ލިވަޕޫލް (އޮގަސްޓް 9) - ލިވަޕޫލަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ހާވީ އެލިއަޓް، 50 މިލިއަން ޑޮލަރަށް ވިއްކާލުމަށް އެ ކްލަބުން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެލިއަޓް، 22، ގެ ސޮއި ހޯދުމަށް ޖަރުމަނުގެ އާރްބީ ލައިޕްޒިގާއި އިނގިރޭސި ކްލަބް، ޓޮޓެންހަމް ހޮޓްސްޕާސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެ ގޮތުން، ލައިޕްޒިގަށް ކުޅޭ ނެދަލެންޑްސްގެ ޒަވީ ސިމޯންސް އެ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، އެ ޓީމުން އެލިއަޓް ބޭނުމީ އެ މަގާމަށެވެ. އަދި، ޓޮޓެންހަމްގެ ޖޭމްސް މެޑިސަން އަށް އަނިޔާވެ، ހަ މަސް ދުވަހަށް މަދުވެގެން ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ، އެ ކްލަބްގެ އެއް ނަމްބަރު ޓާގެޓަކީ، އެލިއަޓް އެވެ.
ލިވަޕޫލާ އެކު، އެލިއަޓް ހަދާފައި އޮތް ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތްއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެލިއަޓް ވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ދައްކައިފަ އެވެ.
އެލިއަޓް ބުނީ، ލިވަޕޫލްގައި މަޑުކުރަން އޭނާ ބޭނުންވި ކަމުގައި ވިޔަސް، ކެރިއަރަށްޓަކައި، އަމިއްލަ އެދުން އިސްކޮށް ނިންމުމެއް ނިންމަން ޖެހޭ ކަމަށެވެ. އެ ގޮތުން، އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ އިންގްލެންޑްގެ ސްކޮޑުގައި ހިމެނުމުގެ އަމާޒުގައި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާއިރު، ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ގޮތަކަށް ކަންކަން ނިންމަން ޖެހޭ ކަމަށް ވެސް އެލިއަޓް ވަނީ ބުނެފަ އެވެ.
މީގެ ހަ އަހަރު ކުރިން، ފުލަމް އެކަޑަމީން އެލިއަޓް ގެންނަން ލިވަޕޫލުން ދެ މިލިއަން ޑޮލަރު ހަރަދުކުރަން ޖެހުނެވެ. ލިވަޕޫލަށް 147 މެޗުން 15 ގޯލު ޖަހައި، 20 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އެލިއަޓް ވަނީ އެ ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި، އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.












