ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރިކަން މުއިއްޒު އިއުލާނުކުރައްވައިފި

ރައީސް މުހައްމަދު މުއިއްޒު ފުލުހުންނާއި އެކު މި އަހަރުގެ ތެރޭ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ފުލުހުންނާއި އެކު މި އަހަރުގެ ތެރޭ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

ލ. ގަމުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިއްޔެ ރ. ރަސްގެތީމުގައި ފުލުހުންގެ ހިދުމަތް ދޭން ފެށުމާއެކު ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މިކަން ފާހަގަކޮށް، މުއިއްޒު އަށް މަރުހަބާ އާއި ޝުކުރު ދަންނަވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ރޭ ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.

ރޭގެ ވާހަކައިގައި މުއިއްޒު ވިދާޅުވީ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރަން ވައުދުވި މުއްދަތަކީ މި އަހަރުގެ ނިޔަލަށް ކަމަށާއި އެކަން މި ނިމުނީ އެ މުއްދަތުގެ ދެ މަސްދުވަސް ކުރިން ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު، 66 ރަށެއްގައި ފުލުހުން ގާއިމުވެ ނުތިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ 66 ރަށަށް އޭރުގަ ޖެހެނީ ކައިރި އެހެން ރަށަކުން ޓީމެއް އަންނަން ބޭނުން ޖެހިއްޖިއްޔާ. އެހެންވީމަ އެ ރަށެއްގެ ރައްޔިތުން އުޅެން ޖެހެނީ ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އެފަދަ ހާލެއްގަ. ކޮންމެ ފަދަ ކަމެއް ދިމާވިޔަސް،" މުއިއްޒު ރޭ ވިދާޅުވި އެވެ.

މީގެ އިތުރުން، މި ވެރިކަން ފެށުނުއިރު ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ހިދުމަތް ދެނީ 17 ރަށެއްގައިކަން މުއިއްޒު ރޭ ފާހަގަކުރެއްވި އެވެ. އެ ނަމްބަރަށް ބަދަލެއް ނައި ނަމަވެސް، މިހާރު 63 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ނަމްބަރުތަކުގެ ތެރޭގައި ނުހިމެނޭ 36 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ހަވާލުކުރެވިފައިވާނެ ކަމަށާއި އޭގެ އިތުރަށް 39 ރަށުގެ މަސައްކަތް މި މަހުގެ ތެރޭ ހަވާލުކުރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މާނައަކީ 138 ރަށުގައި، މި އަހަރު ނިމޭއިރުގައި، ފުލުހުންގެ އިމާރާތް އެޅުމުގެ އާ މަޝްރޫއުތައް ހިނގަމުންދާނެއޭ. މި ދައުރު ނިމޭއިރު، އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެން ފެށިއިރު އެންމެ 17 ރަށުގަ ފުލުހުންގެ ހިދުމަތް ދޭ އަމިއްލަ އިމާރާތް ހުރި ހުރުން ބަދަލުކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގަ ފުލުހުންގެ އަމިއްލަ އިމާރާތުގައި ދެވޭ ހިސާބަށް ގެންދިޔުން،" ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox