ރ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ގާއިމުކޮށްފައި ނެތް ރަށްރަށުގައި ބެހެއްޓި އޭޓީއެމްތައް ހުޅުވަން އެ ބޭންކުގެ އިސްވެރިންނާއި ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު ވަޑައިގެންފި އެވެ.
މިއަދު ރ. އަތޮޅުގެ ނުވަ ރަށެއްގައި ބީއެމްއެލް ގެ އޭޓީއެމް ހުޅުވި އެވެ. އެ ރަށްތަކަކީ ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، ހުޅުދުއްފާރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، ފައިނު، ކިނޮޅަހެވެ.
މި އޭޓީއެމްތައް ހުޅުވަން މިނިސްޓަރު އާދަމް ޝަރީފުގެ އިތުރުން ބީއެމްއެލް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު، ޗެއާޕާސަން އަހުމަދު އަލީ ހަބީބު އަދި ބޭންކުގެ އެހެން އިސްވެރިން ރ. އަތޮޅަށް ވަޑައިގެންނެވި އެވެ.
މިކަމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ، މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމް ގާއިމްކުރި 16 ވަނަ އަތޮޅު ކަމަށެވެ.
މި ފަހުން ރަށްރަށުގައި ގާއިމުކުރި ބީއެމްއެލްގެ އޭޓީއެމްތައް ހުޅުވަން ވަޑައިގަންނަވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ބައެއް ރަށްރަށުގައި އޭޓީއެމް ހުޅުވުން ކަމަށް ބުނެ އާންމުންނާއި ސިޔާސީން ދަނީ ފާޑު ކިޔަމުންނެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާ މުއިއްޒު ވަނީ އޭޓީއެމް ހުޅުވުމަކީ އާދައިގެ ކުޑަކަމެއް ނޫން ކަމަށާއި އެކަމުން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ވާ ކަމަށް ވިދާޅުވެފަ އެވެ.
"އޭޓީއެމް ތަކަކީ ކުޑަކުޑަ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކުނު ނަމަވެސް، އެއީ އެކަމުގެ ނަފާ ލިބޭ ރަށްރަށުގަ ތިބޭ ރައްޔިތުންނަށް ވަރަށް ފަސާހެވާ ކަންކަން،" މުއިއްޒު ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން ރައްޔިތުންގެ އަތުން ކުރަމުންދިޔަ އެތައް ހަރަދެއް ސަލާމަތްވެ، ރައްޔިތުން ބާރުވެރިވެ، ރަށްރަށުގެ އިގުތިސޯދު ރަނގަޅުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.
އޭޓީއެމް އާއި ގުޅުވާ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް މުއިއްޒު މީގެ ކުރިން ރައްދު ދެއްވީ އޮގަސްޓު 25، ގައި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނެއްލައިދޫ ގައި ހުންނަވައިގެންނެވެ. އެ ދުވަހު ވެސް ވިދާޅުވީ އޭޓީއެމް ބެހެއްޓުމަކީ އާދައިގެ "ކުޑަ" ކަމެއް ނޫން ކަމަށެވެ.












