އަމިއްލަ ފައިމައްޗަށް ކޮޅަށް ޖަހަން ބުނި ކުންފުނިތަކަށް 2.4 ބިލިއަން ރުފިޔާ އޮއްސާލަނީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ރިފޯމު ކުރުމުގެ އެއްވެސް މަސައްކަތެއް ނުކޮށް އެސްއޯއީތަކަށް 2.4 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ރިފޯމު ކުރުމުގެ އެއްވެސް މަސައްކަތެއް ނުކޮށް އެސްއޯއީތަކަށް 2.4 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ހިންގާ ސަރުކާރު ކުންފުނިތައް ރިފޯމްކޮށް، އަމިއްލަ ފައިމައްޗަށް ކޮޅަށް ޖަހާނެ ކަމަށް ބުނުމަށް ފަހު އެ މަސައްކަތް ނުކޮށް، މި އަހަރުގެ ބަޖެޓުން އެ ކުންފުނިތަކަށް 2.4 ބިލިއަން ރުފިޔާ ދޫކުރާނެ ކަން އެނގިއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރަން ކަނޑައެޅި ބަޖެޓު ވަނީ މުރާޖާކޮށް، 1.1 ބިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ކުންފުނިތަކަށް ދޭން ހިމެނީ 1.3 ބިލިއަން ރުފިޔާ އެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު އަދަދެއް ދޫކުރަނީ ޓްރޭޑް ނެޓަށެވެ. އެއީ 612 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ސްޓެލްކޯ އަށް 500 މިލިއަން، ފެނަކައަށް 235 މިލިއަން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 389 މިލިއަން ރުފިޔާ ބަޖެޓުން ދޭނެ އެވެ.

Advertisement

މި އަހަރުގެ ތެރޭ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ކުންފުނިތަކަށް ވެސް ގިނަ އަދަދުތަކުން ފައިސާ ދޫކުރަން ވަނީ ބަޖެޓުކޮށްފަ އެވެ.

އެ ގޮތުން އަދި ހިދުމަތް ދޭން ނުފަށާ ޑިވެލޮޕްމަންޓު ބޭންކަށް 16 މިލިއަން ރުފިޔާ، އިންފްރާސްޓަކްޗާ ޑިވެލޮޕްމަންޓު ސޮލިއުޝަން ކޮމްޕެނީއަށް 280 މިލިއަން ރުފިޔާ، އަދި ބޭސް ގެންނަން އަލަށް އުފެއްދި ކުންފުންޏަށް 107 މިލިއަން ރުފިޔާ ދޫކުރަން ވަނީ ބަޖެޓުކޮށްފަ އެވެ. މީގެ ތެރެއިން ދެ ކުންފުންޏަކީ މި އަހަރުގެ ބަޖެޓު ފާސްކުރިއިރު ހުރި ބަޖެޓުގައި ހިމަނާފައި ކުންފުނިތަކެއް ނޫނެވެ.

ކުންފުނިތައް ރިފޯމް ކުރުމުގެ ޕްލޭނުގެ މައިގަނޑު އަމާޒަކީ ކުންފުނިތަކަށް ލިބޭ އެއްޗަކުން ދެކޮޅު ޖައްސަައިގެން ކުންފުނިތައް ހިންގޭނެ މަގެއް ހޯދުމެވެ. މި މަސައްކަތުގެ ތެރެއިން ސަރުކާރުން ނިންމީ ބައެއް ކުންފުނިތައް އެއްކޮށްލައި، ދެން ހުރި ކުންފުނިތައް އުވާލާށެވެ.

އެއްކޮށްލަން ބުނި ކުންފުނިތަކުގެ ތެރެއިން އެއްކުރެވުނީ އެމްއޭސީއެލް އާއި އާރުއޭސީއެލް އެވެ. މިހާރު އާރުއޭސީއެލްގެ ހުރިހާ އެއާޕޯޓުތަކާއި އެ ތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ވަނީ އެމްއޭސީއެލްއަށް ބަދަލުކޮށްފަ އެވެ.

ފެނަކައަކީ ވެސް މި ގޮތަށް އެއްކޮށްލަން ބުނި ކުންފުންޏެކެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ މައްސަލަތައް އެންމެ ގިނަ އަދި ސަރުކާރުގެ ބަޖެޓަށް ބަރޯސާވުން އެންމެ ބޮޑު އެއް ކުންފުންޏެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، ކުރިއަށް އޮތް ތިން އަހަރަށް ވެސް ފެނަކައަށް ވަކިން ބަޖެޓުކޮށްފައިވާތީ، ފެނަކަ ރިފޯމްކުރަން، އެހެން ކުންފުންޏެއްގެ ދަށަށް ބަދަލުކުރަން ނޫނީ އެއްކޮށްލުމުގެ ވިސްނުން މިހާރު ގެންގުޅޭ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް އެ ވިސްނުން ބަދަލު ކުރި ކަމެއް ވެސް ނޫނީ ކުރިން ރޭވި ގޮތަށް ކުރިއަށް ގެންދާނެ ކަމަކަށް ވެސް ސަރުކާރުން އަދި ނުބުނެ އެވެ.

މިދިޔަ އަހަރު ފަހުކޮޅު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑު ކުރުމުން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ރިފޯމުގެ ވާހަކަ ދައްކާފަ އެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި އޭގެ ސަބަބުން ވެސް ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް އޭރު ފިނޭންސުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox