ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަމަށް (މީޑިއާ ގްރާންޓް) ގެ ބޮޑު ޕަސަންޓެއް މިހާރު އޮންލައިނާއި ސަންގު އޮންލައިން އަދި ސަން އޮންލައިން އަށް ދިނުމަށް މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ނިންމައިފި އެވެ.
މީޑިއާ ގްރާންޓުން އެންމެ ގިނައިން ފައިސާ ލިބެނީ މިހާރު އާއި މިހާރުގެ އިނގިރޭސި ބައި ކަމަށްވާ ދަ އެޑިިޝަންއަށެވެ. މިހާރަށް 793،214.45ރ. ލިބޭއިރު، ދަ އެޑިޝަނަށް ލިބެނީ 633,292.18ރ. އެވެ. އެހެންކަމުން އެ ދެ މީޑިއާ އެއްކޮށްލުމުން 1،426،506.63ރ. ލިބެ އެވެ.
މީޑިއާ ގްރާންޓަށް ކުރިމަތިލައިގެން ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން ފައިސާ ދޫކުރަން ނިންމި 39 މީޑިއާގެ ތެރެއިން 1،081،074.53 މިލިއަން ރުފިޔާއާއެކު ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ ސަންގު އޮންލައިނަށެވެ. ތިންވަނައަށް 1،068،280.75ރ. އާއެކު އެންމެ ގިނައިން ފައިސާ ލިބެނީ ސަންއަށެވެ.
ފައިސާ ލިބޭ އިތުރު މީޑިއާތަކާއި ތަފްސީލްތައް:
- ވީނިއުސް - 997،914.95ރ.
- އައިސް ޓީވީ - 908،358.48ރ.
- ދިވެހި ޗެނަލް - 876،374.03ރ.
- ވަގުތު - 754،833.10ރ.
- ވަން އޮންލައިން - 710،054.87ރ.
- ދައުރު - 697،261.09ރ.
- ކޯޕަރޭޓް މޯލްޑިވްސް މެގަޒިން - 690،864.20ރ.
- ވޮއިސް އެމްވީ - 690،864.20ރ.
- އެމްވީ ޕްލަސް - 684،467.31ރ.
- ގާފު އޮންލައިން - 678،070.42ރ.
- ހަލި ނިއުސް - 678،070.42ރ.
- އަސްލު ނިއުސް - 678،070.42ރ.
- ދަ ޕްރެސް - 665،276.63ރ.
- ދިޔަރެސް ނިއުސް - 658،879.74ރ.
- މުނިއަވަސް އޮންލައިން - 658،879.74ރ.
- ދެން އޮންލައިން - 658،879.74ރ.
- ދިލަދުން - 658،879.74ރ.
- ހަބަރު އޮންލައިން - 639،689.07ރ.
- ފަރަގު - 639،689.07ރ.
- ފިޔަ އޮންލައިން - 639،689.07ރ.
- ޖަޒީރާ ނިއުސް ހަބް - 633،292.18ރ.
- ދުވަސް - 633،292.18ރ.
- ދަ އެޑިޝަން - 633،292.18ރ.
- އިރުވަރު - 626،895.29ރ.
- ހަފްތާ - 620،498.40ރ.
- ތީރު މީޑިއާ - 620،498.40ރ.
- އައްޑޫ ލައިވް - 607،704.62ރ.
- މާލެ ޓައިމްސް - 601،307.73ރ.
- ނާރެސް - 594،910.84ރ.
- ހަމަ ނިއުސް - 582،117.06ރ.
- މޯލްޑިވްސް ބިޒްނަސް ރިވިއު: 582،117.06ރ.
- އޭދަފުށި ޓައިމްސް - 569،323.27ރ.
- ހުވަދޫ މީޑިއާ - 562،926.38ރ.
- ރާއްޖެ 24 - 550،132.60ރ.
- މާދަމާ ނިއުސް - 530،941.93ރ.
ޝަރުތު ހަމަވި މީޑިއާތަކުގެ ތެރެއިން ފުރަތަމަ ނިއުސް އަދި ކުޅުދުއްފުށި އޮންލައިން މާލީ އެހީތެރިކަމަށް އެދުމަށްޓަކައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން ދިން މުއްދަތުގައި އެކަން ނުކުރާތީ ފައިސާ ދޫނުކުރަން ވަނީ ނިންމާފަ އެވެ.
މިއީ މީޑިއާ ގްރާންޓަށް ޝަރުތު ހަމަވާ މީޑިއާތައް އިއުލާންކުރި ދެވަނަ ފަހަރެވެ. ޔޫތު މިނިސްޓްރީން މީގެ ކުރިން މީޑިއާ ގްރާންޓަށް ހުޅުވާލުމުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދިނުމަށް ނިންމި އެވެ. ނަމަވެސް އަމާޒުވި ފާޑުކިޔުންތަކާއެކު ކުއްލިއަކަށް އެ ލިސްޓު މިނިސްޓްރީން ބާތިލުކުރި އެވެ.

ފަހުން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މީޑިއާތަކަށް ފައިސާ ދޫކުރުމަށް އެންމެ ރަނގަޅީ ކޮންޓްރޯލް ކޮމިޝަން ކަމަށް ދެކޭތީ އެ ޒިންމާ އެ ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކޮންޓްރޯލް ކޮމިޝަނުން މީޑިއާ ގްރާންޓަށް ކުރިމަތިލާން ހަފްތާ ބަންދު ހިމެނޭ ގޮތަށް ދެ ދުވަހުގެ މުއްދަތެއް ދިނުމުން އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.













