މާލޭގެ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހެދި މައްސަލަ ތާވަލުކުރި ސިޓީ ކައުންސިލްގެ ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލަރުން ވޯޓު ނުދިނުމުން މިއަދުގެ ސިޓީ ކައުންސިލް ބައްދަލުވުން ނިންމާލަން ޖެހިއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 214 ވަނަ ޖަލްސާގެ އެޖެންޑާގެ ފަސްވަނަ ނަންބަރެއްގެ ގޮތުގައި އޮތީ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ބަޔަކާ ހަވާލު ކުރި މައްސަލަ އެވެ.
ޖަލްސާ ފެށުމާއެކު ޕީއެންސީގެ ކައުންސިލަރަކު ހުށަހެޅުއްވީ އެ ނަންބަރު އެޖެންޑާއިން އުނިކުރުމަށް ފަހު ޖަލްސާ ކުރިއަށްގެންދިޔުމަށެވެ. ޖަލްސާގައި ވާހަކަ ދެއްކެވި ޕީއެންސީގެ މެންބަރުން ވަނީ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުން ކޮށްފައިވާ އެގްރީމެންޓަށް ގެނެވިފައިވާ ބަދަލުތަކާއި ގުޅޭގޮތުން އެ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް ކައުންސިލް ޖަލްސާއަށް ހާޒިރުކޮށް ސުވާލު ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ކަމުގެ ސަބަބެއްގެ ގޮތުގައި ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ދެއްކެވީ އަލީ ނަސީރަކީ ސިވިލް ސާވިސް މުވައްޒަފަކަށް ވުމާއި އޭނާގެ "ފަލީހަތް" ވުމުގެ ފުރުސަތު އޮތުމެވެ. އަދި އެ ނަންބަރު އެޖެންޑާގައި ހިމަނާފައި އޮތީ ބަޔަކު ގަސްތުގައި ރާވައިގެން ހެޑްލައިން ހެދުމަށް ކަމަށް ވެސް ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ތުހުމަތު ކުރެއްވި އެވެ.
ލީގަލް ސެކްޝަނުގެ ވެރިޔަކަށް ހުރި ނަސީރު ހުންނެވީ އަހަރީ ޗުއްޓީގައި ކަމަށް ވެސް މިއަދުގެ ޖަލްސާގައި ހާމަވެފައިވެ އެވެ.

ޖަލްސާގެ އެޖެންޑާއާ މެދު ބަހުސް ކުރުމަށް ފަހު ނެގި ވޯޓުގައި އެޖެންޑާ ފާސްކުރުމަށް ވޯޓު ދިނީ ހަތަރު ކައުންސިލަރުންނެވެ. ޕީއެންސީއަށް ނިސްބަތްވާ 11 ކައުންސިލަރުން ވޯޓު ދިނީ އެޖެންޑާ ފާސްކުރުމާ ދެކޮޅަށެވެ. އެހެންވެސް، މޭޔަރު އާދަމް އާޒިމް ޖަލްސާ ނިންމަވާލެއްވި އެވެ.
މީގެ ކުރިން އެ މައްސަލަ ތާވަލުކުރި ތިން ޖަލްސާއެއް ކޯރަމް ހަމަނުވެގެން ނިންމާލަން ޖެހުނެވެ. ކައުންސިލްގެ ކޯރަމަކީ ޕީއެންސީގެ ބާރުގައި އޮންނަ ކަމެކެވެ. މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.
މާލޭ މަސްމާރުކޭޓު ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައި ބަޔަކާ ހަވާލު ކޮށްފަ އެވެ.
ނަމަވެސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެ، މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވުމުގެ ކުރިން އެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާ މަސްމާރުކޭޓު އޮތީ ހަވާލު ކޮށްފަ އެވެ. ފަހުން ހަދާފައިވާ އެއްބަސްވުމުގެ އަގަކީ 9.5 މިލިއަން ޑޮލަރެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް އެވެ.
އެ ދެ އެއްބަސްވުމުގެ ތެރެއިން ސައްހަ އެއްބަސްވުމަކީ ކޮބައިކަން ނޭނގޭ ކަމަށް މީގެ ކުރިން ބޭއްވި މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވެފައިވެ އެވެ.












