ރަތް ދެލިން ޓެޓޫ ޖެހުމުން ބޮލުން އިސްތަށި ފައިބާ

Jan 15, 2026, 1:49 AM
ރަތް ދެލިން ޓެޓޫ ޖެހުމުން ބޮލުން އިސްތަށި ފައިބާ

ހަށިގަނޑުން ހާމައަށް ފެންނަ ހިސާބެއްގައި ފާހަގައެއް ޖެހުމަކީ އެވޭލާ މިސްރު މީހުންނާއި ޖަޕާނު މީހުން އަދި ޕޮލިނޭޝިއާ ގައުމުތަކާއި ސެލްޓިކް (ޔޫރަޕާއި އެނެޓޯލިއާގައި އުޅޭ އިންޑޯ-ޔޫރަޕިއަން) ދަރިކޮޅުގެ މީހުންގެ މެދުގައި އިހު ޒަމާނުގައި ވަރަށް އާންމު ކަމެކެވެ. ކަޅު ކުލައިގެ ދެއްޔަކުން އެމީހުން ހަށިގަނޑުގައި ފާހަގަ ޖަހަމުން އައީ، ވަކި ގަބީލާއެއްގެ ނުވަތަ ވަކި ވަންހައެއްގެ މީހުންކަން، އެހެން މީހުންނަށް އެންގުމުގެ ގޮތުންނެވެ.

މިހާރު ފެޝަނެއްގެ ގޮތުން ހަށިގަނޑުގައި ޖަހަމުން އަންނަ ޓެޓޫގެ ފެށުމަކީ އެއީ އެވެ. މިހާރު ތަފާތު ކުލަތަކުންނެވެ. އިހު ޒަމާނުގައި އެކަމަށް ބޭނުންކުރި ދެއްޔަކީ އެކަމަށް ހާއްސަކޮށް، ފަތްޕިލާވެލީގެ ކޮންމެވެސް ބާވަތަކުން ނުވަތަ ގަހެއްގެ މުލުން އުފައްދާ ދެއްޔެކެވެ. ނަމަވެސް މިހާރު ޓެޓޫ ޖެހުމަށް ބޭނުންކުރާ ބައެއް ބާވަތުގެ ކުލަތަކަކީ، ކޮމްޕިއުޓަރު ޕްރިންޓަރުތަކުގައި ބޭނުންކުރުމަށާއި، އިންޖީނުލީ އެއްގަމު އުޅަނދުތަކުގައި ކުލަ ލުމަށް ބޭނުންކުރާ ދެއްޔެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މިހާރު ޓެޓޫ ޖެހުމަށް ބޭނުންކުރާ ބައެއް ބާވަތުގެ ކުލަ ދެލީގައި އެކުލެވޭ ބައެއް ޕިގްމެންޓްތަކަކީ ހަންގަނޑުން ވަކިވެގެން ހަށިގަނޑުގެ ތެރެއަށް ދަތުރުކޮށް ލިމްފް ނޯޑްތަކުގައި ހާލިހަދާ އެއްޗެކެވެ. މި ޕިގްމެންޓްތައް ލިމްފް ނޯޑްތަކަށް ވާސިލުވުމަކީ، އެކްޒީމާ (ހަންގަނޑު ރަތްވެ، ފަޅައިގެން ގޮސް، ހަންގަނޑު ހިރުވައި ކަހާ ބައްޔެއް) އާއި ނޭވާ ހިއްލާ ބައްޔާއި، ސިލިއެކް ޑިސީޒް (ކުޑަ ގޮހޮރަށް މައްސަލަ ކުރިމަތިކުރުވާ ހަޖަމުކުރާ ނިޒާމުގެ ބައްޔެއް) ތަހައްމަލުކުރާ މީހުންނަށް އިތުރު އުނދަގޫތައް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

Advertisement

ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހަށިގަނޑުގައި ޓެޓޫ ޖަހާ މީހުންގެ ތެރެއިން ހަ ޕަސެންޓް މީހުން، ފުރަތަމަ ހަ މަސް ދުވަހު އުޅެން ޖެހެނީ، ޓެޓޫގެ ސަބަބުން ކުރިމަތިވާ ސިއްހީ އެހެން މައްސަލަތަކުގެ ތެރޭގައެވެ. ވަކިން ހާއްސަކޮށް މި އުނދަގޫތައް ތަހައްމަލުކުރަން ޖެހޭ މީހުންގެ ތެރޭގައި، ރަތް ކުލައިން ޓެޓޫ ޖަހާ މީހުން ފާހަގަކުރެވެއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން ޕޮލެންޑްގެ އުމުރުން 36 އަހަރުގެ ފިރިހެނަކު، ގިނަ ކުލަތައް އެކުލެވޭ ޓެޓޫއެއް ޖެހުމުން އެތައް ސިއްހީ މައްސަލަތަކެއް ކުރިމަތިވިއެވެ. އެންމެ ފުރަތަމަ ކުރިމަތިވީ ހަންގަނޑު ހިރުވުމުގެ މައްސަލައެވެ. އެއަށް ފަހު، މުޅި ގައިގެ އެތަން މިތަނުގައި ރަތް ކުލައިގެ ފިތްގަނޑުތަކެއް ނެގިއެވެ. އަދި މަޑުމަޑުން ބޮލުގެ އިސްތަށިތައް ފައިބަމުން ގޮސް މުޅި ބޯ ތަލަވިއެވެ. އޭގެ ފަހުގައި ނިޔަފަތިތައް ރީނދޫވެ ލިމްފް ނޯޑްތައް ދުޅަވެ، ދާހިއްލުން މުޅިން ހުއްޓުނެވެ.

މި ހާލަތު މެދުވެރިވިތާ ދެ އަހަރު ފަހުން، އޭނާގެ ހަންގަނޑުގެ ދިފާއީ ބާރު މުޅިން ނެތި، ހުދު ބަލި ޖެހުނެވެ. މި ކަމާ ގުޅިގެން ޑޮކްޓަރުންނާއި ސައެންސްވެރިން ގުޅިގެން ކުރި ދިރާސާއަށް ފަހު ޝައްކު ކުރެވުނީ، އޭނާގެ ހަށިގަނޑުގައި ޖަހާފައިވާ ޓެޓޫގައި އެކުލެވޭ ރަތް ކުލައިގެ ސަބަބުން، އޭނާގެ ލިމްފް ނޯޑްތައް ހަލާކުވެފައިވާ ކަމަށެވެ.

މި ދިރާސާއަށް ފަހުގައި، އޭނާއަށް ދިމާވި ސިއްހީ މައްސަލަތައް ހައްލު ކުރުމަށް އަށް އޮޕަރޭޝަނެއް ކޮށްގެން، އޭނާގެ ހަށިގަނޑުގައިވާ ޓެޓޫތައް ފިލުވިއެވެ. އަދި ޓެޓޫތައް ނެގި ތަންތަނުގައި ހަށިގަނޑުގެ އެހެން ތަންތަނުން ހަން ނަގައިގެން ހަން އެޅިއެވެ. މިގޮތަށް ހެދުމުން، އޭނާގެ ބޮލުގައި އަލުން އިސްތަށި ފަޅަން ފެށިއެވެ. އަދި މުޅި ހަށިގަނޑަށް ހުދު ބަލި ފެތުރުން ވެސް ހުއްޓުނެވެ.

އެހެން ނަމަވެސް، ދާ ހިއްލުމުގެ ގްލޭންޑްތައް މުޅިން ހަލާކުވެފައިވާތީ، ދާ ހިއްލުން މެދުކެނޑުމުގެ މައްސަލަ ހައްލެއް ނުކުރެވުނެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަނީ ހީޓް ސްޓްރޯކް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން، އޭނާއަށް މިހާރު މަޖުބޫރުވެފައިވަނީ އަސްކަރީ ހިދުމަތުން ރިޓަޔާކޮށް، ހަށިގަނޑު ފިނި ކުރުމަށްޓަކައި އިރުއިރުކޮޅުން ހަށިގަނޑަށް ފެން ސްޕްރޭ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox