ލިވަޕޫލް (ސެޕްޓެމްބަރު 27) - ލިވަޕޫލްގެ ޒުވާން ޑިފެންޑަރު، ޖިއޮވާނީ ލެއޯނީގެ ކަކުލަށް ސީރިއަސް އަނިޔާއެއް ދިމާވެ، އޭނާގެ ބަދަލުގައި، ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑަށް ފެޑެރީކޯ ކިއޭސާ ނަގައިފި އެވެ.
ޕާމާ އަށް 41 މިލިއަން ޑޮލަރު ދީފައި، ލިވަޕޫލުން ގެނައި 18 އަހަރުގެ ޑިފެންޑަރު، ލެއޯނީ އަށް އަނިޔާވީ ލީގު ކަޕްގައި ސައުތެމްޓަން އަތުން ލިވަޕޫލް މޮޅުވި މެޗުގަ އެވެ. އެ މެޗުގައި، ލެއޯނީގެ ކަކުލުގެ ލިގަމެންޓަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އޭނާ އަހަރަކަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވޭ ކަމަށް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ވަނީ ބުނެފަ އެވެ.
ލެއޯނީގެ މި އަނިޔާއާ އެކު، ޗެމްޕިއަންސް ލީގުގެ ސްކޮޑަށް ރަޖިސްޓްރީކުރި އެއް ޖާގައިގެ ބޭނުން ލިވަޕޫލަށް ނުކުރެވޭނެތީ، ކްލަބުން ވަނީ ޔުއެފާ އަށް ބަދަލު ގެންނަން ހުށަހަޅައިފަ އެވެ. ޔުއެފާ އިން ހުއްދަ ދޭން ނިންމުމުން، ލިވަޕޫލުން އެ ޖާގަ އަށް ނެގީ ފުރަތަމަ ސްކޮޑުން ބާކީވި ކިއޭސާ އެވެ.
މިދިޔަ ސީޒަން ފެއްޓުމުގެ ކުރިން، ކިއޭސާ، 28، ގަންނަން ލިވަޕޫލުން ޔުވެންޓަސް އަށް ފުރަތަމަ ފީގެ ގޮތުގައި، ދެއްކީ 13 މިލިއަން ޑޮލަރެވެ. އިތުރު، 2.5 މިިލިއަން ޑޮލަރު ދައްކާނީ ލިވަޕޫލްގައި ހާސިލްކުރާ ކަންތައްތަކަށް ބަލައިފަ އެވެ. މި ސީޒަން ފެއްޓުމުގެ ކުރިން، ކިއޭސާ، އެނބުރި އިޓާލިއަން ލީގުގެ ކްލަބަކަށް ދާ ވާހަކަ މީޑިއާގައި ދެކެވުނަސް، އޭނާ ނިންމީ ލިވަޕޫލްގައި މަޑުކުރާށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރު ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި، ބެންޗުން އަރައި އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހި ކިއޭސާ، ވަނީ އެންމެ ފަހުން ކުޅުނު ލީގު ކަޕް މެޗުގައި، ލިވަޕޫލުން ޖެހި ދެ ލަނޑަށް ވެސް ފުރުސަތު ތަނަވަސްކޮށްދީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.












