ގިނައިން ވިޓަމިން ސީ ކެއުމުން ހަންގަނޑު އާވެ

Dec 8, 2025, 3:28 AM
ގިނައިން ވިޓަމިން ސީ ކެއުމުން ހަންގަނޑު އާވެ

އޮމާން ހަންގަނޑެއް ކޮންމެ މީހަކު ވެސް ބޭނުންވެއެވެ. އުމުރު މަތިވަމުންދާ ވަރަކަށް މިކަމަށް ދެވޭ ސަމާލުކަން ވެސް އިތުރުވެއެވެ. އެއީ ހަޔާތުން ފާއިތުވާ ކޮންމެ ދުވަހަކާ އެކު ހަންގަނޑުގައި ރުލެއް ޖެހުމުގެ ކަންބޮޑުވުން އޮންނާތީއެވެ. ނަމަވެސް، މިކަން ބަދަލުކުރަން ބޭނުންވާ މީހުންނަށް އޮތް އުފާވެރި ހަބަރަކީ ގިނައިން ވިޓަމިން ސީ ބޭނުންކުރުމެވެ.

ޔުނިވަސިޓީ އޮފް އޮޓާގޯގެ ސައެންސްވެރިން ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ކެއުމުގައި ވިޓަމިން ސީ އެކުލެވޭ ބާވަތްތައް ގިނައިން ބޭނުންކުރުމަކީ، އެމީހެއްގެ ހަންގަނޑު އާވެ ތާޒާވާ ކަމެކެވެ. ގިނައިން ވިޓަމިން ސީ ބޭނުންކުރާ މީހުންގެ ހަންގަނޑުގައި، ކޮލާޖެން އުފެއްދުމުގެ ގާބިލުކަން އިތުރުވެ، ހަންގަނޑު އޭގެ އަމިއްލަ ޒާތުގައި އާވެ ތާޒާވެއެވެ.

ޖާނަލް އޮފް އިންވެސްޓިގޭޓިވް ޑާމަޓޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން މީހާގެ ހަންގަނޑުގައި ވިޓަމިން ސީ ހިމެނޭ މިންވަރުން އެ ދައްކައިދެނީ، އެމީހާގެ ލޭގައި ވިޓަމިން ސީ ދައުރުކުރާ މިންވަރެވެ. ލޭގައި ވިޓަމިން ސީ ދައުރުކުރާ މިންވަރު އިތުރު ކުރެވޭނީ ގިނައިން މޭވާ ކެއުމުން ކަމަށް ސައެންސްވެރިން ބުނެއެވެ.

Advertisement

މި ދިރާސާ ހަދާފައިވަނީ ނިއު ޒީލޭންޑުގެ 12 މީހަކާއި ޖަރުމަން ވިލާތުގެ 12 މީހަކު ބައިވެރިކޮށްގެންނެވެ. މި ދެ ގުރޫޕުގެ ދިރާސާތައް ހެދީ އެ ބަޔަކު ނިސްބަތްވާ ގައުމެއްގައި ވަކިވަކިންނެވެ. މި ދިރާސާގައި މި މީހުންނަށް ކޮންމެ ދުވަހަކު ސަންގޯލްޑް ކީވީ ފުރުޓްގެ ދެ މޭވާ ކާން ދެއެވެ. އެއަށް ފަހު އެމީހުންގެ ލޭ ތަހުލީލުކުރުމުން، ލޭގައި ވިޓަމިން ސީ އެކުލެވޭ މިންވަރު މަތިވެފައިވާކަން ފާހަގަކުރެވުނެވެ.

އެއާ އެކު އެމީހުންގެ ހަންގަނޑުގައި ވިޓަމިން ސީ އެކުލެވޭ ނިސްބަތް ވެސް މަތިވެފައިވެއެވެ. މި ބަދަލުގެ ސަބަބުން ހަންގަނޑު އިތުރަށް ބޯވެ (ކޮލާޖެން އުފެދި) ހަންގަނޑުގެ ބޭރު ފަށަލަ އޭގެ އަމިއްލަ ޒާތުގައި އަލުން އުފެދި ތާޒާވިއެވެ.

މި ދިރާސާގެ ސައެންސްވެރިން ބުނި ގޮތުގައި ލޭގައި އެކުލެވޭ ވިޓަމިން ސީ، ހަންގަނޑުގެ ހުރިހާ ފަށަލަތަކަކަށް ވަދެގަންނަކަން ވަނީ ސާބިތުކުރެވިފައެވެ. އޭގެ ނަތީޖާއަކަށް ވަނީ، ހަންގަނޑުގެ މަސައްކަތް އިތުރަށް ހަރުދަނާވުމެވެ. އެހެންކަމުން، އަހަރެމެން ކުރަންޖެހޭ ކަމަކީ ހަންގަނޑުގެ މަސައްކަތް ފުރިހަމަކުރުމަށް އަހަރެމެންނަށް ދެވެން އޮތް އެންމެ ފުރިހަމައަކަށް އެހީތެރިވެދިނުމެވެ.

އެއީ، ހަންގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ ފޯރުކޮށްދިނުމެވެ. އަދި އެކަން ކުރަން އެންމެ ރަނގަޅު ގޮތަކީ ވެސް، އެކަމަށްޓަކައި ލައްވާފައިވާ ގުދުރަތީ ނިޒާމުގެ ތެރެއިން ވިޓަމިން ސީ ހަންގަނޑަށް ފޯރުކޮށްދިނުމެވެ. ހަށިގަނޑުގައި ދައުރުވާ ލޭގެ ޒަރީއާއިންނެވެ.

ހަންގަނޑުގައި ކޮލާޖެން އުފެއްދުމަށްޓަކައި ވިޓަމިން ސީ ބޭނުންވެއެވެ. އެހެންކަމުން ގައިގައި އުނގުޅަން އުފައްދާ ވަރަށް ގިނަ ބާވަތުގެ ކްރީމްތަކާއި ލޯޝަންތަކުގައި ވިޓަމިން ސީ ހިމަނާފައި ހުރެއެވެ. ވިޓަމިން ސީ އަކީ ފަސޭހަކަމާއެކު ފެނުގެ ތެރެއަށް ގިރިގެން ދާ އެއްޗަކަށް ވިޔަސް، ހަންގަނޑުގެ ބޭރު ފަށަލަ ފޫއަޅުވާލާފައި އެތެރެއަށް ވަންނަ މިންވަރު ވަރަށް ދަށެވެ.

ނަމަވެސް މި ދިރާސާއިން އެނގުނު ގޮތުގައި ލޭގެ ތެރޭގައި ހުންނަ ވިޓަމިން ސީ، ވަރަށް ފަސޭހަކަމާއެކު ހަންގަނޑުގެ ތެރެއަށް ދަމައިގަނެއެވެ. މި ގޮތުން ހަންގަނޑުގެ ތެރެއަށް ދަމައިގަންނަ ވިޓަމިން ސީ، ހަންގަނޑުގެ އެންމެ ބޭރު ފަށަލައާ ހަމައަށް ވެސް ވާސިލުވާ ކަން ދިރާސާއިން ސާބިތުވެއެވެ.

މި ދިރާސާ ކުރިއަށް ގެންދިޔައީ ދެ ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގައި ބެލީ، ލޭގައި އެކުލެވޭ ވިޓަމިން ސީ އާއި ހަންގަނޑުގައި ވިޓަމިން ސީ ހުންނަ މިންވަރާ ދެމެދުގައިވާ ގުޅުމެވެ. އެކަން ބެލީ، އެމީހުންގެ ހަމުގެ ޓިޝޫ ނަގައި ލެބޯޓެރީގައި ތަހުލީލުކޮށްގެންނެވެ.

ދެ ވަނަ ފިޔަވަހީގައި ބެލީ، މި ދެ ގުރޫޕުގެ މީހުންނަށް ސަންގޯލްޑް ކީވީ ފުރުޓުގެ ދެ މޭވާ ކޮންމެ ދުވަހަކު ކާން ދޭން ފެށުމުގެ ކުރިންނާއި ކާންދިނުމަށް ފަހުގައި، އެމީހުންގެ ލޭގައި ވިޓަމިން ސީ އެކުލެވޭ މިންވަރަށް އައި ތަފާތެވެ. އެމީހުންނަށް ކޮންމެ ދުވަހަކު ދެ ކީވީ ފުރުޓް – ގާތްގަނޑަކަށް 250 މައިކްރޯގްރާމްގެ ވިޓަމިން ސީ – އަށް ހަފުތާ ވަންދެން ކާން ދިނެވެ.

މި ފިޔަވަހީގައި ދެން ކުރި ކަމަކީ، ކީވީ ފުރުޓް ކާން ދޭން ފެށުމުގެ ކުރިން އެމީހުންގެ ހަންގަނޑުން ނަގާފައި ހުރި ޓިޝޫތަކާއި، އަށް ހަފުތާ ފަހުން ނެގި ޓިޝޫތައް، ލެބޯޓެރީގައި ތަހުލީލުކޮށް އަޅައި ކިޔުމެވެ. މި ތަހުލީލުތަކުން އެނގުނީ އެމީހުންގެ ހަމުގެ ބޯމިން އިތުރުވެފައިވާ ކަމާއި އެމީހުންގެ ހަންގަނޑުގެ ބޭރު ފަށަލަ އަލުން އުފެދި ތާޒާވެފައިވާ ކަމެވެ. އެހެންކަމުން، ވިޓަމިން ސީ އަކީ މީހާގެ ހަންގަނޑުގެ ތާޒާކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެއް ކަމާމެދަކު ޝައްކެއް ނެތެވެ.

މި ދިރާސާގައި ކީވީ ފުރުޓް ބޭނުންކުރީ، މަތީ މިންވަރަކަށް ވިޓަމިން ސީ އެކުލެވޭ މޭވާއަކަށް ވާތީއެވެ. ނަމަވެސް، ތަރުކާރީ އާއި ހުތް މޭވާތަކާއި ބެރީގެ ބާވަތްތަކާއި ކެޕްސިކަމް އާއި ބޮރޮކޮލީ ފަދަ، ވިޓަމިން ސީ އެކުލެވޭ ތަރުކާރީތަކާއި މޭވާތަކުން ވެސް ހަމަ އެ ފައިދާ ލިބޭނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox