ވިޔަފާރިތަކުގެ ބޭނުމަށް ޔޫރޯ އާއި ޗައިނީސް ޔުއާން އިން ކުރާ ޓީޓީ މުއާމަލާތްތަކަށް ވެސް 50 ޕަސެންޓާއި ހަމައަށް ސަޕޯޓު ދޭން ނިންމާފައިވާ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޔޫރޯ އަދި ޔުއާނުން ކުރާ ޓީޓީ މުއާމަލާތްތަކުގެ 50 ޕަސެންޓާއި ހަމައަށް ބޭންކް ރޭޓުގައި ރުފިޔާއިން ފައިސާ ހަމަޖެއްސޭނެ ކަމަށެވެ. ޓީޓީ މުއާމަލާތަށް އަރާ އަދަދުގެ ބާކީ ބައި އެ ކަރަންސީއަކުން ނުވަތަ ޑޮލަރު އެ ކަރަންސީއަކަށް މާރުކޮށްގެން ހަމަޖައްސައިދޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
ޓީޓީތަކަށް 50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދޭނެ ކަމަށް ވެސް ބީއެމްއެލް އިން މީގެ ކުރިން ބުނެފައވެ އެވެ. ނަމަވެސް، ނިސްބަތަށް ޑޮލަރު ނުލިބޭ ކަމަށް ބުނެ ވިޔަފާރިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ.
އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ 2500 ޑޮލަރުން މަތީގެ އަދަދެއް ޓީޓީ ކުރާއިރު، 50 ޕަސެންޓު ނުލިބޭ ކަމަށެވެ. އަދި މިއީ މުދާ އެތެރެކުރާ ބަޔަކު އާންމުކޮށް ޓީޓީ ހަދާ އަދަދެއް ނޫން ކަމަށް އެ ވިޔަފާރިވެރިން ބުންޏެވެ.
"ޗައިނާއިން މި ހިސާބަށް 20 ފޫޓުގެ ކޮންޓެއިނަރެއް ގެންނަން އެކަނި 2800 ޑޮލަރު. ދެން މުދަލާ އެކީ ބަލަމާ މިސާލަކަށް 8000 ޑޮލަރު އަރާނެ. އޭގެ 50 ޕަސެންޓަކީ 4000 [ޑޮލަރު]، އެކަަމަކު ލިބެނީ 2400 ވަރަކަށް ޑޮލަރު ބޭންކުން،" ޗައިނާއިން ގިނަ ވައްތަރުތަކުގެ މުދާ އެތެރެކުރާ ވިޔަފާރިވެރިއަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.

ބީއެމްއެލްއިން މި އަހަރު ފެށުނު އިރު ޑޮލަރު ސަޕޯޓުގެ ގޮތުގައި ދެނީ ކުރާ މުއާމަލާތުގެ 10 ޕަސެންޓާ ހަމައަށެވެ. ނަމަވެސް ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުވެ، ބީއެމްއެލްއިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ދޭ މިންވަރު 30 ޕަސެންޓަށް މަތިކޮށްފަ އެވެ. އަދި މިހާރު 30 ޕަސެންޓާއި 50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދެމުން އަންނަ ކަމަށް ބީއެމްއެލްއިން ބުނެފައި ވެ އެވެ.
ޑޮލަރު ތާށިކަމުގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް ޑޮލަރު ގަންނަން ލިބެން ހުރި އާންމު ރޭޓު އުޅެނީ ޑޮލަރެއް 19.90ރ. އާއި 20.10ރ. އާ ދެމެދުގަ އެވެ. މިއީ ރަސްމީ ރޭޓަށް ވުރެ 4.68ރ. އާއި 4.48ރ. ބޮޑު އަދަދެކެވެ.











