ޝުޖާއުގެ މައްސަލައިގައި ޕީއެންސީ މެންބަރުން ހެޕީއެއް ނޫން، ބައްދަލުވުން ހޫނުވީ އެހެންވެ!

ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ އިސް ބައެއް ބޭފުޅުން. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ އިސް ބައެއް ބޭފުޅުން. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ ބުދަ ދުވަހުގެ ބައްދަލުވުން ހޫނުވި މައިގަނޑު އެއް ސަބަބަކީ ބައެއް މެންބަރުންގެ ކުންފުނިތަކުގެ ބިލްތަކާއި އާންމުންގެ ބިލްތަކަށް ސަރުކާރުން ފައިސާ ނުދައްކައި ފުނިޖައްސާފައި ހުއްޓައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ކުންފުނިތަކަށް އެތައް މިލިއަނަކުން ފައިސާ ދޫކުރުން ކަމަށް، އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން އަދަދު ނޫހަށް ވިދާޅުވެއްޖެ އެވެ.

ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކްކޮށްލިއިރު، އެ ރިޕޯޓުން އެނގޭ ގޮތުން ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 10، 2024 ގެ ނިޔަލަށް ޝުޖާއުގެ އެކި ކުންފުނިތަކުގެ ބިލްތަކަށް އެތައް މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

"އެއީ އަދި މަދު އެތިކޮޅެއް،" ޕީއެންސީގެ މެންބަރަކު "އަދަދު ނޫހަށް ވިދާޅުވި އެވެ.

ޝުޖާއުގެ ކުންފުނިތަކުގެ މުއާމަލާތްތަކާމެދު ތުހުމަތުތައް ހުރެގެން އެފްއައިޔޫ އިން ޕޮލިހަށާއި އޭސީސީއަށް އެ މައްސަލަ ފޮނުވާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެ މައްސަލަ ތަހުގީގުކުރާކަން ޕޮލިހާއި އޭސީސީން ހާމަކުރީ އެފްއައިޔޫގެ ރިޕޯޓު ލީކްވެ، ރައްޔިތުން "ކެކެން" ފެށުމުންނެެވެ.

"ޝުޖާއުގެ މައްސަލައެއް ނުބަލާނެ. އެހެން ނޫނަމަ އެފްއައިޔޫގެ ވެރިޔާ ބަދަލެއް ނުކުރާނެ. އެއް އަހަރުވީއިރު ސުވާލުކޮށް ނުލީމަ އެ ބުނެދެނީ މައްސަލަ ނުބަލާނެކަން،" މެންބަރަކު ވިދާޅުވި އެވެ.

ޝުޖާއުގެ މައްސަލަ ފެންމަތިވެފައި އޮތްވައި ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވިކަން އެ ޕާޓީގެ އެތައް މެންބަރުންނެއް ކަށަވަރުކޮށް ދެއްވި އެވެ.

އެ ބައްދަލުވުމަށް ފަހު އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެންބަރަކު، މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް "ގައުމާއި ރައްޔިތުންގެ ހައްގުގައި" ޕާޓީ ދޫކޮށްލައި ރައްޔިތުންގެ ފަޅިއަށް އަރާނެކަން ޔަގީންވާ ކަމަށެވެ.

އައްބާސް ވިދާޅުވީ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާ މެދު މެންބަރުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެއްވި ކަމަށެވެ. އަބަދު މަންމަނުވެގެން ނުތިބެވޭނެ ކަމާއި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބަސް ބުނާނެ ކަމަށް ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައެއް މެންބަރުން ފާހަގަ ކުރެއްވި ކަމަށް އައްބާސް ވިދާޅުވި އެވެ.

