ފަލާހު މާފަށް ނޭދި ހުއްޖަތަކަށް ދެއްކީ އަމިއްލަ މާނަ ކުރުމެއް

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު -- ފޮޓޯ: އަދަދު

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު -- ފޮޓޯ: އަދަދު

ބައެއް ނޫސްވެރިން އުލުބައިންދަންޖެހޭ ކަމަށް ސަރުކާރު ހިންގާ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައަށް މައާފަށް އެދިވަޑައިނުގެން، "އުލުބޭންދުމަށް" އަމިއްލަ މާނަކުރުމުގެ ދައްކައި، ވާހަކަ ދިފާއު ކުރައްވައިފި އެވެ.

އުލުބޭންދުމަކީ އިހުޒަމާނުގައި މަރުގެ އަދަބު ތަންފީޒުކުރަން ގެންގުޅުނު އެއް ގޮތެވެ. މިކަންކުރާ ގޮތަކީ ކޮޅުތޫނުކުރި ދަގަނޑު އުލެއްގައި މީހާ ބައިންދަނީއެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެން ގޮސް ބޮލުން ނުކުންނަ ގޮތަށެވެ.

މި އަދަބު ގަދީމީ ރޫމާއި، ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިތުރުން އޮޓޮމަން ވެރިކަމުގެ ކުރީކޮޅު ވެސް ދީފައިވެ އެވެ.

އޮގަސްޓު 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ފަލާހު ދެއްކެވި މި ވާހަކަ ތަހުގީގުކޮށް ދިނުމަށް އެދި މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނުން ހުށަހެޅި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ގެ ލަފައެއް ހޯދަން ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނި ވާހަކަ ނޫސްތަކުން ގެނެސްދިނުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ "ވަރަށް ރަނގަޅު ނިންމެވުމެއް" ކަމަށެވެ.

"އަޅުގަނޑު ނޯންނާނެ މީހަކު މަރަން ބުނެފައެއް،" އޭނާ ވިދާޅުވި އެވެ.

ބައެއް ނޫސްވެރިން އުލުބައިދަންޖެހޭ ކަމަށް ފަލާހު ރުޅިވެރިކަމާއެކު ވިދާޅުވި ވާހަކަ އަށް މީހުންގެ ފާޑުކިޔުން އޮހި، މައްސަލަ ޕޮލިހަށް ހުށަހަޅައި، ޖިނާއީ ތަހުގީގެއް ކުރަން ފަށާހިސާބަށް ދިޔުމުން "އުލުބޭންދުން" މި ބަހަށް އޭނާ ނެރުނު އަމިއްލަ މާނަ ކުރުމެކެވެ.

"އުލުބޭންދުން އަޅުގަނޑުމެން [ރ. އަތޮޅު] ހިސާބުގައި ބޭނުން ކުރަނީ ބަސްނާހާ މީހުން ބިމަށް ވުރެ މަތީ ތާކަށް އެރުވުމަށް،" ފަލާހު ވިދާޅުވި އެވެ.

އޭނާ ޖަލަށް ލައިފި ނަމަ ޖަލުގެ ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަން ކުރި ރައީސުންނާއި އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލީހުގެ މެންބަރުން ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި އެންމެ ގިނަ ވާނީ ނޫސްވެރިން ކަމަށް ވެސް ވިދާޅުވި އެވެ.

"ސަބަބަކީ މިއަށްވުރެ ގިނައިން އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވެ އެފަދަ ވާހަކަތައް ދައްކާފައިވާ ބައެއް މި ގައުމުގަ ނޫޅޭނެ،" އަބުރަކީ މުހިއްމު އެއްޗެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ފަލާހު، ސާބިތު ހެއްކެއް ދެއްކުމެއް ނެތި ވިދާޅުވި އެވެ.

މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ.

"... މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.

މި މައްސަލަ އެމްޖޭއޭއިން ޕޮލިހަށް ހުށަހަޅާފައިވާއިރު، ފަލާހު މައާފަށް އެދުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox