އަހަރު ފާއިތުވެފައިވާތީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ޕީޖީ އޮފީހުގެ ވަކީލުން ފަރާތުން ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވީ މީގެ ހަތަރު ދުވަސް ކުރިން މިދިޔަ ބުރާސްފަތި ދުވަހެވެ.

ޕީޖީ އޮފީހުގެ ވަކީލުންގެ މުސާރައިގެ މައްސަލަ މިދިޔަ ހަފުތާގައި ހޫނުވީ، މުސާރައިގެ މައްސަލައިގައި އޮފީހަށް ޕެޓިޝަނެއް ހުށަހަޅަން ވާހަކަ ދެއްކުމުން، އެ މަސައްކަތަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ފާޑުވިދާޅުވުމުންނެވެ.

ޕީޖީ އޮފީހުގައި 97 ވަކީލުން މަސައްކަތް ކުރެ އެވެ. އެ އޮފީހުގެ ސީނިއާ ވަކީލުން ފިޔަވައި ދެން ތިބި ވަކީލުންނަށް ލިބެނީ 24،000ރ. އެވެ. ސީނިއާ ވަކީލުންނަށް އެންމެ މަތިން ލިބެނީ 35،000ރ. އެވެ.

މުސާރައިގެ މައްސަލައިގައި ޕީޖީ އޮފީހަށް ޕެޓިޝަނެއް ހުށަހަޅާ ވާހަކަ ވަކީލުންނާއި ޕީޖީ އިންނަވާ ވަޓްސްއެޕް ގްރޫޕެއްގައި މުވައްޒަފަކު ދެއްކުމުން އައްބާސް ވިދާޅުވީ، އޭނާއަށް ޕެޓިޝަން ހުށަހަޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ޕެޓިޝަން ހުށަހެޅުމުގެ ބޭނުމެއް ނެތް ކަމަށް އައްބާސް ވިދާޅުވީ، މުވައްޒަފުންގެ ކޮންބޮޑުވުންތައް އޭނާއަށް މިހާރު ވެސް އެނގިވަޑައިގަންނަވާތީ ކަމަށް ވިދާޅުވުމަށްފަހު އެވެ. އައްބާސް އެހެން ވިދާޅުވި ފަހުން ވަކީލަކު ވަނީ، ހަޅުތާލު ކުރުމުގެ ހައްގު ގާނޫނުއަސާސީ އިން ލިބިދޭ މާއްދާގެ ފޮޓޯއެއް ގްރޫޕަށް ފޮނުވައިފަ އެވެ.

އޭގެ ފަހުން، ވަކީލުން ވަނީ އޮފީހުގައި މިއަދު ބައްދަލުވުމެއް ބާއްވައި ޕެޓިޝަނުގައި ސޮއި ކުރަން ފަށައިފަ އެވެ. އަދި ހަޅުތާލު ކުރުމަށް ވެސް އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ. ނަމަވެސް މަސައްކަތް ހުއްޓާލުމާމެދު އަދި މިހާތަނަށް ވަކި ގޮތެއް ވަކީލުން ނުނިންމަ އެވެ.

ޕީޖީ އޮފީހުން ކޮންމެ އަހަރަކު 3500 އާ ގާތްކުރާ އަދަދެއްގެ މައްސަލަ ކޯޓުތަކަށް ހުށަހަޅަ އެވެ. އޭގެ އިތުރުން، ނަސޭހަތުގެ އެއްބަސްވުން ހެދުމާއި އިއުތިރާފު އެއްބަސްވުން ހެދުމާއި އެކި އިދާރާތަކުން ފޮނުވާ މައްސަލަތައް ބަލައިގަތުމާމެދު ގޮތެއް ނިންމުމަކީ ވެސް އެ އޮފީހުން ކުރަންޖެހޭ ކަމެކެވެ.

ޕީޖީގެ ވަކީލުން ހަޅުތާލުކޮށްފި ނަމަ ޖީނާއީ އަދުލުގެ ނިޒާމް މުޅިން ކަހަލަ ގޮތަކަށް ހުއްޓޭނެ އެވެ. އެއިރުން އެއްވެސް ކޯޓެއްގައި ޖިނާއީ މައްސަލައެއްގެ އަޑުއެހުމެއް ކުރިއަކަށް ނުގެންދެވޭނެ އެވެ. މީގެ ކުރިން ވެސް ހަމަ މުސާރައިގެ މައްސަލައިގައި ދައުލަތުގެ ވަކީލުން ވަނީ މަސައްކަތް ހުއްޓާލައި ހަޅުތާލުކޮށްފަ އެވެ.

ޕީޖީ އޮފީހުގެ ވަކީލުންގެ މުސާރަ ބޮޑުނުކޮށް، ސަރުކާރުން މިފަހުން ވަނީ ބަންޑާރަނައިބުގެ އޮފީހުގެ ވަކީލުންގެ މުސާރައިގެ އޮނިގަނޑަށް ރަނގަޅު ބަދަލެއް ގެނެސްފަ އެވެ. އޭގެ އެއް ބޭނުމެއް ކަމަށް ސަރުކާރުން ކުރިން ބުނެފައި ވަނީ ޕްރިވެޓް ސެކްޓާގެ މުސާރަތަކާ ވާދަ ކުރެވޭ ވަރުގެ މުސާރައެއް ދައުލަތުގެ ވަކީލުންނަށް ވެސް ދިނުމެވެ.

ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލުން ނަގާ ފީ އެވްރެޖުކޮށް އުޅެނީ މައްސަލައަކަށް މަދުވެގެން 50،000ރ. ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް ވަކީލުން ބުންޏެވެ. ކޮންމެ ބަންދު އަޑުއެހުމަކަށް ވެސް އެވްރެޖްކޮށް 10،000ރ. ނަގާ ކަމަށްވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox