ލިވަޕޫލް (އޮގަސްޓް 14) - ޕާމާ އަށް ކުޅެމުން އަންނަ އިޓަލީގެ 18 އަހަރުގެ ޑިފެންޑަރު، ޖިއޮވާނީ ލެއޯނީ، 41 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން އިނގިރޭސި ޗެމްޕިއަން، ލިވަޕޫލަށް ބަދަލުވާން ނިންމައިފި އެވެ.
ޕާމާ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެއޯނީ ގަންނަން ލިވަޕޫލުން ފުރަތަމަ ދައްކާނީ 35 މިލިއަން ޑޮލަރެވެ. ބާކީ ހަ މިލިއަން ޑޮލަރަކީ، ލެއޯނީ ލިވަޕޫލްގައި ދައްކާ ކުޅުމާއި ހާސިލްކުރާ ކަންކަމަށް ބަލައިފައި، ލިވަޕޫލުން ދޭން ނިންމާފައިވާ ފައިސާ އެވެ.
ލެއޯނީ ދޫކޮށްލުމުގައި ޕާމާ އިން ތަފާތު ޕްރޮޕޯސަލެއް ވެސް ލިވަޕޫލަށް ހުށަހެޅި އެވެ. އެ ގޮތުން، 30 މިލިއަން ޑޮލަރުގެ ޕެކޭޖެއްގައި ލެއޯނީ ދޫކޮށްލަން ހުށަހެޅީ މި ސީޒަނުގައި، އޭނާ ޕާމާގައި ލޯނަކަށް މަޑުކުރާ ގޮތަށެވެ. އެކަމަކު، ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ވަނީ، ލެއޯނީ އަކީ މި ސީޒަނުގެ ޕްލޭނަށް ވެސް މުހިންމު ކުޅުންތެރިއެއް ކަމަށް ބަލައި، އެ ޑީލް ވަގުތުން ނިންމަން އަންގައިފަ އެވެ.
ކްރިސްޓަލް ޕެލަސްގެ ކެޕްޓަން، އިނގިރޭސި ޑިފެންޑަރު، މާކް ގޭހީ، ލިވަޕޫލަށް ސޮއިކުރުމުގެ މަޝްވަރާތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. ލިވަޕޫލުން ގޭހީގެ ސޮއި ހޯދަން، 40 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި، އެ ޑީލަށް ޕެލަސް އިން ވެސް ރުހޭ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.
ލިވަޕޫލުން ވަނީ މި ފަހަރުގެ ޓްރާންސްފާގައި، އާ ކުޅުންތެރިން ގަންނަން 300 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ. ލެއޯނީ އާއި ގޭހީގެ އިތުރުން ނިއުކާސަލް ޔުނައިޓެޑްގެ އަލެކްސަންޑަ އިސާކްގެ ޓްރާންސްފާ ކަންކަން ނިންމަން ލިވަޕޫލުން މަސައްކަތްކުރާއިރު، މި ޑީލްތައް ނިންމައިފިނަަމަ، މި ފަހަރު ލިވަޕޫލްގެ ޖުމްލަ ހަރަދު 500 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ އެވެ.












