އައްޑޫ ސިޓީ ހިތަދޫގައި އަންހެނުންތަކެއް މެދުގައި ރޭ ހިންގި މާރާމާރީއެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާދީފި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ނިޝާޒާ އަބްދުﷲ އަދަދު އަށް ވިދާޅުވީ މާރާމާރީގައި އަނިޔާވި 20 އަހަރުގެ އަންހެނަކާއި 22 އަހަރުގެ އަންހެނަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
"ދެ މީހަކު ގެނައި. 20 އަހަރާއި 22 އަހަރުގެ. ކުދި އަނިޔާތަކެއް ލިބިފައިވަނީ. އޮބްޒަވޭޝަންގައި ވެސް ނުބާއްވާ ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައި،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ރޭ 22:45 ހާއިރު އެ މާރާމާރީގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ބައެއް އާންމުން ބުނަމުން ދަނީ އެ މާރާމާރީ ހިންގީ ހިތަދޫގައި އެޅުވި ފިލްމެއް ނިންމާލުމަށްފަހު ސިނަމާއިން ނިކުމެ އެވެ. އެކަމަކު މި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވޭ ގޮތެއް އަދި ނުވެ އެވެ.














