ލަންޑަން (އޮކްޓޫބަރު 4) - މެޗުގެ ފަހުކޮޅު ޖެހި ތިން ގޯލުން ފަހަތުން އަރައި، 3-1 އިން ފުލަމް ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ ދެ ވަނަ އަށް ބޯންމައުތުން ޖެހިލައިފި އެވެ.
އެއް ވަނައިގައި އޮތް ލިވަޕޫލަށް ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަަަނައިގައި ބޯންމައުތު އޮތީ ހަތް މެޗުން 14 ޕޮއިންޓާ އެކު އެވެ. ތިން ވަަނައިގައި އޮތް އާސެނަލަށް ހަ މެޗުން 13 ޕޮއިންޓް ވަނީ ލިބިފަ އެވެ.
ރޭ ކުޅުނު މެޗުގެ 70 ވަނަ މިނިޓްގައި، ފުލަމް އިން ލީޑުނެގީ ސެމުއެލް ޗުކުވޭޒީ ދިން ބޯޅައަކުން ރަޔާން ސެސެންޔޯން ޖެހި ގޯލުންނެވެ. ފުލަމް އަށް ލީޑުގައި އޮވެވުނީ އަށް މިނިޓެވެެ. ހަނި އޭންގަލުން، ބޯންމައުތުގެ އަންޓުއާން ސެމެންޔޯ ވަނީ ގޯލު ޖަހައި، މެޗުގެ 78 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ.
ބޯންމައުތުން ލީޑުނެގީ 84 ވަނަ މިނިޓްގައި ޖަސްޓިން ކްލައިވަޓް ޖެހި ގޯލުންނެވެ. މިއީ، ސެމެންޔޯ ދިން ބޯޅައެއް ހިފައިގެން އައިސް، އޭރިއާބޭރުން ފޮނުވާލި ޝޮޓެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ކްލައިވަޓް ޖެހި ގޯލެކެވެ. އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި، ސެެމެންޔޯ ވަނީ އިތުރު ގޯލެއް ޖަހައި، ބޯންމައުތަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.
މެޗަށް ފަހު، ބޯންމައުތުގެ ކޯޗު އަންޑޯނީ އިރައޯލާ ވަނީ އެ ޓީމުން މެޗުގެ ނަތީޖާ އަނބުރާލަން ކުރި ޕްރޮފެޝަނަލް މަސައްކަތަށް ތައުރީފުކޮށްފަ އެވެ.












