އެސްއީޒެޑެއްގައި ތަރައްގީކުރާ ޓައުންޝިޕުތަކަށް ޓެކްސް ލުއި ލިބޭ އިސްލާހު ތަސްދީގުކޮށްފި

ރައީސް މުހައްމަދު މުއިއްޒު ބިލެއް ތަސްދީގުކުރައްވަނީ: އެސްއީޒެޑެއްގައި ތަރައްގީކުރާ ޓައުންޝިޕުތަކަށް ޓެކްސް ލުއިތައް ލިބޭ އިސްލާހު ތަސްދީގުކޮށްފި ---- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ބިލެއް ތަސްދީގުކުރައްވަނީ: އެސްއީޒެޑެއްގައި ތަރައްގީކުރާ ޓައުންޝިޕުތަކަށް ޓެކްސް ލުއިތައް ލިބޭ އިސްލާހު ތަސްދީގުކޮށްފި ---- ފޮޓޯ: ރައީސް އޮފީސް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ތަރައްގީކުރާ ސަސްޓެއިނެބަލް ޓައުންޝިޕުތަކަށް ޓެކްސް ލުއި ލިބޭނެހެން ސަރުކާރުން ހުށަހަޅާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި، އެސްއީޒެޑު ގާނޫނަށް ގެނައި ފުރަތަމަ އިސްލާހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު، އިބްރާހިމް ޝުޖާއު އެވެ. ބިލުގެ މަސައްކަތް މަޖިލީހުން ނިންމާލީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެގޮތުން އެއް ދުވަހުގެ ތެރޭ ކޮމިޓީ މަސައްކަތް ނިންމާ، ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.

މި އިސްލާހުގައި ހިމެނޭ ކަންކަމުގެ ތެރެއިން އިދިކޮޅުން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޓައުންޝިޕްތަކަށް ލިބޭ ޓެކްސް ލުއިތަކެވެ.

އެގޮތުން ދިގު މުއްދަތަށް ވިއްކާ ވިލާތަކަށް ފައިސާ ދެއްކުމުގައި ޕްރޮޕަޓީ ޓެކްސް ކުޑަކުރުމާއި އާމްދަނީން ނަގާ ޓެކްސް ކުޑަކުރުން ހިމެނެ އެވެ. އިސްލާހުގައިވާ ގޮތުން އާމްދަނީން ނަގާ ޓެކްސް ގާނޫނުގައި ބުނާ ވަރަށް ނަގަން ފަށަނީ 21 އަހަރު ފަހުންނެވެ.

މީގެ އިތުރުން އެސްއީޒެޑުގައި ޓައުންޝިޕް ތަރައްގީކުރަން އެތެރެކުރާ މުދަލުގެ ޑިއުޓީ މައާފުކުރުމާއި ޓައުންޝިޕުގައި ތަރައްގީކުރާ ރެސިޑެންޝަލް ވިލާ ވިއްކައިގެން ލިބޭ ފައިސާއިން ޓެކްސް ނެގުން ވެސް މި އިސްލާހާއެކު އިސްތިސްނާ ވާނެ އެވެ.

އިސްލާހުގައި ވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕްއެއް ތަރައްގީ ކުރުމަށް ހުއްދަ ދެވޭނީ:

  • ޒޯންގައި ކުރާ އިންވެސްޓްމެންޓް 500،000،000 އެމެރިކާ ޑޮލަރަށްވުރެ އިތުރުވާ ނަމަ
  • ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް އެ ޒޯނުގައި ގާއިމު ކުރާ ނަމަ
  • ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ނުވަތަ ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް އެ ޒޯނުގައި ގާއިމު ކުރާ ނަމަ އެވެ.
  • ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކަކީ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކަށްވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށްވުން
  • ދިވެހިރާއްޖެއަށް އިމްޕޯޓު ކުރާ ކާބޯތަކެތީގެ އަދަދު މަދުކޮށް ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރު ކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގާއިމުކުރުން
  • ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭގޮތުން ހިމެނޭގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމުކުރުން

މި އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވީ، މިއީ ވަކި ބަޔަކަށް މަންފާ ހޯދައިދީ ބޭރު މީހުންނަށް ރާއްޖޭގެ ބިން ހިލޭ ލިބޭގޮތް ހަދަން ގެނައި އިސްލާހެއް ކަމަށް ވިދާޅުވެފަ އެވެ.

"މި ހުށަހެޅިފައިވާ ބިލަކީ ވަރަށް ބޮޑު އޮޅުވައިލުމުގެ ތެރެއިން ބަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ހުށަހެޅިފައިވާ ބިލެއް، އަޅުގަނޑު މިއަދު ދައްކައިލަން ބޭނުން ހަގީގަތުގައި މި ޓައުންޝިަޕަކީ ނޫނު އަތޮޅުގައި މިހާރު ހެދެމުންދާ ރިސޯޓެއް، 11 ރަށް މިހާރު ވަނީ ހިއްކިފައި، މިތަން ސަރުކާރުގެ ތެރެއިން ބަޔަކު ބޭނުންވަނީ މިތަން ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދާފައި ޓެކްސްއިން މިތަން ބަރީއަކޮށްދޭން،" ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ، މި އިސްލާހާއެކު ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކަންބޮޑުވުން ފާޅުކޮށް ފައްޔާޒު އެކްސްގައި ވިދާޅުވީ މިއީ ޓޫރިޒަމަށް ދެވޭ ބޮޑު ގެއްލުމެއްގެ އިތުރުން ދައުލަތަށް ލިބެން އޮތް ވަރަށް ބޮޑު އާމްދަނީއެއް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. މި ސަރުކާރުން ސަސްޓެއިނެބަލް ޓައުންޝިޕަކަށް ބަދަލުކުރާ ޕްރޮޖެކްޓަކީ އެމްޑީޕީގެ ސަރުކާރުގައި ޑިސެމްބަރު 2022، ގައި ގެނައި ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޕްރޮޖެކްޓު ގެނައީ އެއްވެސް ލުއިތަކެއް ދޭ ގޮތަކަށް ނޫން. އެންމެ ޕްރޮޖެކްޓަކަށް ބޭއިންސާފުން ލުއި ދިނުމަކީ ސަރުކާރުގެ މަގްސަދާއި މެދު ޝައްކު އުފެދޭ ކަމެއް. ނ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަން ޓެކްސް ލުއިތަކެއް ދޭން ނުޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ގާނޫނަށް ޖޫން 19، 2023 ގައި ހުށަހެޅި އިސްލާހުގައި ޓޫރިޒަމްގެ ހުރިހާ ރިއަލް ސްޓޭޓް މުއާމަލާތަކުން ހަތަރު ޕަސެންޓު ޓެކުހެއް ދައްކަން ޖެހޭ ގޮތަށް އޮތް ނަމަވެސް މި ސަރުކާރުން ނޮވެމްބަރު 2023، ގައި އެ އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox