ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުން، އެއް ބައެއްގެ ހިއްސާ އޮންނަ ތިން ކުންފުންޏަކަށް 247.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެއީ އެވޯކާ ޕްރައިވެޓް ލިމިޓެޑާއި، ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާއި ސޮލޮކްސް ޕްރައިވެޓް ލިމިޓެޑެވެ. މި ތިން ކުންފުނީގައި ހިއްސާދާރުންނަކީ އަބްދުލް މުހްސިން އަބްދުލް ކަރީމް އާއި ނަޖާހު ޝަރީފު އެވެ.
މި ކުންފުނިތަކުގެ ތެރެއިން ފްލެކްސިންކްއާ ހަ ޕްރޮޖެކްޓެއް 171.3 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެވެ. އެއީ،
- ގއ. ވިލިނގިލީގައި 25 ހައުސިން ޔުނިޓު - 32.4 މިލިއަން ރުފިޔާ
- ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު - 64.8 މިލިއަން ރުފިޔާ
- ނ. ކުޑަފަރީގައި ހަ ކްލާސްރޫމާއި ސައިންސް ލެބް - 10 މިލިއަން ރުފިޔާ
- ބ. ކުޑަރިކިލު ސްކޫލްގެ މަލްޓިޕާޕަސް ހޯލް (ފާހާނަ ބަރިއަކާއެކު) - 13.1 މިލިއަން ރުފިޔާ
- ތ. ދިޔަމިގިލީ ސްކޫލްގެ މަލްޓިޕާޕަސް ހޯލް (ފާހާނަ ބަރިއަކާއެކު) - 11 މިލިއަން ރުފިޔާ
- 50 ސްކޫލެއް މަރާމާތުކުރުން (ފުރާޅާއި، ދޮރުތަކާއި، ކުޑަދޮރުތައް އަދި ސީލިން ބަދަލުކުރުމާއެކު) - 40 މިލިއަން ރުފިޔާ
ސޮލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ޕްރޮޖެކްޓުތަކުގެ އަގު 55 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ތައުލީމީ ދާއިރާގެ ފަސް ޕްރޮޖެކްޓެކެވެ. އެއީ،
- ހއ. ހޯރަފުށީ ސްކޫލްގެ އެޑްމިން ބްލޮކް، މީޓިން ރޫމް، ހެލްތު ރޫމް، އަދި އައިޓީ ރޫމް އިމާރާތް ކުރުން - 8.2 މިލިއަން ރުފިޔާ
- ނ. ވެލިދޫގައި 6 ކްލާސްރޫމް، ލައިބްރަރީ، ސްޓާފްރޫމް، އައިޓީ ރޫމް، 6 ފާހާނާ - 13.5 މިލިއަން ރުފިޔާ
- ދ. ބަނޑިދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް، އަދި 8 ކްލާސްރޫމް އާއި 12 ފާހާނާ - 16.3 މިލިއަން ރުފިޔާ
- ގދ. ގައްދޫގައި ސެން ކްލާސް ރޫމެއް، ފާހާނައަކާއެކު - 2.45 މިލިއަން ރުފިޔާ
- 15 ސްކޫލެއްގެ ވަށާ ފާރު ރޭނުން - 15 މިލިއަން ރުފިޔާ
އެވޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ދެ ޕްރޮޖެކްޓުގެ އަގަކީ 21.6 މިލިއަން ރުފިޔާ އެވެ. އެއީ ލ. އިސްދޫ ސްކޫލްގައި 5 ކްލާސްރޫމާއި 6 ފާހާނަ ހެދުމަށް 6.6 މިލިއަން ރުފިޔާ އަދި 10 ރަށެއްގެ ސްކޫލްގެ ކުޅޭ ސަރަހައްދުގައި ޓާފް އެޅުމަށް 15 މިލިއަން ރުފިޔާ އެވެ.













