އަނގަޔަކީ މުޅި ހަށިގަނޑުގެ ސިއްހަތާ ގުޅިފައިވާ އެންމެ މުހިންމު އެއް ގުނަވަނެވެ. އަނގަޔާއި ދަތްޕިލައިގެ ސާފުތާހިރު ކަމަށް އެކަށީގެންވާ ސަމާލުކަން ނުދެވިއްޖެނަމަ، ނުރައްކާތެރި ބަލިތަކަށް ހުޅުވޭ ދޮރަކަށް އަނގަ ވެދާނެއެވެ.
އޯރަލް ހައިޖީން ނުވަތަ އަނގަޔާއި ދަތްތަކުގެ ސާފުތާހިރުކަމަކީ ހަމައެކަނި ދަތް އުނގުޅުމެއް ނޫނެވެ؛ އެއީ މުޅި އުމުރަށް ދުޅަހެޔޮކަން މަތީ ދެމިހުރުމަށްޓަކައި ކުރެވޭ އެންމެ އަގުބޮޑު އިންވެސްޓްމަންޓެވެ. އަނގަ ސާފުކޮށް ނުބެހެއްޓުމުގެ ސަބަބުން އުފެދޭ ބެކްޓީރިއާތައް ލޭގެ ތެރެއަށް ގޮސް، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ބަލިތައް ފަތުރައެވެ.
އަނގަޔަށް ޖެހޭ އިންފެކްޝަންތަކުގެ ސަބަބުން ހިތުގެ މައްސަލަތައް ދިމާވެއެވެ. އަނގަޔާއި ކަރުތެރޭގައި ހުންނަ ބެކްޓީރިއާތައް ފުއްޕާމެއަށް ދިއުމުން ނޭވާލާ ނިޒާމުގެ ބަލިތައް ޖެހެއެވެ. ދަތްޕިލަ ދުޅަހެޔޮ ނޫންނަމަ ދުވަސް ނުފުރާ ވިހެއުމާއި، ވިހާއިރު ކުއްޖާގެ ބަރުދަން ލުއިވުން ފަދަ ކަންކަން ދިމާވެއެވެ. މީގެ އިތުރުން ހަކުރު ބަލި އަދި އަލްޒައިމާސް ފަދަ ބަލިތައް ހުންނަ މީހުން ދަތްތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި ފަހުގެ ހޯދުންތަކުން ޕާކިންސަންސް ބައްޔަށް ވެސް މަގުފަހިވެ އެވެ.
ދަތްތަކުގެ ސިއްހަތު ގޯސްވަމުންދާކަމުގެ ނިޝާންތައް
- ދަތް އުނގުޅާއިރު ހިރުގަނޑުން ލޭ އައުން
- ދަތް ފަނިކެއުމާއި ދަތުގައި ރިއްސުން.
- އަނގައިން ނުބައިވަސް ދުވުން
- ދަތް ހެލުން ނުވަތަ ހިރުގަނޑު ހިިނދުން
ދަތްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް
ރީތި އަދި ދުޅަހެޔޮ ހިނިތުންވުމެއް ބޭނުންނަމަ މި އާދަތައް އަށަގަންނުވާށެވެ:
- ދުވާލަކު 2 އިރު ދަތް އުނގުޅުން: ފްލޮރައިޑް ހިމެނޭ ދަތް އުނގުޅާ ބޭހާއި މަޑު ބުރުހެއް ބޭނުންކުރާށެވެ. އުނގުޅާއިރު 45 ޑިގްރީގެ އޭންގަލަކަށް ބަހައްޓައިގެން ހިރުގަނޑާ ގުޅޭ ހިސާބު ރަނގަޅަށް ސާފުކުރާށެވެ.
- ފްލޮސް ކުރުން: ދަތްތަކުގެ ދޭތެރެ ސާފުކުރުމަށް ދުވާލަކު އެއްފަހަރު ފްލޮސް ކުރާށެވެ.
- ދޫ ސާފުކުރުން: ދުލަކީ ބެކްޓީރިއާ ވަރަށް ގިނައިން ހަރުލާ ތަނެކެވެ. އެހެންވެ، ދޫ ސާފުކުރަން ހަނދާން ނައްތާނުލާށެވެ.
- މައުތުވޮޝް ބޭނުންކުރުން: ބެކްޓީރިއާތައް ނައްތާލުމަށް އަލްކަހޯލް ފްރީ މައުތުވޮޝްއެއް ބޭނުންކުރާށެވެ.
- ދުންފަތުގެ އިސްތިއުމާލު ނުކުރުން: ދުންފަތަކީ ހިރުގަނޑުގެ ބަލިތަކާއި އަނގަޔަށް ޖެހޭ ކެންސަރުގެ މައިގަނޑު ސަބަބެވެ.
- ޑެންޓިސްޓަށް ދެއްކުން: މަދުވެގެން ކޮންމެ 6 މަހަކުން އެއްފަހަރު ދަތުގެ ޑޮކްޓަރަށް ދައްކައި ދަތްތައް ޗެކްކޮށް ސާފުކުރަންވާނެއެވެ. ޑެންޓިސްޓަށް ދެއްކުމަށް ފެމިލީ ޑެންޓަލް ކެއާ ހިޔާރު ކުރެވިދާނެ އެވެ.









