ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ސޯލިހު ފެކްޝަނުން ހުށަހެޅި ގަފޫރުގެ ނަމަށް ފައްޔާޒުގެ ތާއީދު

Dec 4, 2025, 1:06 AM
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހަޅާފައި އޮތް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އަށް ތާއީދު ކުރައްވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މިވަގުތު، ވަގުތީ ޗެއާޕާސަންގެ މަގާމަށް ހުށަހަޅާފައި އޮތް ހަމައެކަނި ނަމަކީ ގަފޫރެވެ. އޭނާއަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ ފައްޔާޒު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން އަވަސް ކުރުމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ގެ ކިބައިން ވަނީ އެދިފަ އެވެ.

"މިހާރު އޮތީ އެމްޕީ ގަފޫރުގެ ނަން އެކަނި. އަޅުގަނޑުގެ ތާއީދު އެބައޮތް އެމްޕީ ގަފޫރަށް،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

ފައްޔާޒުގެ މި މެސެޖަށް ތާއީދުކޮށް އެ ގްރޫޕުގައި ތިބި 40 ބޭފުޅަކު ވަނީ ރިއެކްޓު ކޮށްފަ އެވެ. ގަފޫރު އަކީ މިވަގުތު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރެވެ.

މިވަގުތު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ ފައްޔާޒު އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.

ވަގުތީ ގޮތުން ޗެއާޕާސާނުގެ މަގާމަށް ބޭފުޅަކު ހޮވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ގަފޫރުގެ އިތުރުން ހުށަހެޅީ ދިއްދޫ ދާއިރާގެ ރައީސްކަން ކުރައްވާ އަބްދުالله ވަހީދު (ދިއްދޫ ވައްޑޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމުގެ ނަމެވެ.

އޭގެ ތެރެއިން އަސްލަމްގެ ނަމަށް ވޯޓަށް އަހަން ރިޔާސަތުގައި އިންނެވި އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ވަނީ ދެކޮޅު ހަދައިފަ އެވެ. ރިޔާސަަތުން ބުނީ ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރަންޖެހޭނީ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަމަށެވެ.

ދިއްދޫ ވައްޑެއަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓުގައި ހާޒިރުވި 96 މެންބަރުންގެ ތެރެއިން އޭނާއަށް 47 ވޯޓު ލިބުނެވެ. ނަމަވެސް ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.

ޖަލްސާގައި އަަސްލަމްގެ ނަމަށް ވޯޓަށް ނުއެހުމުން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ. އަދި ދިއްދޫ ވައްޑެއަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބޭ ކަމަށް ނިންމުމުން ވެސް ޖަލްސާ ވަރަށް އަޑުގަދަވި އެވެ. ވައްޑެއަށް ތާއީދު ކުރައްވާ މެންބަރުން ބުނަމުންދަނީ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ ހޮވިފައިވާ ކަމަށެވެ.

އެ ރޭގެ ޖަލްސާގެ ނިޒާމު ގެއްލުނު ކަމަށް ބުނެ މަދަނަ އިބުރޭ ޖަލްސާ ނިންމާލީ ގަފޫރުގެ ނަމަށް ވޯޓަށް ނާހަ އެވެ.

އޭގެ ދެ ދުވަސް ފަހުން އިބުރޭ ވަނީ އެ އިންތިހާބުގައި ވަހީދު އަށް ބޭނުންވާ ވަރަށް ވޯޓު ލިބިފައިވާ ކަމަށް ވިދާޅުވެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއަށް ރިޕޯޓެއް ފޮނުވާފަ އެވެ.

މި ރިޕޯޓަށްފަހު ވަހީދު، ޝާހިދުއަށް ފޮނުވި ސިޓީއެއްގައި އޭނާ އެ މަގާމަށް ހޮވުނު ނަމަވެސް މަގާމާއި ހަވާލުވާން ބޭނުންނުވާ ކަމަށް ވަނީ ބުނެފަ އެވެ. ސަބަބެއްގެ ގޮތުގައި ވަހީދު ދެއްކީ ޝާހިދު ހިމެނޭހެން ޕާޓީގެ އިސްވެރިން އޭނާއަށް ހުރަސްއެޅުމެވެ.

އެގޮތުން ވަގުތީ ޗެއާޕާސަނުގެ މަގާމަށް ކުރިމަތިލާން ނިންމީ އެ ޕާޓީގެ މަޖިލިސް މެންބަރެއްގެ އެދުމަށް ކަމަށާއި އެކަން ޝާހިދު އާއި ޕާޓީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެންގުމުން ކުރިއަށް ދިޔުމަށް އެ ދެ ބޭފުޅުން ދެންނެވި ކަމަށް ވަހީދުގެ ސިޓީގައި ބުނެފައިވެ އެވެ. ތާއީދު ލިބޭނެ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް ބުނެފައިވެ އެވެ.

"އެހެން ނަމަވެސް، އަޅުގަނޑަށް ތާއީދުކުރައްވައި އަދި އަޅުގަނޑު އެ މަގާމަށް ނުކުތުމަށް ހިއްވަރު ދެއްވި ޕާޓީގެ ރައީސް އާއި ޕާޓީގެ އެޑްވައިޒަރު އަދި ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން އެ ވޯޓާއި ހަމައަށް ދިޔައިރު އަމަލުކުރެއްވި ގޮތުންނާއި، އަދި އެ ވޯޓަށްފަހު އެ ފަރާތްތަކުން އަމަލުކުރައްވަމުން ގެންދަވާ ގޮތުން އަޅުގަނޑު އެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނޭ ކަމީ މިއަދު އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން،" ވަހީދުގެ ސިޓީގައި ބުނެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox