ހުލާސާކޮށް އިއްޔެ: ބީލަމަކާ ނުލައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ބަހާލުން، 5 މެންބަރަކަށް 746 މިލިއަން ރުފިޔާ

Nov 7, 2025, 1:21 AM
ހުލާސާކޮށް އިއްޔެ: ބީލަމަކާ ނުލައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ބަހާލުން، 5 މެންބަރަކަށް 746 މިލިއަން ރުފިޔާ

މާލިއްޔަތު ގަވާއިދު ބަދަލުކޮށް، ބީލަމަކަށް ނުލައި ސަރުކާރުން ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް އިއްޔެ ބަހާލި 206 ޕްރޮޖެކްޓު އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާއިރު، އޭގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 746 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ދިނެވެ.

އަދަދު ނޫހުން ހޯދި މައުލޫމާތުތަކުން މިހާތަނަށް އެނގުނު ގޮތުގައި މަޖިލީހުގެ މެންބަރުންގެ މަސްލަހަތު އޮތް ހަ ކުންފުންޏަކަށް 15 މަޝްރޫއެއް ހަވާލުކުރި އެވެ.

އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓަރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބުގެ އެސް.އޭ.އެން.އެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ މަސްލަހަތު އޮތް ވައިޓު ލިންކްސްއާ ހަވާލުކޮށްފައި ވަނީ ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އެ މަޝްރޫއުގެ އަގަކީ 139.2 މިލިއަން ރުފިޔާ އެވެ.

އަލްޓެކް ކުންފުންޏާ ހަތަރު މަޝްރޫއުއެއް ހަވާލުކޮށްފައި ވަނީ 285.7 މިލިއަން ރުފިޔާ އަށެވެ. އެއީ ދ. މީދޫގައި 25 ހައުސިން ޔުނިޓު، އއ. އުކުޅަސްގައި 50 ހައުސިން ޔުނިޓު އަދި ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށެވެ. އަދި ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު އަލުން ތަރައްގީކުރަން ވެސް ހަވާލުކުރީ އަލްޓެކާއެވެ.

  • ދ. މީދޫގައި 25 ހައުސިން ޔުނިޓު - 33.7 މިލިއަން ރުފިޔާ
  • އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު - 67.5 މިލިއަން ރުފިޔާ
  • ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު - 135 މިލިއަން ރުފިޔާ
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު - 49.4 މިލިއަން ރުފިޔާ

ސައުދުﷲގެ މިމްސް ކޮންސްޓަރަކްޝަންއާ ހަވާލުކުރީ ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓާއި ވާދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށެވެ. އެ ދެ މަޝްރޫއުގެ އަގަކީ 71.5 މިލިއަން ރުފިޔާ އެވެ. ސްވިފްޓު އިންޖިނިއަރިންނާ ހަވާލުކުރި ފަސް މަޝްރޫއުގެ އަގަކީ 157.3 މިލިއަން ރުފިޔާ އެވެ. އެއީ؛

  • ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓު - 64.79 މިލިއަން ރުފިޔާ
  • ށ. ފުނަދޫގައި ޔުނިވާސިޓީ ކެމްޕަހަކާއި ދަނާލެއް - 23.1 މިލިއަން ރުފިޔާ
  • ޅ. ނައިފަރުގައި ކެމްޕަހަކާއި ދަނާލެއް - 23.1 މިލިއަން ރުފިޔާ
  • ޅ. ހިންނަވަރުގައި ކެމްޕަހަކާއި ދަނާލެއް - 23.1 މިލިއަން ރުފިޔާ
  • ތ. ވޭމަންޑޫގައި ކެމްޕަހަކާއި ދަނާލެއް - 23.1 މިލިއަން ރުފިޔާ

ތޯރިގުގެ މައިނާ ސްޕޯޓްސް ފީލްޑްއާ ހަވާލުކުރީ ކުޅުދުއްފުށީގައި ހޭންޑް ބޯލް އަދި ފުޓްސަލް ކުޅެވޭ މަލްޓުޕާޕަސް ކޯޓަކާއި ރޮސްޓްރޮމްއަކާއެކު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމެވެ. އެ ދެ މަޝްރޫއުގެ އަގަކީ ތިން މިލިއަން ރުފިޔާ އެވެ.

އަސަދުﷲ ގެ އެސް.އޭ.އެން.އެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ގދ. ފިޔޯރީގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެވެ. އެ މަޝްރޫއުގެ އަގަކީ 87.3 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއުތަކުގެ އިތުރުން ވެސް މެންބަރުންނާ ގާތް ގުޅުން އޮތް ބައެއް ކުންފުނިތަކަށް، އެ ކުންފުނިތަކުގެ ތަޖުރިބާއެއް ނެތް ދާއިރާތަކުގެ މަޝްރޫއުތައް ހަވާލުކޮށްފައިވެ އެވެ. އަދި ސަރުކާރުގެ ބައެއް ވެރިންގެ ކުންފުނިތަކަށް ވެސް މަޝްރޫއުތައް ދީފައިވެ އެވެ.

ބަހާލި 206 މަޝްރޫއުގެ ޖުމުލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.

ފުލުހުންގެ މަރުކަޒުތައް ހެދުމަށް ހަވާލުކުރި 39 މަޝްރޫއުގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.

ރައީސް މުއިއްޒުގެ މި ވައުދުތައް ފުއްދޭނެ ވަރަށް ސަރުކާރުގައި ލާރި ނެތިގެން މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ޔަގީންކަން ދީގެން، ބީއެމްއެލްއިން ކުންފުނިތަކަށް ދޭ ލޯނުންނެވެ. އެ ލޯނުތައް ދޫކުރަނީ 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox