ރައީސް މުހައްމަދު މުއިއްޒު އާ ރެކޯޑެއް ހެއްދެވިކަން ފަހުރުވެރިކަމާއެކު ރައީސް އޮފީހުން އިއްޔެ އިއުލާނުކުރި އެވެ. އެއީ، ދިވެހި ދައުލަތުގެ ވެރިޔަކު، ވެރިކަމުގެ ފުރަތަމަ 23 މަސް ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމެވެ.
ނޮވެމްބަރު 17، 2023، ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މުއިއްޒު ފުރަތަމަ ވަޑައިގަތީ ރިޔާސީ އިންތިހާބުގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ ވޯޓު ދިން، ތ. އަތޮޅު ގުރައިދޫ އަށެވެ. އެއަށް ފަހު، ފަހަރު އަތޮޅަކަށް، ރަށަކަށް ވަޑައިގަންނަވަމުން ގޮސް، މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެން ރިކޯޑު ހެއްދެވިކަން އިއުލާނު ކުރެއްވީ އިއްޔެ ކ. ތުލުސްދޫ އަށް ވަޑައިގަތުމަށް ފަހު އެވެ.
މި ދަތުރުތަކުގެ މޯހިރުން ފެންނަ މަންޒަރު ތަފާތެވެ. އޮފު އަރުވާފައި ނެރުނު ބަޔާންތަކާއި ފެތުރި ހަބަރުތަކުގައި މުއިއްޒު ހެއްދެވީ ފަހުރުވެރި ރެކޯޑެއް ކަމާއި، އެއީ ގައުމީ ހިދުމަތާއި ލީޑަޝިޕްގެ ހަރުދަނާ ކަމާއި ކުޅަދާނަ ކަމުގެ ރަމްޒެއް ގޮތަށް ފާހަގަކުރިޔަސް، އިސްރާފާއި، ސިޔާސީ ޕްރޮޕަަގެންޑާ އަދި ކުރައްވަމުން ގެންދަވަނީ ގައުމީ ތަރައްގީގައި މީޒާން ހަރުނުލާ ދަތުރެއްކަން ހާމަވި އެވެ.
ކޮންމެ ދަތުރެއްގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރީން ހިމެނޭ ބޮޑު އަރުމާޒެއް ދައްކާލާއިރު، އެކަމަށް ސަރުކާރާއި ކުންފުނިތަކުންނާއި ކައުންސިލްތަކުން ކުރާ ހޭދައެއް ނުދައްކަ އެވެ.
މި ދަތުރުތަކުގެ ބޭނުމަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކޮށް، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލު ބައްލަވައި، ރައްޔިތުންގެ އަޑުއެއްސެވުން ކަމަށް ވެސް ބުނެފައިވެ އެވެ.
މިފަދަ ތަރާނާތައް އިއްވަމުން، ވިއްކަމުން ނޫސްތަކުގައި އެ ސުރުހީތައް އަޅަމުން ދިޔައީ ރެކޯޑު ހެދުމުގެ ނިޔަތް ފޮރުވާފައި ބާއްވައިގެން، އެކަން ހާސިލުކުރައްވަން ރައްޔިތުންގެ ފައިސާއިން ހޭދަކޮށްލީ އިސްރާފެއް ނޫންކަން ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނައިދިނުމުގެ ބޭނުމުގައި ކަމަށް ގަބޫލުކުރެވެ އެވެ.
ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވި ރައީސަކު ހެއްދެވި ރެކޯޑުގެ ވާހަކަ ދައްކާއިރު، އެކަން ހާސިލުކުރަން ކުރި ހަރަދު ހާމަކޮށްލުމުން ކާމިޔާބުގެ ފުރިހަމަކަމާއި ދެކޮޅުޖެހޭ މިންވަރު އެނގޭނެ އެވެ. އޭރުން، ދައުލަތަށް އެންމެ ރަނގަޅު ގޮތަކީ، ކައުންސިލަރުން މާލެއަށް ޒިޔާރަތްކޮށް މަޝްވަރާ ކުރެއްވުންތޯ، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގެން ތަކުރާރުކޮށް ވައުދުވުންތޯ ރައްޔިތުން ހިސާބުކުރާނެ އެވެ.
މުއިއްޒުގެ ދަތުރުތަކުގައި މަޝްރޫއުތަކުގެ ބިންގާ އެޅުމާއި މަޝްރޫއުތައް ފެށުމަށް ކޮޅުވެއްޓީގައި އުފުލާ ފަހުރުވެރި އަދި ޝަރަފުވެރި ހައިމާކާއި، "އުވަދޯންޏަކީ" ހަމައެކަނި ދޭ ޝޯއެއް ނޫންކަން ވެސް ރައްޔިތުންނަށް ގަބޫލު ކުރެވިދާނެ އެވެ. ނަމަވެސް މިހާރު ދަތުރުތައް ކުރައްވާ ގޮތުންނާއި ތަރައްގީގެ ނަމުގައި ޖައްސަވާ ޗަރުކޭހުން ސޯޝަލް މީޑިއާ އާއި ރަށުގެ ހޮޅުއަށީގައި އެދަނީ ޖޯކު ޖަހަމުންނެވެ. މަލާމާތް ކުރަމުންނެވެ.
މުއިއްޒުގެ މިފަހަރުގެ ރެކޯޑާ ގުޅޭ ގޮތުން ރައީސް އޮފީހުން ސެޓުކުރީ އެ ދަތުރުތަކަކީ "މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެއް" ގޮތަށެވެ. މީގެ ކުރިން ރަށްރަށުން މާލެއަށް ދަތުރުކޮށް، އެކި ވުޒާރާތަކާ ވަކިވަކީން ބައްދަލުކުރައްވައިގެން ދިގުލާ މަޝްވަރާތަކާއި، އެކި މަރުޙަލާތަކުގައި ޖަވާބު ނުލިބިވާ ސިޓީތަކަށް ޖަވާބު ހޯއްދެވުމުގެ ބަދަލުގައި، ސީދާ ރައީސްއާއެކު އެއް މޭޒެއްގައި މަޝްވަރާކޮށް ކުރިއަށް ގެންދެވުމުގެ ފުރުސަތު ފަހިވެ، ތަރައްގީގެ ދުވެލި ހަލުވިވެ، ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހިގެންދާކަން ރައީސް އޮފީހުން ބުނެފައިވެ އެވެ.
ނަމަވެސް އެ މަޝްވަރާތަކުގައި ތަކުރާރު ކުރަނީ އެއް ވައުދުތަކެވެ. ރެކޯޑު ހެއްދެވިއިރު ތަކުރާރުކޮށް ޒިޔާރަތް ކުރެއްވި ރަށްރަށުން ފެނިގެން ދިޔައީ އިންތިހާބަށް ކަޑަޖެހުމުގައި މިހާރު ވެސް ލަދެއް ނެތްކަމެވެ. ނޫސްތަކުގެ ސުރުހީގައި އެކަނި ބިންގާ އަޅައި، ބިނާކުރި އެފަދަ މަޝްރޫއުތަކުގައި، ވިސްނުމެއް ރޭވުމެއް ނެތެވެ. އެފަދަ މިސާލުތައް ތުރާކުނުން ފެށިގެން އައްޑުއާ ދެމެދުގެ ކޮންމެ ރަށަކުން ފެންނާން އެބަ ހުއްޓެވެ.
އެންމެ މިސާލެކެވެ؛ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި ހއ. އިހަވަންދޫ ކުނިގޮނޑު ސާފުކުރުން ވެމްކޯއާ ހަވާލުކުރި އެވެ. އެ ރަށުގައި ވެމްކޯގެ ހިދުމަތް ވެސް ނަމެއްގައި ތައާރަފުކޮށް މުވައްޒަފުން ވެސް ނެގި އެވެ. ނަމަވެސް އެއްވެސް ކަމެއް ފުރިހަމަ ނުކުރެވުނެވެ. އައްޑޫ ބްރިޖު ވެސް ދެ ޕާޓީއާ ހަވާލުކޮށްފި އެވެ. ކޮންމެ ދަތުރަކާ ދިމާކޮށް ރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ބިންގާއިރު، ބައެއް މަޝްރޫއުތަކަށް ހަރަދު ވަނީ ކިހާ ވަރެއްކަން ވެސް މުއްދަތެއް ވެސް ހާމައެއް ނުކުރެ އެވެ.
