ނޫސްވެރިން އުލުބައިންދަންޖެހޭ ކަމަށް ފަލާހު ވިދާޅުވުމުން އެތައް ބަޔަކު ފާޑުކިޔަނީ

ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމުން އެތައް ބަޔަކު އެކަމާ ނުރުހުންވެ ފާޑުކިޔަން ފަށައިފި އެވެ.

މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ.

"... މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.

ދިވެހި ރަދީފުގައި ބުނެފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. އުލުބައިންދާއިރު ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރެނީ އެވެ.

ފަލާހުގެ އެ ވާހަކަތަކާ ގުޅިގެން އެތައް ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކޮށް އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ބަޔަކަށް އަނިޔާވެރިވުމަށް މަޖިލީހުގެ މެންބަރަކު ގޮވައިލުމަކީ ތަހުގީގު ކުރަންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެފަދަ މީހަކު މަޖިލީހުގައި ހުންނަން ކުފޫ ހަމަވޭތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.

"ޖާނަލިސްޓުން މަރަން މި މީހާ މި ގޮވީ، ކުށް ކުރުމަށް މި މީހާ މި ގޮވީ. މަޖިލިސް އިމްތިޔާޒަކީ ކުށް ކުރަން ފަހި ކުރުމަށް އޮތް އިމްތިޔާޒެއް ނޫން. ރަނގަޅަށް ގާނޫނު ހިނގާ ގައުމެއްގައި މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަށް ފިޔަވަޅު އެޅޭނެ. މުޅި މަޖިލީހުގައި ބީ*އިން،" ހަސަން ޝަހީރުގެ ނަމުގައި އެކްސް އެކައުންޓެއް ހިންގާ މީހަކު ބުނެފައިވެ އެވެ.

ފަލާހު ދެއްކެވި ވާހަކައަށް ފާޑުވިދާޅުވެ ގާނޫނީ ވަކީލު، އަހުމަދު މައުރޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިންނަށް ލާއިންސާނީ އަދަބު ދިނުމަށް ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ގޮވައިލުމުން އެމީހުންގެ މަގުސަދާއި ވިސްނުން ހާމަވާ ކަމަށެވެ.

"ވެރިކަން ކުރާ ޕާޓީގެ މެންބަރަކު ނޫސްވެރިންނަށް ލާއިންސާނީ އަދަބު ދޭން ގޮވައިލުމުން އެބައިމީހުންގެ ވިސްނުމާއި މަގުސަދު އޮތް ގޮތް ވަރަށް ބޮޑަށް ސާފުވޭ. އަދިވެސް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މި ބިލާ ހަވާލު ވެވަޑައިނުގަންނަވަން، އެކަމަކު މި ބިލު ހަމަ ފާސް ކުރާއިރަށް ތަސްދީގު ކުރައްވާނެ،" މައުރޫފް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

އެ ވާހަކައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ޕޯސްޓު ކުރެއްވި ގާނޫނީ ވަކީލު އަބްދުالله މަހުޒޫމް މާޖިދު ގޮވައިލެއްވީ ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ހައްޔަރު ކުރުމަށެވެ.

"ކީއްވެގެންތޯ މިއީ ޓެރެރިސްޓު އަމަލަކަށް ނުވަނީ؟ އުލު ބޭންދުން އެއީ ކޮން ކަމެއްކަން ނޭނގެނީތޯ؟ އެއީ މީހުން މެރުންކަން ނޭނގެނީތޯ؟ އިބްރާހިމް ފަލާހު ހައްޔަރު ކުރޭ؟" މަހުޒޫމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ފަލާހު ދެއްކެވި ވާހަކައާ ގުޅިގެން ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރާ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ފަލާހު ވިދާޅުވީ އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނެ މީޑިއާތަކުން ދޮގު ހެދި ކަމަށް ބުނެ އެވެ. ފަލާހު އެހެން ވިދާޅުވި ނަމަވެސް އެއްވެސް މީޑިއާއަކުން އެފަދަ ހަބަރެއް ނުލިޔެ އެވެ. އެ ވާހަކަ ބޮޑަށް ދައުރުވީ ސޯޝަލް މީޑިއާގަ އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މުހައްމަދު (އެންޓްރެކް ހަންނާނު) ހުށަހެޅުއްވި މީޑިއާ ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މަގު ބަންދު ކުރެވޭނެ ގޮތަށެވެ. އެ ބިލުގެ ދަށުން ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ ބާރު ރައީސް މުހައްމަދު މުއިއްޒަށް ނެގޭނެ މަގު ވެސް ބިލުން ފަހިވެ އެވެ.

އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، ރެޖިސްޓްރޭޝަން ވެސް ބާތިލު ކުރެވޭނެ އެވެ.

އެ ބިލުގެ 60 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާއަކާ ގުޅޭ ނިސްބަތަކުން ހިނގާނެ" ކަމަށެވެ.

އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.

އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި ފަހުން، މުއިއްޒު ގެންދަވަނީ މީޑިއާއާ ގުޅޭ ގޮތުން ދޮގު ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރުޅިވެރިކަން މީޑިއާތަކަށް އަމާޒުކޮށްފަ އެވެ.

"މި ހޯލު ތެރޭގަ މި ތިބީ އެންމެން. މިސާލެއްގެ ގޮތުގަ މިކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލާނަން. ތީގެ ތެރެއިން ބޭފުޅަކު ތިމަންނަގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ މިތާ ތެދުވެ އިއުލާނުކޮށްލަންވީ މިތާ ބޮމެއް އެބަ އޮތޭ. [އެހެން] ކިޔާފަ ހަޅޭލަވައިލައްވަންވީ. އެއީ މިނިވަންކަންތޯ. ދެން އެހެން މީހުންގެ ހައްގުތަކަށް އެ ހިސާބުން ވާނީ ކިހިނެއްތޯ،" މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox