2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި ހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު، އެ ބަޖެޓު ވެގެންދާނީ މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަކުގެ ބާކީ ހުރި މަޝްރުއުތައް ފެށޭ ބަޖެޓަކަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން އޮޅުވެލިފުށި ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ މި ސަރުކާރުން ވައުދުވި ހުރިހާ މަޝްރޫއުތައް ފެށޭ ގޮތަށް ޖާގަ ހަމަޖައްސައި، ރައްޔިތުންނަށް ހިދުމަތްތައް ދޭން ފަހިވާގޮތަށް ހުށަހަޅާ ބަޖެޓަކަށް ކަމަށެވެ.
"އަޅުގަނޑު ވެފައި ހުރި ވައުދުތަކުގެ ތެރެއިން މި އަހަރު އަމަލީގޮތުން ސޮއިކުރެވި މަސައްކަތް ފެށުނު މަޝްރޫއުތަކުގެ އިތުރަށް ދެން ހުރި ވައުދުތައް ފުއްދަން ބެނުންވާ ހުރިހާ މަޝްރޫއަކަށް މި އަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ޖާގަ ހަމަޖައްސާފައި ބަޖެޓު މި ހުށަހަޅަނީ،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިން އޮންނާނެ އިއުލާންކޮށްފައި ދެ އަހަރަށް ބަހާލައިގެން ވައުދުތައް އަމަލީ ގޮތުން ފުއްދުމުގެ މަސައްކަތްތައް ތާވަލުކޮށްފައި މިއޮތީ. އެހެންވީމަ މި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓު ވެގެންދާނީ އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދުތަކުގެ ދެން ބާކީ ހުރި މަޝްރޫއުތައް ފެށޭ ބަޖެޓަކަށް. އަދި އޭގެ އިތުރަށް ހަމަ އިތުރު ކަންކަން ވެސް ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގެ ގޮތުން ފަހިވާގޮތަށް ބަޖެޓް މި ހުށަހަޅަނީ،"
މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން އަންނަ އަހަރު ރަށްރަށުގެ ކައުންސިލްތަކަށް ދޭ ބަޖެޓް ބޮޑުކުރާނީ ކައުންސިލްތަކުން ރަށްރަށުގެ އިޖުތިމާއީ ކަންކަމަށް ހޭދަކުރަން ލާޒިމުކުރާ ގޮތަށް ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ވަރަށް ގިނަ އެހީތެރިކަން ދެވޭނެ ގޮތަށް އިތުރުވެގެންދާ ބަޖެޓަކަށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އެކި ގޮތްގޮތުން އެހީތެރިކަން ކައުންސިލުން ދޭން ޖެހޭ ފަރާތްތައް ތިބޭނެ. އެހެންވީމަ އެފަދަ ފަރާތްތަކަށް ދޭން ޖެހޭ ކެއާ، އެބޭނުންވާ އެހީތެރިކަން ކައުންސިލް މެދުވެރިކޮށް ދެވޭނެ ގޮތަށް މިދެންނެވިހެން އަތޮޅު ކައުންސިލްތައް އުވާލީމަ މި ލިބޭ ފައިސާ ރަށު ކައުންސިލްތަކަށް ބަހާލައިގެން ދޭން ޗެނެލްކުރެވޭ ގޮތަށް މަޖުބޫރުވާ ގޮތަށް މި ބަހާލެވޭ ގޮތަށް މި ހަމަޖައްސަނީ،" މުއިއްޒު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްތައް އުވާލައި ރަށު ކައުންސިލްތަކަށް ބްލޮކް ގްރާންޓް ބޮޑުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އަތޮޅު ކައުންސިލްތައް އުވާލަން ގިނަ ބަޔަކު ދަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން އެ ސިޔާސަތާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އަތޮޅު ކައުންސިލްތައް އުވާލައިފި ނަމަ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ކުއްލިއަކަށް އަންނާނެ އެވެ. އަތޮޅު ކައުންސިލްތަކަކީ ޒަމާނުއްސުރެ ވެސް ދައުލަތުގެ އިދާރީ ހިންގުމުގައި އެކުލަވާލާފައިވާ އަދި މުހިންމު ދައުރެއް އަދާކުރި އަދި ބާރުވެސް ދީފައި އޮތް މުއައްސަސާއެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މި ހަފްތާ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، ބަޖެޓް ހުށަހަޅާނެ ސީދާ ތާރީހެއް ނޭގެ އެވެ.












