ސައޮ ޕައޮލޯ، ބްރެޒިލް (އޮގަސްޓް 4) - ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު، ޑޭވިޑް ލުއިޒް، އުމުރުން 38 އަހަރުގައި ޔޫރަޕްގެ ކްލަބަކަށް ވަނީ ބަދަލުވެފައި.
ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކަށް ކުޅެފައިވާ ލުއިޒް ސޮއިކުރީ، މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ކުޅުމުގެ ފުރުސަތު އޮތް ސައިޕްރަސްގެ ޕަފޯސް އެފްސީ އަށެވެ.
ޕަފޯސް އިން އިއުލާނުކޮށްފައިވާ ގޮތުގައި، ލުއިޒް އެ ޓީމަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މާނަ އަކީ، އެއްބަސްވުން ފުރިހަމަކޮށްފިނަމަ، ލުއިޒް، އެ ކްލަބް ދޫކޮށްލާނީ އުމުރުން 40 އަހަރުގަ އެވެ.
ޗެމްޕިއަންސް ލީގުގެ ކޮލިފައިން ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ޕަފޯސް އިން ނުކުންނާނީ ޑިނަމޯ ކިއޭވްއާ ދެކޮޅަށެވެ. އެ މެޗުގައި، ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ލުއިޒް ނުކުޅޭނެ އެވެ. އެކަމަކު، ދެ ވަނަ ލެގަށް އޭނާ ފިޓްވުމުގެ ފުރުސަތު އެބައޮތެވެ.
ބްރެޒިލްގެ ވިޓޯރިއާ އިން 2006 ވަނަ އަހަރު ކެރިއަރު ފެށި ލުއިޒް، ޖެހިގެން އައި އަހަރު ޔޫރަޕަށް ބަދަލުވީ، ޕޯޗުގަލްގެ ބެންފީކާ އަށެވެ. ތިން އަހަރު، އެ ޓީމަށް ކުޅުމަށް ފަހު، 2011 ވަނަ އަހަރު ޗެލްސީ އަށް ސޮއިކުރި އެވެ. އެ ޓީމުގައި ވެސް ތިން އަހަރު މަޑުކުރުމަށް ފަހު، ދެން ގުޅުނީ، ޕީއެސްޖީ އަށެވެ. ޕީއެސްޖީގައި ދެ ސީޒަން، ކުޅުމަށް ފަހު، އެނބުރި ޗެލްސީ އަށް ބަދަލުވެ، އަނެއްކާ ވެސް އެ ޓީމަށް ތިން އަހަރު ކުޅެދިނެވެ.
ޔޫރަޕްގައި، އެންމެ ފަހުން ލުއިޒް ކުޅުނީ އާސެނަލް އަށެވެ. އެއީ، ޗެލްސީ ދޫކޮށް، 2019 އިން 2021 އަށެވެ. އޭގެ ފަހުން، ބްރެޒިލް ލީގަށް ބަދަލުވި ލުއިޒް، އެ ގައުމުގައި ކުޅެފައިވަނީ، ފްލަމެންގޯ އާއި ފޯޓަލެޒާ އަށެވެ.