ކިތަންމެ ބައިވަރު ދަތުރެއް ކުރެއްވިޔަސް، ކަނޑުއަޑީގެ ޓަނަލާއި، ތިނަދޫ، ވިލިނގިލީ އެއާޕޯޓުގެ ހިޔާލީފޮލަ އާއި ތ. އަތޮޅުގެ ތިން އެއާޕޯޓާއި ށ. ގެ ހަތަރު އެއާޕޯޓަކީ ފެންހިފޭ ތަރައްގީގެ ޕްލޭނެއް ނެތްކަމުގެ ރަމްޒުތަކެކެވެ. މިފަދަ މިސާލުތައް ވެސް އަދި މުއިއްޒު ރިޔާސަތުގައި ހެއްދެވި ރެކޯޑުތައް ސުމާރެއް ނެތް މިންވަރަށް ލިސްޓު ކުރެވިދާނެ އެވެ. އެފަދަ ރެކޯޑުތަކުގެ ތެރޭގައި؛
- ޑޮލަރުގެ އަގު އެންމެ މައްޗަށް އުފުލިގެން ދިޔުމުގެ ރެކޯޑު
- ކާބޯތަކެތީގެ އަގު އެންމެ ބޮޑަށް އުފުލިގެން ދިޔުމުގެ ރެކޯޑު
- އަމިއްލަ ކުންފުނިތައް ބާކީކޮށް، މަޝްރޫއުތައް ސަރުކާރުގެ ކުންފުނިތަކަށް ހަވާލުކުރުމުގެ ރެކޯޑު
- އަމިއްލަ ވިޔަފާރިތަކުގެ އެންމެ ބިލް އަދާނުކުރުމުގެ ރެކޯޑު
- ފޮތް ލިސްޓުގެ ވައުޗަރަށް ފައިސާ ނުދެއްކުމުގެ ރެކޯޑު. (މި އަަހަރު ފިޔަވައި ކޮންމެ އަހަރެއްގައި ވެސް ފޮތް ލިސްޓު ވައުޗަރުގެ ފައިސާ ބަރާބަރަށް ދައްކާ ކަމަށް ބުކްޝޮޕްތަކުން ބުނެފައިވޭ)
- ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް މެޝިން ބެހެއްޓުމުގެ ރެކޯޑު
- ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށުމުގެ ރެކޯޑު
- ރަށްރަށުގައި ޕާސްޕޯޓު ހެއްދުން ފެށި ކަމަށް ބުނެ އޮޅުވައިލުމުގެ ރެކޯޑު
- ދައުލަތުގެ އެންމެ ބޮޑު ބަޖެޓުގެ ރެކޯޑު
- ބޮޑު މަޝްރޫއެއް ނުފެށި ބަޖެޓު ހުސްކޮށްލުމުގެ ރެކޯޑު
- ބަޖެޓު ނުކޮށް ބޮޑު އަގެއްގައި އަލަށް އަޝްކަރީ ޑްރޯން ގެނައުމުގެ ރެކޯޑު
- ގިނަ ވައުދުތަކެއް ނުފެއްދުމުގެ ރެކޯޑު
- ތާރީހުގައި ވެސް އެންމެ ގިނަ ސިޔާސީ މުވައްޒިފުން އައްޔަން ކުރެއްވުމުގެ ރެކޯޑު
- ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތަށް އެންމެ ބޮޑު ހޭދައެއް ކުރުމުގެ ރެކޯޑު
- ގާނޫނުއަސާސީ ބަދަލުކޮށް މަޖިލީހުގެ އެންމެ ގިނަ މެންބަރުން ކޮންޓްރޯލުކުރުމުގެ ރެކޯޑު
- މަޖިލީހުގެ މެންބަރުންނަށް 50،000 ރުފިޔާގެ ރިޝްވަތު ދިނުމުގެ ރެކޯޑު
- އެންމެ ގިނަ ސްކޭމުތަކުގައި ޖެހުމުގެ ރެކޯޑު
- މައްސަލައެއް ކުރިއަށް ގެންދަން ނިންމުމުން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކުރުމުގެ ރެކޯޑު
- އެންމެ ގިނަ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ރެކޯޑު
- ވަލު ދޮރުއަށިން ފައިސާ ޗާޕްކުރަން އުޅުމުގެ ރެކޯޑު
- ބޯހިޔާވެހިކަމުގެ ބަޖެޓުން އެންމެ ގާބުރިއެއް ވެސް ނުބޭއްވުނުރެކޯޑު
- އެންމެ އަގުބޮޑުކޮށް ލިފްޓު ހަރުކުރުމުގެ ރެކޯޑު
- ޓެކްސް ބޮޑުކުރުމުގެ ރެކޯޑު
- ސިނގިރޭޓުގެ ޓެކްސް ބޮޑުކޮށް، އާމްދަނީ ދަށްވުމުގެ ރެކޯޑު
- ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގެ ދެ ބޯޑަރު ފޫވެއްޓިގެން ދިޔުމުގެ ރެކޯޑު
- އެންމެ ގިނަ މައްސަލަތައް އޭސީސީގައި އޮތް ރައީސްގެ ރެކޯޑު
- ކަޅުބިލަ މަހުގެ އަގު އެންމެ ދަށްކުރުމުގެ ރެކޯޑު
- އެންމެ ގިނަ އަދަދަކަށް ޑޮކްޓަރީ ބޭސް ލިބުމަށް ދަތިވުމުގެ ރެކޯޑު
- އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު
- އެއް މަޝްރޫއުއެއް ގިނަ ބަޔަކަށް ހަވާލުކުރުމުގެ ރެކޯޑު
- ބުނާ ތާރީހަށް ކަމެއް ފެށުމާއި ނުނިމުގެ ރެކޯޑު
- އެންމެ ގިނައިން އުނބަށް ޖެހުމުގެ ރެކޯޑު
- ބޮޑު ބަނދަރެއް ކުޑަކުޑަ ހައިމާކަކުން ފެށުމުގެ ރެކޯޑު
- ސޮނިކް ވެޕަން ބޭނުންކުރުމުގެ ރެކޯޑު
- އެންމެ ގިނައިން އާ ރަށަށް ޒިޔާރަތް ކުރުމުގެ ރެކޯޑު
- ދިވެހިން ލަދު ގަންނުވާލި ރެކޯޑު
- ފުޓުބޯޅަ ދަނޑެއްގައި އެންމެ ދުރަށް ބޫޓު ކިބަ ހޫރިގެން ދިޔަ ރައީސްގެ ރެކޯޑު
- ވިޔަފާރިވެރިންނަކީ މާފިޔާ ކަމަށް ބުނެ ބިރު ދެއްކުމުގެ ރެކޯޑު
- އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ ރެކޯޑު
- އެއް ފަހަރާ ތިން މިނިސްޓްރީއެއް އަނދައި ހުލިވި ރެކޯޑު.
- އެންމެ ގިނަ ސިނގިރޭޓު ވަގަށް އެތެރެކުރުމުގެ ރެކޯޑު
- އަންހެނުނަށް ޓާގެޓުކޮށްގެން ފުރައްސާރަކުރުމުގެ ރެކޯޑު
- އެމްބަސީތަކުގައި އެންމެ ގިނަ މުވައްޒަފުން އައްޔަންކުރުމުގެ ރެކޯޑު
- ޗައިނާ ކުންފުނިތަކުން ފައިސާ ނެގި ކަމަށް އެއްބަސްވި ރެއީސްގެ ރެކޯޑު
- އެންމެ ގިނަ ވައުދުވި ރައީސްގެ ރެކޯޑު
- ޕާޓީއަށް މެންބަރުން އިތުރުކުރަން އެންމެ ގިނަ ވަގުފޯމު ފުރުމުގެ ރެކޯޑު
- އެއްވެއުޅުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރި ރެކޯޑު
- މައުލޫމާތު ހާމަކުރަން ފެށި ޕްރޮގްރާމުތައް އެންމެ ގިނައިން ފެއިލްވި ރެކޯޑު
- އިޒްރޭލާ ދެކޮޅު ޝިއާރެއް ފާޅުކުރުން ކުށަކަށް ބެލުމުގެ ރެކޯޑު
- ފޮޓޯ ނެގުން ކުށަކަށް ހެދި ރެކޯޑު
- މައުލޫމާތު ހާމަނުކުރުމުގެ ރެކޯޑު
- އެންމެ ގިނަ ޕްރިންސިޕަލުންގެ ކޯޓު ބޭލުވުމުގެ ރެކޯޑު
މި ބާބުގައި ހިމެނިދާނެ ރެކޯޑުތައް ބައިވަރު އެބަ ހުއްޓެވެ. (ތިޔަ ފަރާތުގެ ގަބޫލު ކުރެވޭ ރެކޯޑެއް ނަމަ، މި ލިޔުމުގެ ކޮމެންޓެއްގެ ގޮތުގައި ހިއްސާކޮށްދޭށެވެ.)
--
ވެރިޔެއްގެ ލީޑަޝިޕާއި ކާމިޔާބީ މިންކުރާނީ ދަތުރުތަކުގެ އަދަދަކުން ނޫނެވެ. ރައްޔިތުންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށާއި، ހިންގުމާއި މުއައްސަސާތައް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްތަކާއި ގާނޫނުއަސާސީ ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގެ އާރުލާ މިންވަރުގެ މައްޗަށެވެ. ދަތުރުގައި އަޅާ ބިންގަލުންނާއި ފަށާ މަޝްރޫއުތަކުން ފެންނަނީ، ހާމަކަމެއް ނެތި ދައުލަތުގެ މާލިއްޔާ ތަޅައި ބުރުއްސުމާއި، ހިޔާނާތަށް މަގު ކޮށާފައިވާ މިންވަރެވެ.












