މީޑިއާ ވެސް ހިންގަންޖެހޭނީ އިމެއްގެ ތެރެއިން އަދި ހުދޫދެއްގެ ތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ކުރިއަށް ދިޔަ މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަން ފައްޓަވަމުން ވެސް އަޒާނު ވިދާޅުވީ ނޫސްވެރިކަމަކީ ވެސް ވަކި އިމެއް، ހުދޫދެއް ކަނޑައެޅިގެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ ބިލުގެ މަގުސަދަކީ ނޫސްވެރިކަމުގެ އިން ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތަރު ވަނަ ބާރުގެ ގޮތުގައި އަޅުގަނޑުމެން މި ދެކޭ މީޑިއާ ވެސް ހިންގަން ޖެހޭނީ މި ދެންނެވި ފަދަ އިމެއްގެ ތެރެއިން، ހުދޫދެއްގެ ތެރެއިންކަން އަޅުގަނޑު ގަބޫލުކުރަން. މިއަދު އަޅުގަނޑުމެން ބަހުސް ކުރާ މި ބިލު މި މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ ވެސް މީޑިއާ ވެސް އެ ހުދޫދުގެ ތެރެއަށް ފެއްތުން، އެ އިމެއްގެ ތެރެއަށް ލުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަޒާން ވިދާޅުވި އެވެ.
މީޑިއާ ރެގިއުލޭޓު ކުރަން ތާއީދު ކުރި ނަމަވެސް އަޒާނު ވަނީ ބިލުގައި ކަންބޮޑުވާން ޖެހޭ ބައެއް ކަންކަން އެބަ ހުރި ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މި ކަންބޮޑުވުންތައް ހިއްސާކުރުމެއް ނެތި، އޭނާ ދައްކަވަން ފެއްޓެވީ އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރު އޭނާ ފުލުހަށް ހާޒިރުކުރި ވާހަކަ އެވެ.
"ފާއިތުވި ފަސް އަހަރު، 2018 އިން 2023 އަށް، މި މުއްދަތުގެ ތެރޭގައި އަޅުގަނޑު ހަތަރު ފަހަރު ފުލުހަށް ހާޒިރުކުރި. އެއީ މީޑިއާއާ ގުޅޭ ކަންތައްތައް ކޮށްގެން، ޓްވީޓު ކޮށްގެން، ހަބަރު ލިޔެގެން،" އަޒާން ވިދާޅުވި އެވެ.

މި ގޮތުން އޭނާގެ މައްޗަށް ތަހުގީގުކުރެވުނު އެއް މައްސަލައަކީ އުތުރުތިލަފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން، އެ ތަނަށް އަރަން އުޅުނު މައްސަލަ އެވެ. އެ މައްސަލައިގައި އަޒާން އާއި އިތުރު ދެ މީހަކަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، މައްސަލަ ވެސް ބަލަން ފެށި އެވެ.
މި ހާދިސާގެ ވާހަކަ ދެއްކެވުމަށްފަހު، އަޒާން ވަނީ އެމްޑީޕީ ސަރުކާގައި ސިޔާސީ ކަންކަމުގައި ހިޔާލު ފާޅުކުރުމާ ގުޅިގެން މީހުން ވަޒީފާތަކުން ވަކިކޮށް، މައްސަލަތައް ބެލި ކަން ފާހަގަކުރައްވާފަ އެވެ. އަދި، އެމްބަސީއެއް ގޮއްވާލާނެ ކަމަށް ޓްވީޓެއް ކުރި މައްސަލައިގައި، އޭނާގެ ނޫސް 'ދިޔަރެސް' އާ ދެކޮޅަށް ސަަރުކާރާއި އެމްޑީޕީން ބަޔާންތައް ނެރުނު މައްސަލަ ވެސް ފާހަގަކުރެއްވި އެވެ.
އަޒާން ވިދާޅުވީ، މި ފަދަ ގާނޫނުތައް ހަދާ އިރު، އަބަދު ވެރިކަަމުގައި ތިބޭނީ 'އަޅުގަނޑުމެންގެ ޕާޓީ ނޫންކަން' ވިސްނަން ޖެހޭ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅި ގޮތަށް، ދެން ވެރިކަމަށް އަންނަ ބަޔަކު ވެސް މި ގާނޫނުގެ ނުރަނގަޅު ބޭނުން ހިފުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރު ވެރިކަން އެ ކުރެއްވި ބޭފުޅުން ފަދަ، އެ ކަހަލަ ވެރިކަމެއް ދެން އަތުވެއްޖިއްޔާ އަނެއްކާ ވެސް މިފަދަ ގާނޫނުތައް ބޭނުންކުރާނީ އަޅުގަނޑުމެންނާ ދެކޮޅަށް. ނޫސްވެރިންނާ ދެކޮޅަށް. އަދި މިނިވަން ހިޔާލާއި މިނިވަން ފިކުރުގެ ފަރާތްތަކާ ދެކޮޅަށް،" އަޒާން ވިދާޅުވި އެވެ.
މިނިވަން މީޑިއާ ނައްތާލާ ބިލުގެ ގޮތުގައި ލޭބަލްވެފައިވާ މި ބިލުގައި އަޒާންގެ ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި ކޮމިޝަނުން މައްސަލަ ބަލަން ފެށުމާ އެކީ ނޫހެއް ހުއްޓުވާލުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ކަންތައްތަކުގެ މައްސަލަ ބެލުން ފާހަގަކުރެއްވި އެވެ. އަދި ބިލާ މެދު ގޮތެއް ނިންމުމުގެ ކުރިން ނޫސްވެރިން ހިމެނޭހެން ހުރިހާ މަސްލަހަތުވެރިން ބައިވެރިކޮށްގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން އޭނާ ގޮވާލެއްވި އެވެ.











