ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރައެއް ލިބުނު ނަމަވެސް ގިނަ މެންބަރުންގެ އެކައުންޓުގައި ހުރީ މަދު އަދަދެއްގެ ފައިސާ ކަމާއި ގިނަ މެންބަރުންތަކެއް ކްރެޑިޓް ކާޑާއި ލޯނުގެ ގޮތުގައި ދަރަނި ނަގާފައިވާކަން ހާމަވެއްޖެ އެވެ.
މިއަދު ހެނދުނުން ފެށިގެން މަޖިލީހުގެ ވެބްސައިޓުގައި އަންނަނީ މެންބަރުންގެ މާލީ ބަޔާންތައް ޝާއިއު ކުރަމުންނެވެ. މަދު މެންބަރުންތަކެއް ފިޔައި ހުރިހާ މެންބަރުންނެއްގެ މާލީ ބަޔާންތައް މިހާރު ވަނީ ވެބްސައިޓުން ފެންނަ ގޮތް ހަދާފަ އެވެ. މާލީ ބަޔާންތަކުގައި މައުލޫމާތު ހިމަނާފައި ވަނީ މެއި 28، 2024 އިން ފެށިގެން މެއި 27، 2025 ގެ ނިޔަލަށް ހޭދަވި އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
އެ މާލީ ބަޔާންތަކަށް ބަލާއިރު ގިނަ މެންބަރުންނަށް މުސާރަ ފިޔަވައި އެހެން އާމްދަނީއެއް ލިބޭ ކަމަށް ހާމަކޮށްފައެއް ނުވެ އެވެ. ކުލީގެ ގޮތުގައި އާމްދަނީ ލިބެނީ މަދު މެންބަރަކަށެވެ. ވިޔަފާރީގެ ނަފާގެ ގޮތުގައި އާމްދަނީ ލިބިފައިވާކަމަށް ވެސް މާލީ ބަޔާނުގައި ބުނެފައިވަނީ މަދު މެންބަރެކެވެ.
ގިނަ މެންބަރުންތަކުގެ ނަމުގައި ކްރެޑިޓް ކާޑެއް އޮތްކަން އެނގޭއިރު ގިނަ މެންބަރުންގެ އެކައުންޓުގައި 100،00ރ. ވެސް ހަމަނުވާ ކަމަށް މާލީ ބަޔާންތަކުން އެނގެ އެވެ. ބައެއް މެންބަރުންނަށް ލައްކައިން ހަދިޔާ ލިބިފައި ހުރިކަން ވެސް މާލީ ބަޔާންތަކުން ހާމަވެ އެވެ.
މާލީ ބަޔާންތަކުގައި ހާމަކޮށްފައި ހުރި މައުލޫމާތުތައް މިހާތަނަށް ވެރިފައި ކުރެވިފައި ނުވެ އެވެ. އެ ބަޔާންތައް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް އަދަދުއިން އަންނަނީ ކުރަމުންނެވެ. އަދި ޖުމުލަކޮށް ސާފު މަންޒަރެއް އަދަދުގެ ކިޔުންތެރިންނަށް ގެނެސްދިނުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް މަޖިލީހުގެ ވެބްސައިޓުގައި މާލީ ބަޔާން އާންމުކޮށްފައި ނެތް މެންބަރުންގެ ތެރޭގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް, ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން, ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހިމެނެ އެވެ.
މަޖިލީހުގެ މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅި މެންބަރުންނާއި ހުށަނާޅާ މެންބަރުންގެ ލިސްޓެއް މިވަގުތު ދެވެން ނެތް ކަމަށް އެ އިދާރާއިން ބުންޏެވެ. އެހެންކަމުން، މަޖިލިސް ވެބްސައިޓުން މާލީ ބަޔާން ފެންނަން ނެތީ އެ ބަޔާން ހުށަނާޅާތީ ކަމެއް ނުވަތަ އަޕްލޯޑު ނުކުރެވޭތީ ކަމެއް އަދި ނޭނގެ އެވެ.












