ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރައެއް ލިބުނު ނަމަވެސް ވަކިވަކި މެންބަރުންގެ ބޮލުގައި ޖުމްލަ 498 މިލިއަން ރުފިޔާގެ ލޯނު އޮތްކަން މެންބަރުންގެ މާލީ ބަޔާންތަކުން ހާމަވެއްޖެ އެވެ.
މިހާތަނަށް މާލީ ބަޔާން ހާމަނުކުރަނީ ފަސް މެންބަރެކެވެ. މާލީ ބަޔާންތަކުގައި މައުލޫމާތު ހިމަނާފައި ވަނީ މެއި 28، 2024، އިން ފެށިގެން މެއި 27، 2025، ގެ ނިޔަލަށް ހޭދަވި އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
މަޖިލިސް ވެބްސައިޓުން ފެންނަންހުރި 88 މެންބަރުންގެ ބަޔާނުގެ ތެރެއިން ގިނަ މެންބަރުންގެ ނަމުގައި އެކި ބޭންކުތަކުގައި ލޯނު އެބަހުއްޓެވެ. ބައެއް މެންބަރުންގެ ނަމުގައި އެތައް މިލިއަން ރުފިޔާއަކާއި އެތައް ހާސް ޑޮލަރެއްގެ ލޯނު އެބަހުއްޓެވެ.
ހުރިހާ މެންބަރުންގެ ނަމުގައި ލޯނުގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ ތެރޭގައި ހިމެނެނީ 165،743،295ރ. އާއި 21،531،593 ޑޮލަރެވެ. ބޭންކު ރޭޓަށް ބަލާނަމަ ޑޮލަރުން ހުރި ލޯނުތަކާއެކު ޖުމްލަ ލޯނުގެ އަދަދު 497،760،459ރ. އަށް އަރަ އެވެ.
މާލީ ބަޔާންތައް ހާމަކުރި މެންބަރުންނަށް އެއް އަހަރުގެ މުއްދަތުގައި މުސާރައިގެ ގޮތުގައި ލިބުނީ 91،776،667ރ. އެވެ. އެ މެންބަރުންގެ އެކައުންޓުތަކުގައި ހުރި ދިވެހި ފައިސާގެ އަދަދަކީ 16،428،307 އެވެ.

މާލީ ބަޔާންތަކަށް ބަލާއިރު ގިނަ މެންބަރުންނަށް މުސާރަ ފިޔަވައި އެހެން އާމްދަނީއެއް ލިބޭ ކަމަށް ހާމަކޮށްފައެއް ނުވެ އެވެ. ކުލީގެ ގޮތުގައި އާމްދަނީ ލިބެނީ މަދު މެންބަރަކަށެވެ. ވިޔަފާރީގެ ނަފާގެ ގޮތުގައި އާމްދަނީ ލިބިފައިވާ ކަމަށް ވެސް މާލީ ބަޔާނުގައި ބުނެފައިވަނީ މަދު މެންބަރެކެވެ.
ގިނަ މެންބަރުންތަކުގެ ނަމުގައި ކްރެޑިޓް ކާޑެއް އޮތްކަން އެނގޭއިރު ގިނަ މެންބަރުންގެ އެކައުންޓުގައި 100،00ރ. ވެސް ހަމަނުވާ ކަމަށް މާލީ ބަޔާންތަކުން އެނގެ އެވެ. ބައެއް މެންބަރުންނަށް ލައްކައިން ހަދިޔާ ލިބިފައި ހުރިކަން ވެސް މާލީ ބަޔާންތަކުން ހާމަވެ އެވެ.
މިހާތަނަށް މަޖިލީހުގެ ވެބްސައިޓުގައި މާލީ ބަޔާން އާންމުކޮށްފައި ނެތް މެންބަރުންގެ ތެރޭގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް, ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން, ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހިމެނެ އެވެ.













