އުމުރުން 65 އަހަރު ފުރުމުން ދައުލަތުގެ ވަޒީފާއިން މުސްކުޅި ކުރާ ފަރާތްތަކަށް ވެސް ރީއެމްޕްލޯއީމެންޓު އުސޫލެއްގެ ދަށުން އަލުން ދައުލަތުގެ އިދާރާތަކުން ވަޒީފާ ލިބޭގޮތް ހެދުމަށާއި އެގޮތަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތައް ބަޔާން ކުރާ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު، ހަނާން މުހައްމަދު ރަޝީދު އެވެ. އެ ބިލު ގާނޫނަކަށް ވުމުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރަމުން ދަނިކޮށް އުމުރުން 65 އަހަރު ފުރޭ މީހުންނަށް އެމީހުންގެ އުމުރުން 75 އަހަރު ފުރުމާ ހަމައަށް ދައުލަތުގެ އިދާރާތަކުގައި އަލުން ވަޒީފާ އަދާކުރެވޭނެ އެވެ.
އެ ބިލުގައި ވާގޮތުން ދައުލަތުގެ ވަޒީފާއެއް އަދާކުރާ މީހެއް ކަމަށް ބަލާނީ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ދައުލަތުގެ އިދާރާއެއްގައި ވަޒީފާ އަދާކުރާ ފަރާތްތަކެވެ. އޭގެތެރޭގައި ކޮންޓްރެކްޓު އުސޫލުން ވަޒީފާ އަދާކުރާ މީހުން ނުހިމެނޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެ ބިލު ގާނޫނަކަށްވީ ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންގެ އިތުރުން ގަނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އައްޔަނުކުރާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެ ގާނޫނެއް ނުހިނގާނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.
އެ ބިލުގައި ބަޔާންކޮށްފައިވާ އުސޫލުން ވަޒީފާ ދެވޭނީ:

- ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ މީހުންގެ ތެރެއިން އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގައި އެމީހަކު އެ އަދާކުރަމުންދާ ވަޒީފާގައި ދެމިހުންނަން ބޭނުންވާ މީހުން
- ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ މީހުންގެ ތެރެއިން އެ ބިލު ގާނޫނަކަށްވުމުގެ ހަތް އަހަރު ކުރިން 65 އަހަރު ފުރުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ މީހުން
އޭގެތެރެއިން ދައުލަތުގެ ވަޒީފާ މިހާރު އަދާކުރަމުންދާ މީހުން، ރީއެމްޕްލޯއީމެންޓް އުސޫލުގެ ދަށުން ވަޒީފާ އަދާކުރަން ބޭނުންނަމަ އެ މީހެއްގެ އުމުރުން 65 އަހަރު ފުރުމުގެ ހަ މަސްދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެ އެވެ.
ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ މީހުންގެ ތެރެއިން އެ ބިލު ގާނޫނަކަށްވުމުގެ ހަތް އަހަރު ކުރިން 65 އަހަރު ފުރުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ މީހަކު ނަމަ މި ބިލު ގާނޫނަކަށްވާތާ ހަތަރު މަސްދުވަސް ހަމަވުމުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެ އެވެ.
ރީއެމްޕްލޯއީމެންޓް އުސޫލުން ވަޒީފާ ދޭނީ އަހަރުން އަހަރަށް އާކުރާ 12 މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތަށް ހަމަޖައްސާއިރު 65 އަހަރުވީއިރު، އެ މީހަކު އަދާކުރަމުންދިޔަ މަގާމަށް ވެސް ނުވަތަ އެހެން މަގާމަކަށް ވެސް ބަދަލު ކުރެވިދާނެ ކަމަށް އެ ބިލުގައި ލިޔެފައިވެ އެވެ.
ރީއެމްޕްލޯއީމެންޓް އުސޫލުން ވަޒީފާ އަދާކުރާ މީހުންނަށް، އެމީހުން ވަޒީފާ އަދާކުރާ މުއްދަތުގައި އުމުރުން ދުވަސްވީ މީހުންނަށް ދޭ ޕެންޝަން ނުލިބޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.
އެ ބިލު ގާނޫނަކަށްވެއްޖެ ނަމަ އަމަލު ކުރަން ފަށާނީ ބިލު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރާތާ 30 ދުވަސްފަހުންނެވެ.












