ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ދުނިޔޭގެ ހުރިހާ ބައްރަކުން ފްލައިޓުތައް ކެނޑި ނޭޅި ދަނީ ޖައްސަމުންނެވެ. ކައްދޫގައި ޓޫރިސްޓު ހޮޓާތަކެވެ. ޓޫރިސްޓުން ގޮވައިގެން ފޮނަދޫގެ ޗާލު މަގުތަކުން ދުއްވާފައި އެދަނީ އެރަށުގެ ފަޅުގައި ހަދާފައިވާ "އަރާފާ ބީޗް އެންޑް ސްޕާ" ރިސޯޓަށެވެ.
އަނެއް ބަޔަކު ލަގްޒަރީ ލޯންޗުތަކުގައި ބަރެސްދޫ އަށެވެ. ދުނިޔޭގެ ކަންކޮޅުތަކުގެ ދަރިވަރުން ހުޅިމެންދޫ ހޮޓެލް ސްކޫލް ރިސޯޓުގައި ކިޔަވަމުންދެ އެވެ. ގާދޫ އިންޓަނޭޝަނަލް ޓްރާންޝިޕްމެންޓު ބަނދަރުގައި އާގު ބޯޓުފަހަރެވެ.
މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުހައްމަދު މުއިއްޒު ކުރައްސަވާލި ފޮނަދޫ ތަސްވީރުގެ ހަގީގަތަކަށް ވެއްޖެ ނަމަ އެރަށް އެރަށް އޮންނާނެ ގޮތުގެ ހިޔާލެކެވެ. ނަމަވެސް އެ މަންޒަރުތައް ކުލަވާނެ ކަމުގެ ކޮޅުމައްޗެއް ވެސް އަދި ނުފެނެ އެވެ.

ލ. ފޮނަދޫ އަދި ކޯޒްވޭއަކުން ގުޅިފައިވާ ކައްދޫ އެއާޕޯޓު. -- ފޮޓޯ: އަދަދު
ރިޔާސީ ވައުދުތައް
- ސްޕޯޓްސް ކޮމްޕްލެކްސް (ނުފަށާ)
- ރަނގަޅު ފެންވަރުގެ ބޮޑު ބަނދަރެއް (ނުފަށާ)
- ހުރިހާ މަގެއްގައި ތާރު އެޅުން (ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި ފެށި 8 މަގުގެ މަސައްކަތް ކުރިއަށް އެބަދޭ. އާ މަގެއްގެ މަސައްކަތް ނުފެށޭ، އެކަމަކު އިތުރު 20 މަގެއްގެ މަސައްކަތް ކުރާނޭކަން އިއުލާނު ކުރި.)
- މައިސް ޓޫރިޒަމް ތަރައްގީކުރުމުގެ ތެރެއިން ރަށުގައި ކޮންވެންޝަން ސެންޓަރެއް (އެއްކަމެއް ވެސް ނުހިނގާ)
- އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް (ނުފަށާ)
- ޓާޝަރީ ހޮސްޕިޓަލެއް ހެދުން (ނުފަށާ)
- ބިން ބޮޑުކުރުން (ނުފަށާ)
- އެމްއެންޔޫގެ ކެމްޕަހެއް، އަދި ލޭންގުއޭޗު ސެންޓަރެއް (ނުފަށާ)
- އެމްއައިޔޫގެ ކެމްޕަހެއް (ބޯޑެއް ހުރޭ، ގްރުއާން ކޯހެއް ހިންގި، އެކަމަކު އެ ކޯހުގެ ސެޓްފިކެޓެއް ނުދޭ ކަމަށް ކޯހުގެ ބައިވެރިން ބުނި)
- ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް (ނުފަށާ)
- ކޯޒްވޭއަކުން ފޮނަދޫ އާއި ރިސޯޓާއި ގާދޫ ގުޅާލުން (ނުފަށާ)
- ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް (ދެ ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރިއަށް އެބަދޭ، އެއް ދަނޑު ނިމެން ކައިރިވެފައި. އަނެއް ދަނޑުގެ މަސއްކަތް ހުއްޓިފައި)
- ބަރެސްދޫ މަޝްރޫއު ނިންމުން (ކުރިން ވެސް އޮތް މިންވަރުގައި ހުއްޓިފައި، އަލަށް އެއްވެސް ކަމެއް ނުކުރޭ)
- ހޮޓެލް ސްކޫލެއް ހިންގޭ ގޮތަށް ހުޅިމެންދޫގައި ރިސޯޓެއް ތަރައްގީކުރުން (އެމްއެންޔޫއާއެކު ސޮއިކުރި، މަސައްކަތް ނުފަށާ)
- ފޮނަދޫ އައި ގާދޫއާ ދެމެދުގެ ފަޅު ހިއްކައިގެން ރިސޯޓެއް ހެދުން (ނުފަށާ، ހަވާލެއް ވެސް ނުކުރޭ)
- ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުން (ނުފަށާ)
- ގާދޫގައި ޓްރާންޝިޕްމަންޓު ބަނދަރާއި ބަންކަރިންގެ މަޝްރޫއުއެއް ފެށުން (ޗައިނާ ބަޔަކާއެކު އެމްއޯޔޫއެއް ހެދި، މިހާރު ވާނުވާގައި)
- ސަރުކާރުގެ އޮފީސްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް އޮފީސް ކޮމްޕްލެކްސްއެއް އެޅުން (ނުފަށާ)
- ކައްދޫގައި ޓޫރިސްޓު ފެސިލިޓީއެއް ހެދުން (ނުފަށާ)
މުއިއްޒު އެންމެ ގިނަ ވައުދުވި އެއް ރަށަކަށް ފޮނަދޫ ވާނެ އެވެ. އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން އުޅޭ، 160 ހެކްޓަރުގެ އެރަށަށް ވެވަޑައިގެންނެވި ވައުދުތަކަކީ އާންމު ދުވެލީގައި ގަރުނުތަކަކުން ވެސް ނުގެނެވޭނެ ތަރައްގީ އެވެ.
މިވަރު އަރުވާލުމުގައި މިހާރު މީހުންގެ ހަނދާނުގައި ނެތް ކަމެއް އެބަ އޮތެވެ. މުއިއްޒު، މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު ދެކެވަޑައިގަންނަވަމުން ގެންދެވި ރިޔާސީ ހުވަފެންތަކުގައި ކުލަ ޖެހިގެން ދިޔައީ ޕީޕީއެމް/ޕީއެންސީ ހިންގެވުމާ އޭރު ހަވާލުވެ ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "ހިކުމަތުން" ނެވެ. އޭގެ ތަފުސީލުތަކަށް މި ލިޔުމުގައި ދިޔުމުގެ ބޭނުމެއް ނެތެވެ. އަބްދުއްރަހީމް އަބްދުﷲ ގެ ފޯމިއުލާއެއް އަޅުގަނޑަކަށް ހަމަ ހިލާ ނުހޯދޭނެ އެވެ.

އަބްދުއްރަހީމް އަށް ސީނިއާ މިނިސްޓަރުކަން ދެއްވައި ފަތްކޮޅު އެރުވުމަށް ފަހު، ރައީސް މުއިއްޒު ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
މުއިއްޒުއަށް އަބްދުއްރަހީމް އަބްދުﷲ ގެ އެހީތެރިކަން ލިބުމުގެ ނަތީޖާއަކަށްވީ ރިޔާސީ ކެމްޕޭނުން ފެށިގެން އިންތިހާބު ކާމިޔާބުކޮށް، ސިޔާސީ ބާރު މުށުތެރެއަށް ލެވެންދެން މުއިއްޒުގެ އަރިހުގައި ގަދަކޮށް ހުންނެވުމުގެ ނަސީބު ހިނދުކޮޅަކަށް ވިޔަސް ލިބިވަޑައިގަތުމެވެ. އޭނާއަކީ ސީނިއާ މިނިސްޓަރެވެ. ޕާޓީގެ ބާރުގަދަ ރައީސް އެވެ. ވަޒީފާތައް ދިނުމުގެ ދައުރު އެހާމެ ބޮޑެވެ. ޕްރޮޖެކްޓުތައް ކަނޑައެޅުމުގައި ވެސް ނުފޫޒު އޮތެވެ. އަބްދުއްރަހީމްގެ އުފަން ރަށް، ފޮނަދުއަށް ކުރަހާލި ތަސްވީރާއި އޮއްސާލި މަޝްރޫއުތައް އެކަމުގެ ހެއްކަކަށް ފުދެ އެވެ.
ނަމަވެސް މި ތަސްވީރު ކުލަވާނެ ކަމަށް ފޮނަދޫން ވެސް މިހާރު ގަބޫލެއް ނުކުރެ އެވެ.
"މިރަށުގައި މައިގަނޑު ގޮތެއްގައި ހިނގަމުން ދަނީ ހަމައެކަނި މަގު ހެދުން. އެއީ ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަދަން ފެށި 8 މަގުގެ މަސައްކަތް،" އެ ރަށުން ވާހަަކަ ދެއްކި މީހަކު ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ގާދޫ ޓްރާންސްޝިޕްމަންޓު ބަނދަރާއި ކައްދޫ އެއަޕޯޓު އިންޓަނޭޝަނަލް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރި އެވެ. ނަަމަަވެސް އެއީ ހަމައެކަނި ފޮޓޯ ނެގުމަށާއި ނޫސްތަކުން ސުރުހީ ބިނާކުރި މަޝްރޫއުތަކެކެވެ.
"އޭގެ އެއްވެސް ކަމެއް ވީއަކީ ނޫން. ދެން ވާނެ ކަމަށް ވެސް އުއްމީދެއް ނެތް،" ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި، ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު ބުންޏެވެ.
ރައީސް މުއިއްޒު ފޮނަދޫ އާއި ލ. އަތޮޅަށް މި މަހު ވަޑައިގަންނަވާއިރު، އަބްދުއްރަހީމް އާއި އޭނާގެ ދޮށީ ދަރިކަލުން، ކުރީގެ ޓޫރިޒަމް މިނިސްޓަރު ފައިސަލަށް އޮތީ ފެން ކައްކާ ބޮލީގެ އިއްޒަތެވެ. ބޭނުން ކެނޑުމުން ދުރުކޮށްލި އެވެ. މުއިއްޒުގެ މުށުތެރެއަށް ބާރުތައް ޖަމާވުމުން، އަބްދުއްރަހީމް އަތުން ޕާޓީ ހިންގުމުގެ ބާރު ވެސް އަތުލި އެވެ. ސިޔާސީ ހަރަކާތްތަކުން ވެސް ދުރުކޮށްލީ އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތައް ހިމެނޭ ފޮތް ވެސް ނެރެދެއްވީ އޭރު ޓްރާންސިޝަނަލް ކޮމިޓީގެ ޑިރެކްޓަރ ޖެނެރަލް އަކަށް ހުންނެވި އަބްދުއްރަހީމް. -- ފޮޓޯ: އަދަދު
ފޮނަދޫގެ ތަރައްގީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދުށް ހުވަފެނެވެ. އެ މަޝްރޫއުތަކުގައި ސަރުކާރުގެ ސިއްކަޖެހީ ވެސް އަބްދުއްރަހީމް އަބްދުﷲގެ ސިޔާސީ ނުފޫޒު ގަދަކަމުންކަން ފޮނަދޫގެ ރައްޔިތުން ދަންނާނެ އެވެ. އެހެންވެ، އެ މަޝްރޫއުތައް ހަގީގަތަކަށް ވެއްޖެނަމަ އޭގެ ރީތި ނަމުން އަބްދުއްރަހީމް އަބްދުﷲ ބާކީ ކުރެވޭނޭ އެއްވެސް ގޮތެއް ނޯންނާނޭކަން ވެސް ރައީސް މުއިއްޒުއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.
އަބްދުއްރަހީމްގެ ސިޔާސީ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ފުރުސަތު ނުދިން ރައީސެއްގެ ރިޔާސަތުގައި، އަބްދުއްރަހީމްގެ ބާރު ފޮނަދޫގައި ގަދަވެދާނެ ގޮތަށް ކަންކަން ވާނެތަން ނުފެނެ އެވެ. އެހެންވެ، ފޮނަދޫ ރައްޔިތުންނަށް ދެއްކި ތަސްވީރު ކުލަވުން އޮތީ ދުރު ކަމެއްގެ ގޮތުގަ އެވެ.












