މާލެއިން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ވ. އަތޮޅުގެ ފަރަކަށް އަރައިފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފަރަށް އަރާފައިވަނީ ފަހިރޯޅި ނަމަކަށް ކިޔާފައިވާ ބޯޓެއް ކަމަށެވެ. ވ. ފެލިދޫ ކައިރި ފަރަކަށް ބޯޓު އެރި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓުކުރީ ރޭ ފަތިހު އެވެ.
ފަރަށް އެރިއިރު ބޯޓުގައި ތިބީ ޖުމްލަ 12 މީހުންނެވެ. އެއީ ހަ ދަތުރުވެރިންނާއި ބޯޓުގެ ވެރިމީހާ އާއި ކައްޕީގެ އިތުރުން ހަތަރު ފަޅުވެރިންނެވެ.

ފަހިރޯޅި ބޯޓު އެރި ފަރު: އެ ބޯޓު މިހާރު ވަނީ އަޑިއާށް ގޮސްފައި --- ފޮޓޯ: ފޮލޯމީ
އޭގެ ތެރެއިން ފަސް މީހުންނަކީ ބިދޭސީންނެވެ. މިއިން އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއްވި ކަމަކަށް ފުލުހުން ނުބުނެ އެވެ.

ފުލުހުންގެ އެހީތެރިކަމާއެކު މި އެންމެންވެސް މިހާރު ވަނީ ފެލިދޫއަށް ގެންގޮސްފަ އެވެ.
ފަރަށް އެރި ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޮޑު ބައެއް އަޑީގައި އޮތް ކަމަށް ފުލުހުން ބުނެ އެވެ. ބޯޓު ފަރަށް އެރި ސަބަބެއް ހާމަނުކުރި ނަމަވެސް، ފުލުހުން ބުނީ އެކަން ހިނގި ގޮތް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.












