ކަޒަކިސްތާނާއި މޮރިޝަސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ބޭފުޅުން އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ދެ ނަމެއް ފޮނުއްވައިފި އެވެ.
މިއަދު އޮތް މިއަހަރުގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވަނީ މުއިއްޒު ފޮނުއްވި ނަންތައް މަޖިލީހަށް އިއްވައިފަ އެވެ.
ކަޒަކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް އައްޔަނު ކުރަން ފެނޭތޯ ބެލުމަށް މަޖިލީހަށް ފޮނުއްވީ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ، މ. ބީނާފުށި ގެ ނަމެވެ.
މޮރިޝަސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް އައްޔަނު ކުރަން ފެނޭތޯ ބެލުމަށް މަޖިލީހަށް ފޮނުއްވީ ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްއޫދު އިމާދު، މ. ތުޅާގިރި ގެ ނަމެވެ.
އެ ދެ ބޭފުޅުންގެ ނަން ވެސް އިތުރަށް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާ ބެހެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.