އައްބާސްގެ ވާހަކަ ނޫސްތަކުން ގެނެސްދިނުމުން ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން ދިފާއުގައި ބަސް ވިދާޅުވާ ފެއްޓެވި އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވީ 13، 14 މެންބަރަކު ޕާޓީ ދޫކޮށްލާނެ ކަމަށް އައްބާސް ވިދާޅުވި ވާހަކައަކީ މި ވަގުތަށް ހަގީގަތެއް އޮތް ވާހަކަ އަކަށް ނުވިޔަސް، މެންބަރުންގެ ހިތްހަމަ ނުޖެހުން އިންތިހާއަށް އެބަ އޮތް ކަމަށެވެ.

"އައްބާސް އެހެން އެ ވިދާޅުވަނީ މެންބަރުންގެ ނުތަނަވަސްކަން ހުރި މިންވަރު ބޮޑުކަމުން. އަޅުގަނޑުމެންގެ މެންބަރުން ޕޯސްޓުކުރިޔަސް، ހިތްހަމަ ނުޖެހުން އެބަ އޮތް ސަރުކާރުން ކަންކަން ކުރާ ގޮތާމެދު،" މެންބަރަކު ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ބައްދަލުވުމުގައި ވެސް ޝުޖާއުއަށް ނިސްބަތްކޮށް ބައެއް މެންބަރުން "ތިމަންނަމެއް ހެޕީއެއް ނޫނޭ" ވިދާޅުވި ކަމަށް، ބައެއް މެންބަރުން އަދަދު ނޫހަށް ވިދާޅުވި އެވެ.

ޝުޖާއު އަށް ނިސްބަތްކޮށް "ހެޕީއެއް ނޫނޭ" އިޝާރާތް އެކުރީ 2023 ވަނަ އަހަރު "ދުއްޕާން" ނަމުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި، އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި އެންމެންނަށް ގަނޑުކޮށް މުސާރަ ދީ ވަޒީފާ އަލުން ދޭނެ ކަމަށް ޝުޖާއު ވިދާޅުވުމަށް ފަހު، "ހެޕީ، ހެޕީ، އެންމެން ހެޕީ ދޯ،"އޭ ވިދާޅުވެފައިވާ ވާހަކަ އަށެވެ.

"ހުރިހާ މެންބަރުންނަށް ވެސް އެބަ އެނގޭ ލީޑަޝިޕްގައި ތިބި މަދު ބަޔަކަށް ހުރިހާ މަންފާތައް ލިބެނީ. އާދައިގެ މެންބަރުންނަށް މި ލިބޭ ބައި ލައްކަ. އެ ލިބޭކަން މިހާރު އެންމެންނަށް ވެސް އެނގޭ. އެހެންވެ، ލިބޭއިރު އޮންނަނީ ހުސްވެފައި،"މެންބަރަކު ވިދާޅުވި އެވެ.

ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމާއި ކަންކަމުގައި ރައްޔިތުންނާ ގުޅޭ ކަންކަމުގައި ވެސް މެންބަރުންނާ މަޝްވަރާ ނުކުރުމާއި، މެންބަރުންނާއި ރައީސް މުއިއްޒުއާ އޮންނަ ގުޅުން ދުރުވުމުން ވެސް ޕީއެންސީގެ މެންބަރުންގެ ހިތްހަމަ ނުޖެހުން އެބަ އޮތެވެ.

"މިހާރު ރައީސް އާއި މެންބަރުންނާ ވަކިވަކިން ބައްދަލުނުވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ،" މެންބަރަކު ވިދާޅުވި އެވެ.

ކޮންމެ ފަހަރު މެންބަރުން ހިތްހަމަ ނުޖެހުމުން ބާއްވާ ބައްދަލުވުންތަކަކީ ކަމެއް ނުނިންމޭ "އަރަބި ސަމިޓެކޭ" އެއްގޮތް ކަމަށް ބައެއް މެންބަރުން ސިފަކޮށް ބުދަ ދުވަހު ވެސް ވާހަކަ ދެއްކެވި ކަމަށް، އަދަދު ނޫހާ ވާހަކަ ދެއްކި މެންބަރަކު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ 93 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެެއިން 75 މެންބަރުން ނިސްބަތް ވަނީ ޕީއެންސީ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox