މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ހުށަހެޅި ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޖިލީހުގެ ދައުރު ވެސް މިއަދު ނިންމާލައިފި އެވެ.
މީޑިއާ ނެތިކޮށްލާ ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލީ ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކުރުމުންނެވެ. އެ އިހުތިޖާޖުގައި "އަދަދު" އާއި "މިހާރު" އާއި "ދައުރު" ގެ ނޫސްވެރިން ބައިވެރިވި އެވެ.
އިހުތިޖާޖު ކުރުމުގެ ގޮތުން ބައެއް ނޫސްވެރިން ތިބީ ބިލާ ދެކޮޅަށް ފާޅުކޮށްފައި ހުރި ހިޔާލުތައް ލިޔެފައި ހުރި ބޯޑުތަކެއް ހިފަހައްޓައިގެންނެވެ. އަދި ބިލާ ދެކޮޅުވެރިކަން ދެއްކުމުގެ ނިޝާނެއްގެ ގޮތުން ނޫސްވެރިން ތިބީ އަނގަމަތީގައި އަތް އަޅައިގެންނެވެ.
ބިލުގެ ބަހުސް ވަކި ހިސާބަކަށް ދިޔަފަހުން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ބިލު އިތުރަށް ދިރާސާ ކުރަން ބޭނުންވާތީ ބިލުގެ ބަހުސް މިއަދަށް ނިންމާލީ ކަމަށެވެ.
"މިހާ ހިސާބަށް މި ބިލުގެ ބަހުސް ދިޔައިރު އަޅުގަނޑަށް ފާހަގަ ކުރެވުނީ ހަމަ ހުރިހާ އިއްޒަތްތެރި މެންބަރުން ވެސް މި ބަލަށް ވާހަކަ ދައްކަން ބޭނުންވެވަޑައިގަންނަވާކަން. ބައެއް ބޭފުޅުންގެ ވާހަކަތަކުން މި ބިލު އިތުރަށް ދިރާސާ ކުރަން ބޭނުންވާ ކަމަށް ވެސް އަޅުގަނޑަށް އެބަ ވިސްނޭ. އެހެންވީމާ އަޅުގަނޑު ގަސްދު ކުރަނީ މި ބިލުގެ ބަހުސް މިއަދަށް ނިންމާލަން," އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭގެ ފަހުން، މިއަދު ކުރިއަށްގެންދިޔައީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ކަމަށް އަބްދުއްރަހީމް އިއުލާނު ކުރެއްވި އެވެ. އެކަމަކު، ބައެއް ކޮމިޓީތަކުގެ މަސައްކަތް މިއަދަށް ވަނީ ތާވަލުކޮށްފަ އެވެ. އޭގެ ތެރޭގައި 241 ކޮމިޓީގެ މަސައްކަތެއް ވެސް ހިމެނެ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.











